ގްރީން ޓެކްސް އަލުން ނަގަން ހުށަހެޅި ބިލު ކޮމިޓީއަށް

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފިއެވެ.

އެ ބިލު މަޖިލީހުން ބަލައިގަތުމަށް ނިންމާފައިވަނީ 44 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުން ގްރީން ޓެކްސް ނެގުން ވަނީ ހުއްޓިފައެވެ.

ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހެވެ. އަދި، މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު ރައީސް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފައެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގެ މަގުސަދަކީ ރިސޯޓުތަކެކޭ އެއްފަދައިން، ހޮޓާތަކާއި ގެސްޓް ހައުސްތަކުން ވެސް ގްރީން ޓެކްސް ނަގަން ފެށުމެވެ.

ނަމަވެސް، އެ ގާނޫނުގެ 35ވަނަ މާއްދާގެ (ކ)އަށް ގެނައި އިސްލާހުގައި ވާގޮތުން، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާއެކު، މިހާތަނަށް ރިސޯޓުތަކުން ނަގަމުން އައި ގްރީން ޓެކްސް ވެސް ވަނީ ހުއްޓިފައެވެ.

އެހެން ނަމަވެސް ސަރުކާރުން ވަނީ ފަތުރުވެރިން އަންނަ ތަންތަނުން ގްރީން ޓެކްސް ނެގުމަށް އަންގާފައެވެ.

އެ ޓެކްސް އަލުން ނަގަން ފެށުމަށް ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް މިހާރު ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން ގްރީން ޓެކްސް ނުނެގޭ މުއްދަތުގެ ތެރޭގައި އެ ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު އެ ފަތުރުވެރިޔަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ޖެހޭނެއެވެ.

ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ތަނެއްގައި ނަމަ އެތަނެއްގައި އެ މީހަކު ހުންނަ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އަދި އެއަށްވުރެ ދަށް އަދަދެއްގެ ކޮޓަރި ހުންނަ ތަނެއްގައި ނަމަ، އެތަނެއްގައި އެމީހަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުންނެވެ.

އެ ބިލުގެ އިތުރުން ނެޝަނަލް އިންޓެލިޖެންސް ކޮމިޓީއެއް ގާއިމްކޮށް އެ ކޮމިޓީ ހިންގުމަށް ލާޒިމް ކުރާ ބިލު ބަލައިގަތުމާ ބެހޭ ގޮތުން ވެސް މިއަދު ވޯޓުނަގާފައިވެއެވެ.

އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، 'ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ބިލު' ބަލައިނުގަތުމަށް ނިންމާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވި 40 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

އެ ބިލުގައި ބުނެފައިވަނީ ނެޝަނަލް އިންޓެލިޖެންސް ކޮމިޓީއެއް އުފައްދައި އެ ކޮމެޓީގައި އެންމެ އިސްކޮށް ހުންނަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ކޮމިޓީ ކުރިއަށް ދާގޮތް ވިލަރެސް ކުރާނީ ރައީސް އޮފީހުން ކަމަށް ވެސް ބުނެފައިވެއެވެ.

ބިލު ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާއިރު ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ޒިންމާދާރުގޮތެއް ނޫން ކަމަށް އިއްޔެ އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް