ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ފާސްކޮށްފި

މާލޭ ފަޅުތެރޭގައި އަޅާފަރި އޮތް މަސްދޯންޏެއްގައި ބިދޭސީންތަކެއް:--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ އިގްތިސާދާއި ފުދުންތެރިކަމާއި އުފެއްދުންތެރި ކަމަށް ރިއާޔަތްކޮށް, މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ބިދޭސީންނަށް ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 49 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމަށް ނުފެންނަކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ހުށަހެޅުއްވި އެ ބިލު ދިރާސާކޮށްފައިވަނީ އިޖުތިމާއީ ކޮމިޓީންނެވެ.

ސަރުކާރުން މިނިމަމް ވޭޖެއް ކަނޑައަޅާ، އަދަދުތައް ހާމަކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިނިމަމް ވޭޖް ވަނީ ދޭން ފަށާފައެވެ.

މިނިމަމް ވޭޖު އިއުލާން ކުރިއިރު ކަނޑައަޅައިފައިވަނީ ހަތަރު ދާއިރާއަކަށެވެ. އެއީ ކުދި ވިޔަފާރިތަކަށް މަހަކު 4,500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7,000 ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް މަހަކު 8,000 ރުފިޔާ އަދި ސިވިލް ސާވިސް (ޕަބްލިކް ސެކްޓާ)އަށް މަހަކު 7,000 ރުފިޔާއެވެ.

މިނިމަމް ވޭޖް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމުގެ ގަވައިދު ކަނޑައެޅުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައެވެ.

ނަމަވެސް މިއަދު ފާސްކުރި އިސްލާހުގައި ވަނީ ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރާށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް ދޭނެ މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާފައި ނެތުމުން އޭގެ ގެއްލުން ދިވެހި މަސައްކަތްތެރިންނަށް ވެސް ލިބޭނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މީގެ ކުރިން ބުނެފައިވެއެވެ.

ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުލިބުމަކީ މިހާރު ވެސް ބިދޭސީ މަސައްކަތްތެރިންނާ ދޭތެރޭ އޮންނަ ތަފާތު ކުރުންތައް އިތުރުވެ، އެ މީހުންގެ ހައްގުތައް ގެއްލި، އެ މީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ފާހަގަކުރެއެވެ.

ހަމައެއާއެކު ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ރާއްޖޭގައި މިހާރު ވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސް ވެދާނެ ކަމެއް ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް