"މިޝްޔާތަ؟" ކުރިމަތިން މީހަކު ވާހަކަ ދެއްކި އަޑާއެކު މިޝްޔާއަށް އެ ދިމާލަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ. އެއީ ދުވަހަކުވެސް އޭނާއަށް އޮޅޭނެ އަޑެއް ނޫނެވެ. އެ އަޑު ހަމަ ކަންފަތުގައި ޖެހުމާއެކު އޭނާގެ މުޅި ނަފްސުވެސް ހަރުކަށިވެގެން ދިޔައެވެ. އަތުގައި އޮތް ފޯނަށް ބާރުކޮށްލެވުނުއިރު އޭނާގެ ނޭވާވެސް އަވަސްވެއްޖެއެވެ. ނުތަނަވަސްކަމުން މީހާ ހައްޔަރުވެގެން ދިޔަ އިޙްސާސްއާއެކު މިޝްޔާގެ ހިތުގެ ތެޅުން އޮބި ނޯންނަ ވަރަށް ބާރުވެލިއެވެ.

އެމީހާއާ ހަތަރުކަޅި ބައްދަލުވުމާއެކު، މިޝްޔާގެ ހަށިގަނޑުގައި ވެސް މަޑުމަޑު ތުރުތުރުއެޅުމެއް އުފެދިގެން ދިޔައެވެ. މީހާގެ އަމިއްލަ ނަފްސުގެ ކޮންޓްރޯލް ދޫވަމުން ދިޔަ އިޙްސާސްއެއް މިޝްޔާއަށް ކުރުވަމުން ދިޔައެވެ. މިޝްޔާގެ ފުންވަމުން ދިޔަ ނޭވާއާއި އޭނާއަށް ކުރުވަމުން ދިޔަ އަސަރުތައް އެމީހާއާށް ވެސް ސިއްރެއް ނުވިއެވެ. މިޝްޔާ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައިނަމަވެސް، އޭނާއަށް އެ ސޫރަ ވަކިކުރަން އެނގުނެވެ.

"ކަލޭ... ކަލޭތަ؟" މިޝްޔާއަށް ވާހަކަވެސް ދެއްކުނީ އަޅައަޅައިގަންނަމުންނެވެ. ކަރުތެރެ ހިކި ހިންދިރުވައިލަންވެސް އޭނާއަށް ދަތިވިއެވެ.

"އާނ... އަހަރެން... އަހަރެން މަތިން ހަނދާނެއް ނުނެތޭނެކަން އަހަންނަށް އެނގޭ...!" މިޝްޔާއަށް ބަލައިލުމަށްފަހު ފަޚުރުވެރިކަމާއެކު މެދު އުމުރަކަށްދާ އެމީހާ ވާހަކަ ދެއްކިއެވެ. ބިރުވެރިކަމުން މީހާ ބަނދެވި ހައްޔަރުވަމުން ދިޔަ ވަގުތުގައި ހަޅޭއްލަވައިގަންނަން ވެސް ނުކެރި މިޝްޔާ ގަނބުވިއެވެ. ޖެހި ބުދެއްހެން ދެލޯ ބޮޑުކޮށްލައިގެން އޭނާ އިންއިރު، ކުރީގެ މަންޒަރުތައް އޭނާގެ ދެލޯ ކުރިމަތީގައި ނިއުޅެމުން ދިޔައެވެ. ހަދާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެހީތެރިކަމަށް އެދޭނީވެސް ކިހިނަކުން ހެއްޔެވެ؟ މިޝްޔާ ހާސްވަމުން ދިޔައެވެ. ނޭވާ ލާންވެސް އޭނާއަށް ދަތިވިއެވެ. ކޮޅަށް ތެދުވަން އުޅުނު ނަމަވެސް، އޭނާގެ ދެފައިގައިވެސް އެއްވެސް ވަރަކަށް ވަރު ނެތްފަދައެވެ. އުނދަގުލުން އަމިއްލަ ހަށިގަނޑު ސީދާކޮށްލުމަށްފަހު، މިޝްޔާ ތެދުވިއެވެ. ކުރިއަށްފިޔަވަޅެއް އަޅައިލެވުނީ ވެސް އެހާ ޙާލުންނެވެ. ހީވަނީ ފައިގައި ބޮޑު ބަރެއް އެލުވާފައިވާހެންނެވެ. މިޝްޔާ އެތަނުން ދާން ހިނގައިގަތުމާއެކު އެމީހާ މިޝްޔާގެ ކުރިމައްޗަށް އެރިއެވެ. އެއަށްފަހު އޭނާ މިޝްޔާއަށް ބަލައިލި ނަޒަރުން އެކަނިވެސް މިޝްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލޯލިތައް ކޮޅަށް ޖެހުނެވެ.

"ކީއް... ކީއްތިކުރަނީ؟" މިޝްޔާއަށް ގޮތް ހުސްވިފަދައެވެ. އޭނާ އަނެއްކާވެސް އެއްފަރާތަކަށް ޖެހިލުމާއެކު މިފަހަރުވެސް އެމީހާ ހަމަ ކުރިން ކުރި އަމަލު ތަކުރާރުކޮށްލިއެވެ.

މިޝްޔާ އެހުރި ގޮތަށް ހުއްޓާ އެމީހާ މަޑުމަޑުން އޭނާގެ އަތް ހިއްލައިލުމަށްފަހު މިޝްޔާގެ ކޯތާފަތުގައި ފިރުމައިލިއެވެ. އެއާއެކު މިޝްޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހަށިގަނޑުން ވަރު ދޫވަމުން ދިޔަ އިޙްސާސްއާއެކު މިޝްޔާއަށް ރޮވެން ފެށުނެވެ. ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. މާޒީގެ މަންޒަރުތައް ކުލަވާން ފެށުމާއެކު އޭނާގެ ނޭވާއަށް ވެސް އުނދަގޫވަމުން ދިޔައެވެ. އެހެންނަމަވެސް އެހީތެރިކަމަށް އެދި އޭނާއަށް މީހަކަށް ގޮވައިލާނެހާ ހިތްވަރެއް ނުލިބުނެވެ.

"ދޫ... ދޫކޮށްލާ..." މިޝްޔާ އެހެން ބުނެލިއިރު، އެމީހާގެ މޫނުމަތިން ކާމިޔާބުގެ ހިނިތުންވުމެއް ފެނިލިއެވެ. އޭނާ މަޑުމަޑުން މިޝްޔާގެ ނިތްކުރިން ފަށައިގެން ތިރިއަށް ވާގޮތަށް މިޝްޔާގެ މޫނުގައި ފިރުމައިލިއެވެ. މިޝްޔާގެ ތުންފަތުގައި އަތް ޖައްސައިލުމާއެކު އެ ތުންފަތުގައި ބީހިލިއިރުވެސް މިޝްޔާގެ ތުންފަތް ދިޔައީ ތުރުތުރު އަޅަމުންނެވެ.

"އަހަރެން މަތިން އަދިވެސް ހަނދާންވޭތަ؟ ތިވާ ގޮތްތަކުން އަހަންނަށް އެވަރު ޔަޤީންވެއްޖެ." މަލާމާތުގެ ރާގަކަށް އެމީހާ މިޝްޔާއާ ދިމާލަށް ބުނެލިއިރުވެސް އޭނާ ހުރީ މިޝްޔާގެ ތުންފަތުގައި އިނގިލި ޖައްސާލައިގެންނެވެ. މިޝްޔާގެ ނޭވާ ދިޔައީ ހިނދެއް ހިނދަކަށް ފުންވަމުންނެވެ. މެއަށް ފާޑެއްގެ ތަދެއް އަރަމުން ދިޔަ ހެންވެސް އޭނާއަށް ހީވިއެވެ.

