ރައީސް ޔާމީނަށް އެއްމިލިއަން ޑޮލަރު ދެއްވި ކަމަށް ޔޫސުފް ނައީމް ވިދާޅުވި: ޒިޔަތު

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު: ޔޫސުފް ނައީމް ރައީސް ޔާމީނަށް އެއްމިލިއަން ޑޮލަރު ދެއްވިކަމަށް ވިދާޅުވި ----

ވ. އާރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ދެއްވާފައިވާނެ ކަމަށް ޔޫސުފް ނައީމް ދެންނެވި ކަމަށް އޭރުގެ އެމްއެމްޕީއާރުސީގެ ވެރިޔާ އަބްދުالله ޒިޔަތު މިއަދު ވިދާޅުވެއްޖެއެވެ.

ޒިޔަތު އެހެން ވިދާޅުވެފައިވަނީ, ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުންނެވެ.

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާ ހަވާލާ ދެއްވާ ޒިޔަތު ވިދާޅުވީ ޔޫސުފް ނައީމް ނަމަކަށް ކިޔާ ބޭފުޅަކަށް އާރަށް ކުއްޔަށް ދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތް ކަމަށެވެ. އަދި އެ އިންތިޒާމްތައް ހަމަޖައްސައިދެއްވުމަށް އަދީބް އަރިހުގައި ރައީސް ޔާމީން އެދިވަޑައިގަތް ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

އާރަށުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި ފުރަތަމަ ހަމަޖެއްސީ ފަސް މިލިއަން ޑޮލަރުއެވެ. ނަމަވެސް އެ އަދަދު ކުޑަކުރެއްވުމަށް ރައިސް ޔާމީން އެދިވަޑައިގަތުމުން, އަދީބާ މަސްވަރާ ކުރެއްވުމަށްފަހު ދެ މިލިއަން ޑޮލަރު އުނިކުރެއްވި ކަމަށް ޒިޔަތު ވިދާޅުވިއެވެ.

"އަހްމަދު އަދީބް ވިދާޅުވި އަގު ކުޑަ ކުރަން ޖެހޭ ކަމަށް. އެއީ ރައީސް ޔާމީން ގުޅުއްވާފައި އެންގެވި ކަމަށް އަގު ކުޑަކުރަން," ޒިޔަތު ވިދާޅުވިއެވެ.

އެގްރިމްނެޓްގައި ސޮއިކުރުމުގެ ކުރިން އާރަށުގެ އަގު ދެ މިލިއަން ޑޮލަރަށް ކުޑަ ކުރެއްވި ކަން ޒިޔަތު ފާހަގަކުރެއްވިއެވެ. އަދި އަގު ކުޑަކުރަން ޖެހުނީ ރައީސް ޔާމީން އެގޮތަށް އެދިވަޑައިގަތުމުން ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު, އާރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޒިޔަތުގެ އޮފީހުގައި ޔޫސުފް ނައިމާ ބައްދަލުކުރެއްވިއެވެ.

"ސޮއިކޮށް ނިންމާފައި އަޅުގަނޑުގެ އޮފީހަށް ޔޫސުފް ނައީމްއާ އަދީބް ވަޑައިގަތް. ޔޫސުފް ނައީމް ދެންނެވި އަޅުގަނޑާއި އަދީބު ކައިރީގައި މި އެގްރީމެންޓް ކަންތައް ނިންމާލެވުނީމަ ރައީސް ޔާމީން ވަރަށް ހިތްހަމަ ޖެހޭނެ ކަމަށް. އެއީ އެއް މިލިއަން ޑޮލަރު ރަައީސް ޔާމީނަށް ދީފައިވާނެ ކަމަށް," ޒިޔަތު ވިދާޅުވިއެވެ.

އެ މައްސަލައިގައި ދެން އޮންނާނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ހެކިބަސް ނެގުމެވެ. ހެއްކެއްގެ ގޮތުގައި އަދީބު ހުށަހަޅާފައިވަނީ ދައުލަތުގެ ފަރާތުންނެވެ.

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް