އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިގެންފި

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 27 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ތިން މެންބަރަކު ވަނީ މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލައިގައި ބުނީ ދިވެހިރާއްޖެއަކީ އިސްލާމީ އުސޫލްތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ކަމަށް ގާނޫނުއަސާސީގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެކުލަވާލި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފުރަތަމަ ދައުރު ހަމަވެ، އެތައް ދުވަހެއް ފާއިތުވި އިރު ވެސް މި ސަރުކާރަށް އެ މަޖިލިސް އަލުން އެކުލަވާލެވިފައި ނުވާ ކަމަށް މައްސަލައިގައިވެއެވެ.

ބަވަނަވެފައިވާ ދުނިޔޭގައި، ގުޅިލާމެހިފައިވާ ގޮތެއްގައި ދިރިއުޅެން ޖެހިފައިވާ ދިވެހިންނަށް އެކި ގޮތްގޮތުން ފޯރަމުންދާ ނުފޫޒުތަކުގެ ސަބަބުން ރާއްޖޭގައި ދީނީ ޚިލާފުތަކާއި ހަރުކަށި ފިކުރު އިތުރުވަމުންދާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ދީނީ ގޮތުން ޚިލާފު އުފެދޭ ބޮޑެތި މައްސަލަތަކުގައި އަމަލު ކުރަންވީ ގޮތް އޮޅި، އެކި މީހުން އެކި ފަތުވާ ނެރުމުގެ ސަބަބުން ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި، ޖިނާއީ މައްސަލަތައް އުފެދި ޖިނާއީ ކުށްތަކަށް އަރައިގަނެ މީހުންގެ ލޭ ހުއްދަކޮށް، ނިރުބަވެރި އަމަލުތައް ހިންގާ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ފަތުވާ މަޖިލީހަށް މެންބަރުން އައްޔަން ކުރުން އަވަސްކުރުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

އޭނާ އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގަތުމުން އެކަމާމެދު ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ޖޫން މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ޑޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ވެސް ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދުމަށް ގިނަބަޔަކު އެދުނެވެ. ނަމަވެސް ފަތުވާ މަޖިލިސް އުފެއްދި އިރު އައްޔަން ކުރި މެންބަރުންގެ ދައުރު ނިމުމުން އެ ބޭފުޅުންގެ ބަދަލުގައި މެންބަރުން އައްޔަނު ކޮށްފައި ނުވާތީ ފަތުވާ މަޖިލިސް އޮތީ ހުސްކަމެއްގެ ތެރޭގައެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުން، ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގަމުންއައި ފިގްހު އެކަޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލިސްގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރުގައެވެ.

comment ކޮމެންޓް