*****

މިޝްޔާ ދިޔުމުން ނާޒިލް އިރުކޮޅަކު ވިސްނަން އިނުމަށްފަހު އޭނާ މިޝްޔާ ހޯދުމަށް ދާން ތެދުވެލިއެވެ. ނާޒިލް ނުކުމެގެން ދިޔަތަން ބަލަން ހުރި ރީމާވެސް ނާޒިލްގެ ފަހަތުން ހިނގައިގަތްކަމެއް އޭނާއަކަށް ނޭނގުނެވެ. ނާޒިލް ބަގީޗާއަށް ނުކުމެލުމަށްފަހު، ވަށައިގެން ހޯދައިލިއެވެ. އޭނާގެ ލޮލުގައި އެއްފަރާތުގައި ހުރި މިޝްޔާ އަޅައިގަތެވެ. އެއާއެކު އޭނާގެ ލޭ ކެކިގަތީ މިޝްޔާގެ ކުރިމަތީގައި ހުރި ފިރިހެންމީހާ އޭނާގެ ލޮލުގައި އަޅައިގަތުމާއެކުގައެވެ. އެމީހާ އޭރުވެސް ހުރީ މިޝްޔާގެ ތުންފަތުގައި އަތް ޖައްސާލައިގެންނެވެ. އެ އަމަލުން އެކަނިވެސް އޭނާގެ ނިޔަތް ރަނގަޅު ނޫންކަން ނާޒިލްއަށް ދެނެގަނެވުނެވެ. އޭނާ ބާރު ފިޔަވަޅުތަކެއްގައި އެދިމާލަށް ހިނގައިގަތެވެ.

"މިޝްޔާ! އޭތް ކީއްތިކުރަނީ؟" ނާޒިލް މިޝްޔާއަށް ގޮވައިލުމަށްފަހު ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ. އެއާއެކު އެ ފިރިހެންމީހާ އޭނާގެ އަތް ތިރިކޮށްލުމާއެކު ނާޒިލްއަށް ބަލައިލިއެވެ. އެމީހާ ފެނުމާއެކު ބަލާކަށް ނުހުރެ ނާޒިލް އެ އައި ގޮތަށް އައިސް މިޝްޔާ އޭނާގެ ގާތަށް ދަމައިލިއެވެ. މިޝްޔާއައިސް ޖެހުނީ ނާޒިލްގެ މޭމަތީގައެވެ. ރުޅިވެރިކަމާއެކު ނާޒިލް އެމީހާއާ ވާހަކަ ދެއްކިއެވެ.

"ކީއްކުރަން ތިއުޅެނީ؟" ނާޒިލްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ނާޒިލްގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އެމީހާ މިޝްޔާއަށް ބަލައިލުމަށްފަހު ހިނިތުންވެލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.

"އާ ރޫ އޯކޭ މިޝްޔާ..." އެމީހާ ދިޔަތަން ބަލަން ހުރި ނާޒިލްގެ ލޭ ކެކިގަތެވެ. އެމީހާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލައިލަންވެސް އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން މިޝްޔާ ހަމައަކަށް އެޅެވޭތޯ މަސައްކަތްކުރިއެވެ. ނާޒިލް މަޑުމަޑުން މިޝްޔާ ގެންގޮސް ބެންޗުގައި ބެއިންދިއެވެ. އެއަށްފަހު، އޭނާ މިޝްޔާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. މިޝްޔާގެ ތުރުތުރު އަޅަމުން ދިޔަ އަތުގައި ހިފައްޓައިލުމާއެކު އެ އަތްތިލަ ފިނިވެފައިވާވަރު އޭނާއަށް އިޙްސާސް ކޮށްލެވުނެވެ. މަޑުމަޑުން އޭނާގެ އަތުތެރޭގައި އޭނާ މިޝްޔާގެ އަތްތިލަ ހައްޔަރުކޮށްލިއެވެ. މިޝްޔާ އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭރު އޭނާގެ މުޅި ހަށިގަނޑުވެސް ދިޔައީ ރޫރޫ އަޅަމުންނެވެ. އެވަގުތު އެއީ މިޝްޔާގެ ކާކުކަން އެނގެން ނާޒިލް ކިތަންމެ ބޭނުންވިޔަސް އޭނާ އެ ސުވާުލުކުރާކަށް ބޭނުމެއް ނުވިއެވެ. އެއިން ގޮތަށް އިނދެ މިޝްޔާއަށް ރޮވެން ފެށުނެވެ. މިޝްޔާގެ ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމުދޫކޮށް ފައިބައިގަތީވެސް ނާޒިލްގެ ކުރިމަތީގައެވެ. މިޝްޔާގެ މަޑު ގިސްލުމުގެ އަޑު ނާޒިލްގެ ކަންފަތުގައި ޖެހުމާއެކު އެ ރުއިމުގައިވީ ވޭން އޭނާއަށް އަންދާޒާކޮށްލެވުނެވެ. މިޝްޔާގެ އަތުގައި ހިފައްޓާލައިގެން ތިރީގައި ކަކޫ ޖައްސާލައިގެން އިށީނދެ އިން ނާޒިލްއަށް އެވަގުތު ބުނާނީ ކީކޭކަމެއް ނޭނގި އިރުކޮޅަކު އިނދެވުނެވެ. އެތައް އިރެއްވީއިރުވެސް މިޝްޔާ ހުއްޓައިނުލުމުން އޭނާ ކަންބޮޑުވިއެވެ. މާކިންއަށް ގުޅަން ވެސް އޭނާގެ ހިތަށް އެރިއެވެ.

