މަންތާއިން ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ

މަންތާ އެއާގެ ފަލައިޓެއް ކައިރި މުވައްޒަފުން މަޑުކޮށްލައިގެން: އެ ކުންފުނިން މިހާރު ތައްޔާރުވަމުން އަންނަނީ ބައިނަލްއަގުވާމީ ދަތުރުތައް ފަށަން-- ސަން ފައިލް ފޮޓޯ

ރާއްޖޭގެ އަމިއްލަ އެއާލައިން، މަންތާ އެއާއިން ބައިނަލްއަގުވާމީ ދަތުރުތައް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެ އެއާލައިންގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު މައުމޫން "ސަން" އަށް ވިދާޅުވީ ބައިނަލްއަގުވާމީ ދަތުރުތައް ފުރަތަމަ ފަށަން މަސައްކަތް ކުރަނީ އިންޑިއާ އާއި ސްރީލަންކާއަށް ކަމަށެވެ. އެކަމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު އަންނަ އަހަރުގެ ކުރީކޮޅު އިންޑިއާއަށް އެ ދަތުރުތައް ފެށޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަންތާގެ އަމާޒަކީ އިންޑިއާގެ ބެލްގަލޫރާއި ޓްރިވަންޑްރަމްގެ އިތުރުން ކޮޗިންއަށް ދަތުރުތައް ބޭއްވުމެވެ. ސްރީލަންކާއިން މަސައްކަތް ކުރަނީ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ބޭއްވުމަށެވެ.

"ކޮވިޑަށް ފަހު މި ސަރަހައްދުގެ ގައުމުތަކުން ޓޫރިސްޓުން އަންނަ މިންވަރު މިވަނީ އިތުރުވެފައި. އެހެންކަމުން އެކަމަށް އިތުރު ހިއްސާއެއް ދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" މައުމޫން ވިދާޅުވިއެވެ.

މަންތާއިން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރުމަށް ނިންމާފައިވަނީ މިހާރު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ އޭޓީއާރުގެ ބޯޓްތައް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. އަދި ތަރުހީބު ބޮޑުވާނަމަ ފްލައިޓް އިތުރު ކުރާނެ ކަމަށް ވިދާޅުވިއެވެ.

މަންތާ އެއާލައިންއިން މިހާރު އޭޓީއާރުގެ ތިން ފްލައިޓާއި އެމެރިކާގެ ބީޗް އެއާކްރާފްޓް ކޯޕަރޭޝަނުން އުފައްދާފައިވާ ބީޗް ކްރާފްޓް 1900dގެ ފްލައިޓެއްގެ އިތުރުން 15 ސީޕްލޭން ގެންގުޅެއެވެ.

ދ. ކުޑަހުވަދޫއަށް ގިނަ ދަތުރުތަކެއް ބާއްވަމުން އަންނަ މަންތާއިން ދާދި ފަހުން ވަނީ ހއ. ހޯރަފުއްޓަށް ޗާޓާ ދަތުރުތަކެއް ފަށައިފައެވެ.

މަންތާއިން ބައިނަލްއަގުވާމީ ދަތުރުތައް ފަށާއިރު ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ވެސް އިންޑިއާއަށް ދަތުރުތައް ބާއްވައެވެ.

comment ކޮމެންޓް