ޕީއެސްއެމްގެ ބޯޑު މެންބަރުންނާއި ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު ކޮމިޓީއަށް ހާޒިރުކުރަނީ

ދައުލަތުގެ ޓީވީ، ޓީވީއެމް ހިންގާ އިމާރާތް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައިގައި ޕީއެސްއެމްގެ ބޯޑު މެންބަރުންނާއި ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު އަޙުމަދު ފަޒީލް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ކޮމިޓީއަށް އެ މައްސަލަ ބަލަށް އޭނާ ހުށަހެޅީ، މެލޭޝިޔާގެ ކުންފުންޏެއް މެދުވެރިކޮށް ޕީއެސްއެމްގައި އާކައިވެއް ގާއިމްކުރަން ސަރުކާރުން ތިން މިލިއަން ޑޮލަރު ދިން ނަމަވެސް އޭގެ އެއްވެސް މަސައްކަތެއް ނުކޮށް އަދި ފައިސާ ވެސް އެ ކުންފުންޏާ ހަވާލުނުކޮށް ފައިސާއަށް ވީނުވީއެއް ނޭނގިފައި ވާތީކަމަށެވެ. އެހެންކަމުން މިކަމާ ގުޅިގެން ޕީއެސްއެމްގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު ފަޒީލް ކޮމިޓީއަށް ހާޒިރުކޮށް އެކަމުގެ މައުލޫމާތު އަލުން ނަގާ އެ މައްސަލަ ބެލުމަށް އޭނާ އެދިވަޑައިގަތެވެ.

ބޮންޑޭގެ ހުށަހެޅުމަށް ތާއީދުކޮށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ ޕީއެސްއެމްގެ ބޯޑު މެންބަރުންނާ ވެސް އެކަމުގައި ސުވާލުކުރަން ޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ. އެހެންވެ ބޯޑު މެންބަރުން ވެސް އެ ކޮމިޓީއަށް ހާޒިރުކުރުމަށް އޭނާ ހުށަހެޅުއްވިއެވެ. އަބްދުﷲ ވަހީދުގެ ހުށަހެޅުމަށް ބޮންޑޭ ވަނީ ތާއީދު ކުރައްވައިފައެވެ.

ޕީއެސްއެމުން ފޮނުވާފައިވާ ސިޓީއެއް ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު ވަނީ އިއްވާފައެވެ. އެގޮތުން އެެ ސިޓީގައި ވާގޮތުން ޑިރެކްޓަރުންގެ ބޯޑުން އިންޓާނަލް އޮޑިޓަރު ވަކިކޮށް އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓު އުވާލީ ޚަރަދު ކުޑަކޮށް އިންޓާނަލް އޮޑިޓް ފަންކްޝަން އައުޓްސޯސް ކޮށްގެން އެ މަސައްކަތް ކުރުމަށެވެ.

"މި ނިންމުމުގެ ކުރިން ޑިރެކްޓަރުންގެ ބޯޑުން ވަނީ އޮޑިޓް ފާމަކާ ބައްދަލުކޮށް އެކްސްޓާނަލް އަދި އިންޓާނަލް ފަންސްޝަން ތަކާއި އޮޑިޓް ކަންކަން ކުރިއަށްގެންދިއުމުގެ ރަނގަޅު އުސޫލުތަކާ ގުޅޭގޮތުންނާއި އަދި ކުންފުންޏަށް އެންމެ ރަނގަޅު ވާނެ ގޮތްގޮތާ ގުޅޭ ގޮތުން މައުލޫމާތުތައް ހޯދާފަ،" އެ ސިޓީގައި ވެއެވެ.

އަދި އޮޑިޓް ޑިޕާޓްމަންޓު ހިންގުމަށް ފަސް މުވައްޒަފުން ހިމެނޭ ގޮތަށް މުވައްޒަފުން އިތުރުކުރުމަށް އޮޑިޓަރު އެދުނުކަމަށާއި އެފަދައިން ކަންތައް ކޮށްފިނަމަ އެ ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މުސާރަ 70000ވުރެ އިތުރުވާނެކަމަށް އެ ސިޓީގައި ވެއެވެ. އަދި އެއީ ކުންފުންޏަށް ކުރަން ދަތި ޚަރަދެއް ކަމަށް ވެސް ޕީއެސްއެމްއިން ފޮނުވި ސިޓީގައި ވެއެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ޕީއެސްއެމްގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓު އުވާލީ ޕީއެެސްއެމް ހިންގަވަން ތިއްބެވި ޑިރެކްޓަރުންގެ ބޯޑުގެ ބޭފުޅުން ބޭނުންވާހާ ގޮތަކަށް އެކަން ނުދާތީކަމަށެވެ.

"ބޯޑު ނުވަތަ މެނޭޖްމަންޓުން ބޭނުންވާހާ ގޮތަކަށް ކަންކަން ކޮށްދޭ ބަޔަކަށް އެތެރޭގެ އޮޑިޓްކުރަން އައުޓްސޯސް ކޮށްލާފަ މި އޮތީ އެހެންވީމަ އަނެއްކާ އަނެއް ކޮރަޕްޝަން މި ހިންގީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީއެސްއެމްގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު މީޑިއާއަށް ދީފަހުރި މައުލޫމާތުގައި އެއްވެސް ފައިސާއެއް މެލޭޝިއާގެ ކުންފުންޏަކަށް ނުދޭ ކަމަށް ވިދާޅުވެފައިވާކަމަށެވެ. އަދި އެ ފައިސާއަށް ވީނުވީއެއް ނޭނގޭ ވާހަކައާއި އޭސީސީއަށް މައްސަލަ ހުށަހަޅައިގެން މައްސަލަތައް ކުރިއަށް ނުދާ ވާހަކަ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު ވިދާޅުވެފައިވާކަން ބޮންޑޭ ފާހަގަކުރެއްވިއެވެ.

"30 މައްސަލައެއް އެބަ އުޅޭކަމާ މި ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށްފަހު މި މައްސަލަ ބަލަން ފެށީ،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވަނީ މި މައްސަލަ ކޮމިޓީން ބަލާ ނިންމާނެ ސުންގަޑިއަކާއި ޓައިމްލައިނެއް އެކުލަވާލުމަށް މުގައްރިރު އަރިހުން އެދިވަޑައިގެންފައެވެ. އަދި ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު އަންނަ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް މި މައްސަލަ ބަލައި ނިންމުމަށް މަސައްކަތް ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ޕީއެސްއެމް އިން އިންޓާނަލް އޮޑިޓަރު ވަޒީފާއިންވަކިކޮށް އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓު އުވާލީ މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. އަދި އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތް އައުޓްސޯސް ކުރަން ނިންމާފައިވާކަން ހާމަކުރީ ޖޫން މަހުގެ ތިނަވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން ޗީފް އިންޓާނަލް އޮޑިޓަރު ފަޒީލް މީގެ ކުރިން "ސަން"އަށް ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރީ އޮޑިޓްތަކުން ފާހަގަވި މެނޭޖްމަންޓުގެ ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު ނާޅަންކަމަށެވެ.

comment ކޮމެންޓް