"އޭނަ އައީއެ. އަނެއްކާވެސް... ހަމަ އެ އަނިޔާ ދޭނެ..." މިޝްޔާއަށް ވާހަކަ ދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. އެ އަޑުގެ އިތުރުން އެ ހަށިގަނޑުވެސް އޭރު ވެސް ރޫރޫއަޅަމުންދިޔައެވެ. ނޭވާލާން އުނދަގޫވެގެން އުޅޭ މީހަކު ފަދައިން މިޝްޔާ އިރުއިރުކޮޅަކާ ފުންނޭވާއެއް ދޫކޮށްލައެވެ.

ނާޒިލް މަޑުމަޑުން ތެދުވެލާ މިޝްޔާގެ އެއްފަރާތުގައި އިށީނދެލިއެވެ. އެއަށްފަހު އޭނާ މިޝްޔާއަށް ބަލައިލިއެވެ.

"އަހަރެން މިހާރު މިހުރީނު މިޝްޔާ... ދެން އޭނައަކަށް ނުކެރޭނެ މިޝްޔާއަށް ކަމެއް ކުރަން އަންނާކަށް..." ނާޒިލް ބޭނުންވީ މިޝްޔާގެ ހިތް ހަމަ ޖައްސުވައިލުމަށެވެ. މިޝްޔާއަށް ކޮށްފައިހާ އަސަރުތަކުން ކޮންމެވެސް ވަރަކަށް މިޝްޔާގެ މާޒީގައި ހިނގާފައިވަނީ ކޮން ކަހަލަ ކަމެއްކަން އޭނާއަށް އަންދާޒާކޮށްލެވުނެވެ. އެއާއެކު މިޝްޔާއަށްޓަކައި އޭނާގެ ހިތުގައި ޙަމްދަރުދީ އުފެދިފައިވެއެވެ.

"ވެއިޓް. އަހަރެން އެބަ މާކިންއަށް ގުޅަން." ނާޒިލް އޭނާގެ ފޯނު ނަގާ މާކިންއަށް ގުޅަން އުޅުމުން އެކަމަށް ހުރަސްއެޅީ މިޝްޔާއެވެ. ނާޒިލްގެ އަތުގައި ހިފައްޓައިލަމުން މިޝްޔާ އެކަމަށް މަނާކުރިއެވެ.

"ދޮންބެއަށް އުނދަގޫނުކުރޭ.. ނާޒިލް... " މާކިން ދާނީ ވަރަށް މުހިންމުވެގެންކަން މިޝްޔާއަށް އެނގެއެވެ. ނާޒިލް ގުޅައިފިނަމަ ކުރަން ހުރި ކަންތައް ދޫކޮށްލާފައި މާކިން އަންނާނެކަން ވެސް އޭނާއަށް އެނގެއެވެ.

"އާރ ޔޫ އޯކޭ އެކަމަކު..."ނާޒިލް ސުވާލުކޮށްލިއެވެ.

"އަހަރެން..." މިޝްޔާ އޭނާގެ މޫނުމަތީގައި އަތް އަޅައިލިއެވެ.

"އެއީ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލި މީހަކީ..." މިޝްޔާ އެއިން ގޮތަށް އިނދެ ބުނެލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނާޒިލްއަކަށް ނޭނގުނެވެ.

