ބަލިވުމަކީ އަދި ހިތްވަރު އެލުވާލަންވީ ސަބަބެއް ނޫން، އަޒުމުގައި ދާންވީ ކުރިއަށް: ނައިބު ރައީސް

ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022 އަށް ތައްޔާރުވަމުންދާ ދިވެހި ގައުމީ ޓީމާ ބައްދަލުކުރައްވައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

މުބާރާތުން ބަލިވުމަކީ ހިތްވަރު އެލުވާލަންވީ ސަބަބެއް ނޫންކަމަށާއި، އަޒުމުގައި ދާންވީ ކުރިއަށްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022 އަށް ތައްޔާރުވަމުންދާ ދިވެހި ގައުމީ ޓީމާ ބައްދަލުކުރައްވައި ކުޅުންތެރިންނަށް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ކުޅިވަރަކީ މޮޅުވާމައި ބަލިވުން އޮންނަ ކަމެއްކަމަށެވެ.

ޓީމުގެ ކުޅުންތެރިން ބަލިވިނަމަވެސް ހިތްވަރާއެކު ދެންއަންނަ މުބާރާތަކަށް ތައްޔާރުވާންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ ބާސްކެޓު ބޯޅަ ޓީމުން މި މުބާރާތަށް ނިކުންނަންވީ ރަން މެޑްލް ހޯދަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރުމަށް މި ސަރުކާރުން ކެނޑި ނޭޅި މަސައްކަތް ކުރަމުންދާނެކަމަށާއި، މުބާރާތްތައް ކާމިޔާބު ކުރެވޭ ފެންވަރުގެ ޓީމުތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވީއެވެ.

"މިހާރު މިނިސްޓްރީން މަސައްކަތްކުރަމުން މިދަނީ މޮޅެތި ވާދަވެރި ޓީމުތަކާ ދެކޮޅަށް މެޗުތައްް ރާވައި އެކްސްޕީރިއަންސް ހޯދަން މެޗުތައް ރާވަން،" ނައިބު ރައީސް ވިދާޅުވިއެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022 އަށް ތައްޔާރުވަމުންދާ ދިވެހި ގައުމީ ޓީމާ ބައްދަލުކުރައްވައި ނައިބު ރައީސް ބައްދަލުކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާ ސަރުކާރެއްކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމްކުރުމަށް މިހާރު ވެސް ސަރުކާރުން މަސައްކަތް ކުރާކަމަށް ފައިސަލް ވިދާޅުވިއެވެ.

"ރައީސަކީ ވެސް ކުޅިވަރު ކުޅުއްވާ ބޭފުޅެއް. އަދި މިނިސްޓަރަކީ ވެސް މޮޅަށް ކުޅުއްވާ ބޭފުޅެއް. އަދި އަޅުގަނޑު ވެސް ކޮންމެ ވެސް ވަރަކަށް ކުޅިވަރު ކުޅެން،" ނައިބު ރައީސް ވިދާޅުވިއެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022 ބާއްވަނީ ރާއްޖޭގެ ސޯޝަލް ސެންޓަރުގައެވެ. މިމަހުގެ 24އިން 30 އަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ހަ ގައުމަކުން ބައިވެރިވެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ސްރީލަންކާގެ އިތުރުން ރާއްޖޭގެ ބާސްކެޓު ބޯޅަ ޓީމެވެ.

އެ މުބާރާތުގެ ލޯގޯ އިފްތިތާހުކުރިއިރު އެ ލޯގޯއިން ރާއްޖެއާއި ބާސްކެޓުބޯޅަ ރަމްޒުކޮށްދެއެވެ. އެގޮތުން އެ ލޯގޯގައި ތުނޑުކުނާގެ ފަށަލަތަކަކާއި ރާއްޖޭގެ ކަނޑުގެ އިތުރުން ރީތި އިރުއޮއްސޭ މަންޒަރު ބާސްކެޓު ބޯޅައެއްގެ ތެރެއިން ދައްކުވައިދެއެވެ.

comment ކޮމެންޓް