ޖަލު ހުކުމުގެ ބަދަލުގައި ނާޒިމް ސައްތާރު ބަންދުކުރީ ގޭގައި

ވަކީލް ނާޒިމް ސައްތާރު: ތިން މަހާއި 28 ދުވަހު ގޭބަންދުގައި ހުރުމަށް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފައި ---

އެއް ޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާ ގާނޫނީ ވަކީލް އަޙުމަދު ނާޒިމް އަބްދުއްސައްތާރަށް ޖަލު ހުކުމެއްގެ ބަދަލުގައި ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކޮށްފިއެވެ.

ނާޒިމް ސައްތާރުގެ މައްޗަށް އެ ދައުވާ އުފުލީ ބަންގްލަދޭޝްގެ އަލަމްގީރާއެކު އޭނާ ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯއެއް ލީކް ވެފައިވަނިކޮށެވެ. އެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެހެން ކަމުން މައްސަލަ ބެއްލެވި ގާޒީ ވަނީ އަވަސް ނިޔާގެ މަޖިލީހެއްގެ ގޮތުގައި މައްސަލަ ކުރިއަށް ގެންގޮސްފައެވެ.

ގާނޫނުލްއުގޫބާތު ބުނާ ގޮތުން ނާޒިމް ސައްތާރުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތެވެ. އެއީ މީހަކާ ކައިވެނިކޮށްގެން ހުރެ އެ ކުށް ކުރުމުންނެވެ.

ނަމަވެސް އޭނާގެ މައްޗަށް އިއްވާފައިވަނީ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާކުރި ކުށަށް އިއުތިރާފްވެ ތައުބާވެ ދެން އެފަދަ ކުށެއް ނުކުރާނެ ކަމަށް ބުނުމުން އަދަބު ލުއި ކުރީއެވެ. އަދި ޖަލު ހުކުމް ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދިފައިވާތީ, ޖަލު ހުކުމުގެ ބަދަލުގައި ތިން މަހާއި 28 ދުވަހަށް ގޭ ބަންދުގައި ބެހެއްޓުމަށް ވަނީ ހުކުމް ކޮށްފައެވެ.

ނާޒިމް ސައްތާރަށް ހުކުމް ކުރުމަށް މިއަދު ހަތަރެއް ޖަހާއިރަށް ތާވަލްކޮށްފައިވަނިކޮށް އޭގެ ދޮޅު ގަޑިއިރެއްހާއިރު ކުރިން އޭނާ ވަނީ ކުރި ކުށަށް ހިތާމަކޮށް ތައުބާވެފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ފަހަކަށް އައިސް ފިރިހެނުންނާއި އަންހެނުން ވެސް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހައްޔަރުކޮށް ތަހްގީގު ކުރަމުން އަންނައިރު ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ހުކުމް ވެސް ކޮށްފައެވެ.

އަލަމްގީރުގެ މައްޗަށް މިހާރު ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ވަނީ ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލައިފައެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ކޯޓުގައި އިއުތިރާފު ވެފައެވެ.

އަލަމްގީރާއެކު އެ ހުތުރު އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ނާޒިމް ސައްތާރުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ.

ތަހުގީގަށް ފަހު އެ މީހުން ބަންދުން ދޫކޮށްލާފައިވާއިރު އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭގެ އިތުރުން ބައެއް މުދިމުންނާއި ޓީޗަރުންކަމަށް ބުނާ ބައެއްގެ ވީޑިއޯވެސް ވަނީ ލީކްވެފައެވެ.

comment ކޮމެންޓް