"މިޝްޔާ. ފަހުން ވާހަކަ ދައްކާލާނީ ދޯ. މިގަޑީގައި ހިނގާ އެހަށް ހަމަޖެހިލަން..." ނާޒިލް ބުނެލިއެވެ.

"ހިނގާ އެތެރެއަށް ދާން...ދެވޭނެތަ؟" ނާޒިލް ސުވާލުކޮށްލިއެވެ. މިޝްޔާ އާއެކޭ ބުނެލުމަށްފަހު ތެދުވެލި ނަމަވެސް، ފައިގައި ވަރުނެތުމުގެ ސަބަބުން އޭނާ އަރިއަޅައިލާ ގޮތްވިއެވެ. ކައިރީގައި ހުރި ނާޒިލް ހުޝިއާރުކަމާއެކު މިޝްޔާ އަތުލަފިކޮށްލިއެވެ. އެގޮތަށް ހުރެ އޭނާ މިޝްޔާ ގޮވައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެ ހުރިހާ މަންޒަރެއް ބަލަން ދުރުގައި ހުރި ރީމާގެ ހިތުގައި ހަސަދައިގެ ހުޅުކޮޅެއް ރޯވިއެވެ. އެއީ ހަމަ ހަޤީގަތުގައިވެސް ނާޒިލް ބުނިހެން އޭނާގެ އަންހެނުންހެއްޔެވެ؟

މިޝްޔާ ގޮވައިގެން ގޮސް އޭނާގެ ރޫމު ހުޅުވައިލުމަށްފަހު އެތެރެއަށް ވަނުމަށްފަހު އޭނާ މިޝްޔާ ގޮވައިގެން ސޯފާއާ ދިމާލަށް ހިނގައިގަތުމާއެކު މިޝްޔާ އެނބުރުން އަރައުގަތުމާއެކު ވެއްޓެން ދިޔައެވެ. ނާޒިލް އޭނާގެ އަތް މައްޗަށް މިޝްޔާ އުފުލައިލީ ލުއިފަތެއްހެންނެވެ. އޭނާ މިޝްޔާ ގެންގޮސް ސޯފާގައި ބޭއްވުމަށްފަހު، މިޝްޔާއަށް ވަރަށް ފުން ނަޒަރަކުން ބަލައިލުމަށްފަހު، އަވަސް އަރުވާލާފައި ގޮސް ތައްޓަކަށް ފެން އަޅައިގެން ގެނެސް މިޝްޔާގެ މޫނުގައި ފެންފޮދެއް ހާކައިލިއެވެ.

"މިޝްޔާ... މިޝްޔާ..."

އެއާއެކު އެސްފިޔަތައް ތަޅުވައިލުމަށްފަހު މިޝްޔާ ތެދުވިއެވެ. އޭނާ ރޮއެގަތުމާއެކު އެ ދިމާލަށް ކުޑަކޮށް ގުދުވެގެން އޮތް ނާޒިލްގެ ގައިގައި ބައްދައިގަތެވެ. ނުވިސްނާ ހުރި ނާޒިލްގެ އަތުން ފެންތަށިވެސް ނުވެއްޓުނީ ކިރިޔާއެވެ. އޭނާ ހުށިއާރުކަމާއެކު ފެންތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު، މިޝްޔާއަށް ގޮވައިލިއެވެ.

"ދޮންބޭ... ނުދޭބަ! އޭނަ އަނެއްކާވެސް އެހެން ހަދާފާނެއޭ އަހަންނަށް..." މިޝްޔާ ބުނެލިއެވެ. ނާޒިލްއަށް މިޝްޔާގެ ގައިގައި އަތްލަން ވެސް ނުކެރި ހުރިއިރު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިޝްޔާ ހީކުރީ އޭނާއަކީ މާކިންކަމަށް ހެއްޔެވެ؟

"މިޝްޔާ... މީ އަހަންނޭ. ނާޒިލް" ނާޒިލް އެހެން ބުނެލުމާއެކު މިޝްޔާއަށް އޭނާގެ ދެލޯ ހުޅުވައިލެވުނެވެ. އެއާއެކު ކުއްލިއަކަށް އޭނާ ނާޒިލްއާ ދުރުވެލިއެވެ. އެއަށްފަހު އޭނާ ނާޒިލްގެ މޫނަށް ބަަލައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު