އެއް ޖިންސުން ގުޅުން ހިންގި ކަމަށް ނާޒިމް ސައްތާރު އިއުތިރާފުވެއްޖެ

ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު --- ސަން ފައިލް ފޮޓޯ

ލިވާތު ނުކުރާ ކަމަށް ބުނުމަށް ފަހު، އެއް ޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ކުށުގެ ދައުވާއަށް ގާނޫނީ ވަކީލު އަޙުމަދު ނާޒިމް އަބްދުއްސައްތާރު އިއުތިރާފްވެއްޖެއެވެ.

ނާޒިމް ސައްތާރުގެ މައްޗަށް އެ ދައުވާ އުފުލީ ބަންގްލަދޭޝްގެ އަލަމްގީރާއެކު ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯއެއް ލީކް ވެފައިވަނިކޮށެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފްވެފައިވާއިރު އެ ދައުވާގައި ބުނެފައިވަނީ ވެސް އަލްމަގީރާއެކު ބަދުއަޚްލާގީ އަމުލަތައް ހިންގާފައިވާ ކަމަށެވެ. އާންމު އަޚްލާގީ މިންގަނޑާ ހިލާފް ކަންތައްތަކެއް ހުރުމުން އެކަމުގެ ތަފްސީލް މި ލިއުމުގައި ހިމަނާފައެއް ނުވާނެއެވެ.

ކްރިމިނަލް ކޯޓުގައި ސިއްރުކޮށްގެން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ނާޒިމް ސައްތާރުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިއުތިރާފްވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަވަސް ނިޔާގެ މަޖިލީހެއްގެ ގޮތުގައި ކުރިއަށް ގެންދަވާފައެވެ. އަދި އަދަބާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކާފައިވާއިރު ފަސް ދުވަހުގެ ތެރޭގައި ހުކުމް ކުރައްވާނެ ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

ދައުވާއަށް ނާޒިމް ސައްތާރު އިއުތިރާފްވި ނަމަވެސް އަލްމްގިރާއެކު ލިވާތު ނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ފިރިހެނުންނާއި އަންހެނުން ވެސް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހައްޔަރުކޮށް ތަހްގީގު ކުރަމުން އަންނައިރު ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ހުކުމް ވެސް ކޮށްފައެވެ.

އަލަމްގީރުގެ މައްޗަށް މިހާރު ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ވަނީ ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލައިފައެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ކޯޓުގައި އިއުތިރާފް ވެފައެވެ.

އަލަމްގީރާއެކު އެ ހުތުރު އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ނާޒިމް ސައްތާރުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ.

ތަހުގީގަށް ފަހު އެ މީހުން ބަންދުން ދޫކޮށްލާފައިވާއިރު އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭގެ އިތުރުން ބައެއް މުދިމުންނާއި ޓީޗަރުންކަމަށް ބުނާ ބައެއްގެ ވީޑިއޯވެސް ވަނީ ލީކްވެފައެވެ.

comment ކޮމެންޓް