ރާއްޖޭގެ ޑްރައިވިން ލައިސެންސް ބޭނުންކޮށްގެން މިހާރު މެލޭޝިއާގައި ވެހިކަލް ދުއްވޭނެ

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ: އިއްޔެ އިން ފެށިގެން މެލޭޝިއާގައި އަންނަނީ ދިވެހި ޑްރައިވިން ލައިސެންސް ބޭނުން ކުރަމުން --- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

އިއްޔެ އިން ފެށިގެން ރާއްޖޭގެ ޑްރައިވިން ލައިސެންސް މެލޭޝިއާގައި ބޭނުންކުރުވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެއް ގައުމުގެ ޑްރައިވިން ލައިސެންސް އަނެއް ގައުމުގައި ބޭނުން ކުރެމުށް މެލޭޝިއާ އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންއާއި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ސޮއި ކުރެއްވި އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ލައިސެންސް ވެސް އަނެއް ގައުމުގައި ބޭނުންކުރެވޭނެއެވެ.

އިއްޔެއިން ފެށިގެން ރާއްޖެއިން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މެލޭޝިއާގައި ބޭނުން ކުރަން ފަށާފައިވާ ކަމަށް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މެލޭޝިއާގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ އެކަމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ގުޅުމުގެ ބަދަހިކަން ކަމަށެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި ޗުއްޓީއަށާއި ބޭސްފަރުވާއަށް ދަތުރުކުރާ ގައުމެކެވެ.

comment ކޮމެންޓް