ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ރާއްޖެއަށް އޭޝިއަން ކަޕް ކޮލިފައިން ނިންމާލަން ޖެހިއްޖެ

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި މިޔަންމާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އޭޝިއަން ކަޕް

ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅެން ހަމަޖެހިފައި އޮތް އެންމެ ފަހު މެޗުގައި މިޔަންމާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ރޭ ސައުދީ އަރަބިއްޔާގެ ދަންމާމުގެ ޕްރިންސް ސައުދު ބިން ފަހުދު ސްޓޭޑިއަމްގައި މިޔަންމާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު މިޔަންމާއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި މިޔަންމާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އެ ޓީމުން އުފެއްދި ހަތް ހަމަލާ ރާއްޖޭގެ ގޯލު ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވަނީ ދިފާއުކޮށްފައެވެ.

މިޔަންމާއިން އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައިފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ގޯލަކީ ރާއްޖޭގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

ދެވަނަ ހާފުގައި ވެސް މީސަމް ވަނީ މިޔަންމާއިން ފޮނުވާލި ހަތަރު ހަމަލާއެއް ދިފާއުކޮށްފައެވެ. މިޔަންމާގެ ފަހު ދެ ގޯލު ފެނިފައިވަނީ މެޗުގެ ފަހު ދިހަ މިނިޓު ތެރޭގައެވެ.

އެގޮތުން މެޗުގެ 82 ވަނަ މިނިޓްގައި ކޯނަރަކުން މިޔަންމާގެ ސްވާން ހެޓް އެ ޓީމުގެ ދެވަނަ ގޯލު ޖެހިއިރު ތިންވަނަ ގޯލު ޖެހީ 86 ވަނަ މިނިޓުގައި ލާ މިންއެވެ.

ރޭގެ މެޗުން ރާއްޖެ ބަލިވުމާއެކު ކުޅުނު ހުރިހާ މެޗަކުން ބަލިވެ ރާއްޖެ އޮތީ ކޮލިފައިންގައި ރާއްޖެ ހިމެނުނު ގްރޫޕްގެ އެންމެ ފުލުގައެވެ. އެއްވަނައިގައި ސައުދީ ނުވަ ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި އޮތް ޗައިނާއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި މިޔަންމާ ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ.

ގްރޫޕްގެ އެއްވަނަ ހޯދައި އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތަށް ސައުދީ ވަނީ ކޮލިފައިވެފައެވެ. މީގެއިތުރުން ދެވަނައަށް ދިޔަ ޗައިނާ ވެސް ވަނީ ދެވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ފަސް ޓީމުގެ ތެރޭގައި ހިމެނިގެން އޭޝިއަން ކަޕަށް ކޮލިފައިވެފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ފުރަތަމަ ކުޅެފައިވަނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އެ މެޗުގައި 7-0ގެ ނަތިޖާއަކުން ރާއްޖެ ބަލިވިއިރު، ދެވަނަ މެޗުގައި ސައުދީ އަތުން ރާއްޖެ ބަލިވީ 11-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަދި ތިން ވަނަ މެޗުގައި ޗައިނާއާ ދެކޮޅަށް ކުޅެ 4-0ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު ފަހު މެޗުގައި މިޔަންމާ އަތުން ރާއްޖެ ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް