ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި އާން އާއި ރީހާން ފެތުމުގެ ގައުމީ ރެކޯޑް މުގުރާލައިފި

ފެތުމުގެ ގައުމީ ރެކޯޑް މުގުރާލި ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު ރީހާން އަދި މުހައްމަދު އާން

ޕެރޫގެ ލީމާގައި ކުރިއަށްދިޔަ ފީނާ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން އަދި މުހައްމަދު ރީހާން ފެތުމުގެ ގައުމީ ރެކޯޑް މުގުރާލައިފިއެވެ.

މީގެ ތެރެއިން އާން މުގުރާލީ 27.25 ސިކުންތުން ރޭސް ނިންމައިގެން ފިރިހެނުންގެ 50 މީޓަރު ލޯންގްކޯސް ބަޓަފްލައި އިވެންޓްގެ ރެކޯޑެވެ. މި ރެކޯޑް މީގެކުރިން އޮންނަނީ 2015 ވަނަ އަހަރު 27.42 ސިކުންތުން ރޭސް ނިންމައިގެން ކުރީގެ ފެތުންތެރިޔާ ނިޝްވާން އިބްރާހީމް އަތުގައެވެ.

ރީހާން މުގުރާލީ، 2:34.77 އިން ރޭސް ނިންމައިގެން، 200 މީޓަރު ބަޓަފްލައި ސްޓްރޯކްގެ ގައުމީ ރެކޯޑެވެ. މި ރެކޯޑް މީގެކުރިން އޮންނަނީ މުބާލް އައްޒާމު އަތުގައެވެ. މުބާލް ގައުމީ ރެކޯޑް ހަދާފައިވަނީ މިއަހަރުގެ ޖޫންމަހު ހަންގޭރީގައި ކުރިއަށްދިޔަ ސީނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި 2:36:74 އިން ރޭސް ނިންމައިގެންނެވެ.

އާން އަދި ރީހާން ވަނީ އޮގަސްޓްމަހު ބޭއްވި ކޮމަންވެލްތު ގޭމްސްގައި ގައުމީ ތިން ރެކޯޑެއް މުގުރާލާފައެވެ. މީގެ ތެރެއިން އާން ވަނީ 50 މީޓަރު ފްރީސްޓައިލް 100 މީޓަރު ފްރީސްޓައިލް އަދި 100 މީޓަރު ބަޓަފްލައި ސްޓްރޯކް ނުވަތަ ލޯންގް ކޯސް ރެކޯޑު ވެސް މުގުރާލާފައެވެ.

ޕެރޫގެ ވެރިރަށް ލީމާގައި ނިމިގެންދިޔަ ވޯލްޑް ޗެމްޕިއަން ޝިޕްގައި ރާއްޖެއިން ވަނީ ތިން ފެތުންތެރިން ވާދަކޮށްފައެވެ. އެ ފެތުންތެރިންގެ ތެރޭގައި ހިމެނެނީ، އާން އަދި ރީހާނުގެ އިތުރުން އީން އައްބާހެވެ.

comment ކޮމެންޓް