ޤުރުއާނުގައިވާ ވާހަކަތައް: ޙާޠިބު ބިން އަބީ ބަލްތަޢާ

މީހަކު ކީރިތި ޤުރުއާން ކިޔަވަނީ -- ސަން ފައިލް ފޮޓޯ

ޤުރައިޝުން ނަބިއްޔާ ﷺ އާއި އެކު ޙުދައިބިއްޔާގައި ކުރެއްވި ސުލްޙައިގެ އެއްބަސްވުން ބާޠިލް ކުރެއްވުމުން ރަސޫލާ ﷺ އެބައިމީހުންނަށް އެކަމަށް އެކަށޭނަ ފިލާވަޅެއް ދިނުމަށް ޢަޒުމް ކަނޑައަޅުއްވައި، އެކަމަށް ތައްޔާރުވުމަށް ޞަޙާބީންނަށް އަމުރު ކުރެއްވިއެވެ. އެއީ މިކަމުގެ ޚަބަރު ސިއްރުކުރައްވައި، ޤުރައިޝްންނަށް ހައިރާން ކުރުވައި، މުސްލިމުންނަށް އެންމެ ކުޑަ ގެއްލުމަކުން ކާމިޔާބު ލިބުމަށް އަދައިގެންނެވެ.

ހަމަ މިދުވަސް ތަކުގެ ތެރޭގައި، ބަނޫ ހާޝިމްގެ ފިރިހެނަކާއި ބައްދަލުކުރުމަށް ޤުރައިޝުންގެ ތެރެއިން މައްކާއިން ސާރާ ނަމަކަށް ކިޔާ މުޝްރިކު އަންހެނަކު މަދީނާއަށް އައެވެ. އެއީ އެކަމަނާއަށް އެހީތެރިކަމަށް އެދިއެވެ. އެ ވަގުތު ޙާތިބު އެކަމަނާ މަދީނާއަށް އައުމުގެ ފައިދާ ނަގައި، އެކަމަނާއަށް ދެއްވި ފައިސާއެއްގެ ބަދަލުގައި މައްކާގެ މުޝްރިކުންނަށް ސިޓީއެއް ގެންގޮސްދިނުމަށް ސާރާގެ ކިބައިން އެދުނެވެ. އޭނާގެ ޢާއިލާއާއި ފައިސާ، މައްކާގައި ވުމުން ބޭނުންވީ މި ކަމުން ޤުރައިޝުންނަށް ހެޔޮކަމެއް ކޮށްދިނުމަށެވެ.

އެކަމަކު މާތް ރަސްކަލާނގެ ޙާޠިބު ކުރެއްވި ކަންތައްތަކުގެ މަޢުލޫމާތު އެކަލާނގެ ރަސޫލާއަށް އަންގަވައިދެއްވުމުން، އެ ސިޓީ ޤުރައިޝުންނަށް ފޯރުމުގެ ކުރިން އެކަލޭގެފާނުގެ ޞަޙާބީންގެ ބަޔަކު ޢަލީގެ ފާނުން އިސްކުރައްވައި ފޮނުއްވައިގެން މައްކާއަށް ސާރާ ދަތުރު ކުރެއްވި މަގުމަތިން ހުއްޓުވައި، ސިޓީ އަތުލައްވައި، ރަސޫލާގެ އަރިހަށް ސިޓީ ގެންނެވިއެވެ.

ޙާޠިބު ބިން އަބީ ބަލްތަޢަތުގެ ނަންފުޅު، މައްކާ ފަތަޙަކުރުމާ ގުޅިފައިވަނީ، މިދެންނެވި ސިޓީ މައްކާގައި ތިބި މުޝްރިކުންނަށް ފޮނުއްވައިގެން ރަސޫލާ އެމީހުންނާއި ހަނގުރާމައެއް ކުރެއްވުމުގެ ނިޔަތް އަންގަވައިދެއްވުމަށް މަސައްކަތް ކުރެއްވުމުންނެވެ. އަދި މި ޢަމަލަކީ، މުޝްރިކުންނަށް ޖާސޫސު ކުރުމަށާއި، މުސްލިމުންނަށް ގެއްލުންވާ އަސްކަރީ ޚަބަރުތައް ފެތުރުންކަމަށް ބެލެވޭތީއެވެ.

މި ޢަމަލަކީ މާތްރަސްކަލާނގެއާއި އެކަލާނގެ ރަސޫލާ ﷺ އަށް އީމާންވުމުގެ ޝަރުޠާ ފުށުއަރާ ޢަމަލެއް ކަމުގައި ވިއެވެ. އެކަލޭގެފާނަކީ މުނާފިގެއް ކަމުގައި ޞަހާބީންނަށް ޤަބޫލުފުޅު ކުރެވުނެވެ. އެހެންކަމުން ޢުމަރުގެފާނު، ރަސޫލާގެ އަރިހުން އެކަލޭގެފާނު މަރާލުމުގެ ހުއްދަ ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ނަމަވެސް ރަސޫލާ ﷺ ޙާޠީބު މިޢަމަލު ކުރުމަށް ބާރުއެޅުވި ސަބަބާ ބެހޭގޮތުން ޙާޠިބުގެ ކިބައިން ސުވާލުކުރެއްވުމުން، އެކަން ކުރެއްވީ ދީނުން މުރުތައްދު ވުމެއްގެ ގޮތުގައި ނޫން ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެކަން ކުރީ ދުނިޔަވީ މަންފާޢަކަށްޓަކައި ކަމަށާއި، އެއްވެސް ޙާލެއްގައި މުޝްރިކުން ދެކެ ލޯބިން، އެހީތެރިއެއްގެ ގޮތުގައިވުމަށް ނޫންކަމަށް ދެންނެވިއެވެ. ފަހެ، ރަސޫލާ ﷺ އެކަލޭގެފާނުގެ ބަސްފުޅު ޤަބޫލުފުޅު ކުރައްވައި، އެއީ ކާފަރެއް ކަމުގައި އިޢުލާން ނުކުރެއްވިއެވެ. އިސްލާމްދީނާއި ޖިހާދުގައި އިސްވެ ހުންނަވާތީ، އަދި އެކަލޭގެ ފާނުގެ ބަސްފުޅުގެ ތެދުކަން ޤަބޫލުފުޅު ކުރައްވައި، މަޢާފުކޮށް އަދަބުދިނުން މަނާކުރެއްވިއެވެ.

އަދި މިޙާދިޘާއާއި ގުޅިގެން މާތް ﷲ ވަޙީކުރެއްވި މިއާޔަތްތައް ބާވައި ލެއްވެވިއެވެ. )يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُم مِّنَ الْحَقِّ يُخْرِجُونَ الرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا بِاللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَادًا فِي سَبِيلِي وَابْتِغَاءَ مَرْضَاتِي ۚ تُسِرُّونَ إِلَيْهِم بِالْمَوَدَّةِ وَأَنَا أَعْلَمُ بِمَا أَخْفَيْتُمْ وَمَا أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ ۞‏ إِن يَثْقَفُوكُمْ يَكُونُوا لَكُمْ أَعْدَاءً وَيَبْسُطُوا إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُم بِالسُّوءِ وَوَدُّوا لَوْ تَكْفُرُونَ ‎۞‏ لَن تَنفَعَكُمْ أَرْحَامُكُمْ وَلَا أَوْلَادُكُمْ ۚ يَوْمَ الْقِيَامَةِ يَفْصِلُ بَيْنَكُمْ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ( (މުމްތަޙިނާ: 1-3) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ عدوّ ންނާއި، އަދި ތިޔަބައިމީހުންގެ عدوّ ންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން، އެއުރެންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި حق دين އަށް އެއުރެންވަނީ كافر ވެފައެވެ. ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިޔަބައިމީހުން إيمان ވާ ކަމަށްޓަކައި، އެއުރެން رسول އާއާއި، ތިޔަބައިމީހުން ރަށުން ބޭރުކޮށްލައެވެ. ތިމަންރަސްކަލާނގެ މަގުގައި جهاد ކުރުމަށާއި، އަދި ތިމަންރަސްކަލާނގެ ރުއްސެވުން އަދައިގެން، ތިޔަބައިމީހުން ނުކުތް ކަމުގައިވާނަމަ (ތިޔަބައިމީހުން ތިމަންރަސްކަލާނގެ عدوّ ންނަށް رحمة ތެރިކަން ނުބަހައްޓާށެވެ!) ތިޔަބައިމީހުން އެއުރެންނަށް ލޯތްބާއެކު ސިއްރު ވާހަކަ ދައްކަމުއެވެ. ތިޔަބައިމީހުން ފޮރުވާކަންތަކާއި، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންކުރެ އެފަދަ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގު ގެއްލިއްޖެކަން ކަށަވަރެވެ. އެއުރެން ތިޔަބައިމީހުންގެ މައްޗަށް ގަދަވެއްޖެނަމަ، އެއުރެންވާހުށީ ތިޔަބައިމީހުންނަށްހުރި عدوّ ން ކަމުގައެވެ. އަދި އެއުރެންގެ އަތްތަކާއި، ދޫތައް ނުބައިގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފަތުރައިލާނެތެވެ. އަދި ތިޔަބައިމީހުން كافر ވާނެ ނަމައޭ ހިތައި، އެއުރެން އެކަމަށް އެދޭނެތެވެ. ތިޔަބައިމީހުންގެ ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުންގެ ދަރިން، قيامة ދުވަހުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކޮށްދޭނެތެވެ. ތިޔަބައިމީހުންގެ މެދުގައި އެކަލާނގެ (އެދުވަހުން) ނިޔާކުރައްވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

އެކަލޭގެ ފާނަކީ ބަދުރުގެ ހަނގުރާމައިގައި ބައިވެރިވި ޞަހާބީއަކަށްވުމާއެކު، އެކަލޭގެފާނުންގެ ޢަމަލުފުޅުގެ ޤަޞްދު ތަފްޞީލް ކުރުމުން ޙާތިބަށް ޚާއްޞަ ކަމެއް ދެއްވުނީކަމަށް ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. އަދި އެކަލާނގެ ރަސޫލާއަށް ޙާތިބުގެ ތެދުވެރިކަމާ ބެހޭގޮތުން އަންގަވައި ދެއްވުމުން ޙާޠީބުގެ ބަސް ޤަބޫލުފުޅު ކުރެއްވިނަމަވެސް ޙާތިބަށްފަހު މީހެއްގެ މިފަދަ ޢަމަލެއްގައި ފޮރުވިގެންވާ ކަންކަން ސާފުކޮށް ކަނޑައަޅައި ބަޔާންކުރާނެ ގޮތެއް ނެތުމުން މިއަދަކު މިފަދަ ކަންކަމުގެ ޙާލަތު އެނގޭނެ ގޮތެއް ގިނަފަހަރު ނުއޮވެއެވެ. އެޙާލަތުގައި ކާފަރުންނަށް ވަފާތެރިވެ، ޤައުމަށް ޚިޔާނަތްތެރިވާ ކޮންމެ މީހަކީ ކާފަރެއް ކަމުގައި ބަލައެވެ. އަދި މިފަދަ ޢަމަލުތަކަށް މިއަދުގެ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މަރުގެ އަދަބު ދެމުންދެއެވެ.

މިދެންނެވި އާޔަތުގައިވާ "މުވާލާތު" ގެ މާނައަކީ ވަފާތެރިކަމާއި އެހީތެރިންކަމުގައި ބެލުމެވެ. އެއީ ގާތްކަމާއި، ލޯތްބާއި، ރުހުމާއި، ތަބަޢަވުން އޭގެ މައްޗަށް ތަރުތީބުވާ ގޮތުގައެވެ. ކާފަރުންނަށް ވަފާތެރިވުމުގެ ބާވަތްތަކުގެ ތެރޭގައި، އެމީހުންދެކެ ލޯބިވުމާއި، އެމީހުންގެ ޢީދުތަކާއި ޢަޤީދާއާއި ގުޅުންހުރި ދުވަސްތަކާއި، ޙަރަކާތްތައް ފާހަގަކުރުމާއި، އިސްލާމް ދީނަށާއި މުސްލިމުންނަށް ކުރާ ޢުދުވާންތައް ބަލައިގަތުމާއި، މުސްލިމުންނާ ދެކޮޅަށް ހިންގޭ ކަންކަމުގައި އެހީތެރިވުމާއި، އެމީހުންގެ ފައިދާއަށްޓަކައި މުސްލިމުންނަށް ޖާސޫސްކުރުމާއި، އެމީހުންގެ ކާމިޔާބީއަށް އުފާކުރުމާއި، އެނޫންވެސް ކަންތައްތައް ހިމެނެއެވެ.

އާދެ! މިއީ އިސްލާމް ދީނުގެ ތާރީޚުގައި ހިނގާފައިވާ އާދަޔާ ހިލާފު ހާދިޘާ އެކެވެ. މާތްރަސްކަލާނގެ އަމުރުފުޅުން ހިނގި މިޙާދިޘާއިން ޖީލުތަކަށް ފިލާވަޅު ދެއްވުމަށާއި، އެމީހުންނަށް މިފަދަ މައްސަލަތަކުގެ ޤަވާޢިދުތައް ބަޔާން ކޮށްދެއްވުމަށްޓަކައެވެ. މި ހާދިޘާއިން ލިބޭ މުހިންމު ފިލާވަޅުތައް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.

ފުރަތަމަ ފިލާވަޅަކީ، ކޮންމެ އާދަމްގެ ދަރިއަކަށްވެސް ކުށެއް ކުރެވިދާނެކަމެވެ. މިދެންނެވި މާތް ޞަޙާބީ އަށްވެސް ކުށެއް ކުރެވުނުކަމާއި، އެކުށް ފޮރުވުމުގެ ބަދަލުގައި ކަމުގެ ޙަޤީޤަތް ސާފުކޮށް ދެއްވިކަމާއި، މިދެންނެވިފަދަ ކުށްތަކަކީ މިއަދުގެ ދުނިޔޭގެ ޤާނޫނުތަކުގައި ޤައުމަށް ވެވޭ އެންމެ ބޮޑު ޚިޔާނާތުގެ ގޮތުގައި ކަނޑައަޅައި، އެކަމުގެ ޙުކުމަކީ މަރުގެ އަދަބު ކަމުގައި ކަނޑައެޅިފައިވާ ކުށެއްކަން އެނގިގެންދެއެވެ.

މިޙާދިޘާއިން ލިބޭ ދެވަނަ ފިލާވަޅަކީ؛ މިފަދަކަންކަން ބަލަންޖެހޭ ފަރާތްތަކުން ކަމުގެ ޙާޤީޤަތް ރަނގަޅަށް ބަލައި ވަޒަންކުރުމަށްފަހު ކަމުގެ ޙަޤީޤަތަށް ވާޞިލްވުން މުހިއްމުކަމެވެ. ނަމަކަށް ނުވަތަ ކަމަކަށް ކަމެއް، އިޖްރާއަތަކަށް އިޖްރާއަތެއް ހިންގުމުގެ ނިޔަތުގައި ކުރުމުގެ ބަދަލުގައެވެ.

މިދަފަ ކަންކަމުން ދުރުވުމަށާއި، ޣައިރު މުސްލިމް ދައުލަތްތަކާއެކު ގުޅުންތައް ބާއްވަންވީގޮތް އަދި އެގުޅުންތަކުގެ ޠަބީޢަތް އަންގަވައި ދެއްވުމަށް ﷲ ވަނީ ވަރަށް ގިނަ އިރުޝާދުތައް ކީރިތި ޤުރުއާނުގައި ދެއްވާފައެވެ. ބަޔާންކުރާ އާޔަތްތަކަށް މިނިވަން ސިކުނޑިން ވިސްނައި ވަޑައިގަންނަވާށެވެ. ވިސްނައި، ފިލާވަޅު ލިބި، ޢިބްރަތް ލިބިގަތުމަށެވެ.

(يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ) (އަލްމާއިދާ:51) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ."

(لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَٰئِكَ حِزْبُ اللَّهِ ۚ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ) (އަލްމުޖާދަލާ:22) މާނައީ: "اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إيمان ކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ حضرة ން ލިބިފައިވާ روح އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. اللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللَّه ގެ جماعة އެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ جماعة ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ."

(لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَإِلَى اللَّهِ الْمَصِيرُ) (އާލު ޢިމްރާން:28) މާނައީ: "مؤمن ން، مؤمن ން ފިޔަވައި كافر ން އެއީ، އެހީތެރިންކަމުގައި ނުހަދާހުށިކަމެވެ! އެކަންތައް (އެގޮތަށް) ކުރާމީހާ (ދަންނާށެވެ!) ފަހެ، اللَّه ގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސްކަމެއްގައި އެމީހަކު ނުވެތެވެ. އެއުރެންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ސަލާމަތްވުން مجبور ވެއްޖެ حال އެއްގައި މެނުވީއެވެ. އަދި، اللَّه އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. އެނބުރި ދިޔުންވަނީ اللَّه ގެ حضرة އަށެވެ."

ބަޔާންކުރެވުނު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުންނާއި، ޙާޠިބުގެ ވާހަކައި އެނގޭ ގޮތުގައި ޣައިރު މުސްލިމުންން މުސްލިމުންނާއި އޮންނަންވީ ގުޅުމާއި ގާތްކަން ވަނީ ވަރަށް ސާފުކޮށް ﷲ ބަޔާން ކޮށްދެއްވާފައެވެ. ޔަހޫންދީންނާއި ނަޞާރާއިން އެއްބަޔަކު އަނެއްބަޔަކާއި އޮތް ގުޅުންވެސް ވަނީ ސާފުކޮށް ދެއްވާފައެވެ. ދުނިޔޭގެ ތާރީޚުގެ ޞަފުޙާތަކުން އެބައިމީހުން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ހިންގި ޢަދާވަތްތެރިކަމާއި، ލޭ އޮހޮރުވުން ފެންނަން އެހުރީއެވެ. ހިންދޫންނާއި، ނަޞާރާއިންނާއި، ޔަހޫދީންގެ ހައްދުފަހަނެޅި ޢަމަލުތަކުން ހަމައެކަނި އަނިޔާ ލިބެމުންދަނީ މުސްލިމުންނަށް އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ! ޚުދު! އެހެން ދީން ތަކުގެ މީހުންގެ ތެރެއިންވެސް އިންސާނިއްޔަތަށާއި، އިންޞާފަށް ލޯބިކުރާ މީހުންނަށްވެސް މެއެވެ. މިހެން މިކަން އޮތްއިރު، އަޅުގަނޑުމެން ދެއިރު ދެ ދަޅަޔަށް އަވައްޓެރި ޤައުމަކަށް ސަލާންޖަހަން ދޮލަނގު ހިފައިގެން ދާހެން ދާންޖެހޭ ހެއްޔެވެ؟ ދައުލަތުން އެބަޔަކަށް އަބުއިކަމާއި، ގަދަރާއި ޝަރަފުދީ، މަތިމައްޗަށް ހުވާކޮށްގެން ތިއްބަވާ އެންމެ އިސްވެރިން ފެށިގެން އެންމެ ދަށުގެ މުވައްޒަފު ހިމެނޭހެން، އެބަޔަކަށް ކުރުނީސްކޮށް ޤައުމުގައި ހިނގާ ކަންކަމާއި މަޢުލޫމާތުގެ ޚަޒާނާތައް ހިއްސާކުރަން ޖެހޭ ހިސާބައް ދާންޖެހޭ ހެއްޔެވެ؟ މުސްލިމުންގެ މަޢުލޫމާތެއް ސިޓީ އެއްގެ ޒަރީޢާއިން ފޮނުއްވުމުން، އެކަން ވިޔަނުދެއްވުމަށްޓަކައި، ޖިބްރީލްގެ ފާނުން ފޮނުއްވަވައި ރަސޫލާއަށް އެކަމުގެ ޚަބަރު ދެއްވަވައި، އެ ސިޓީ ގެންނެވުމުން މިކަމުން އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަން ނުވޭހެއްޔެވެ؟ ޤައުމަށް ވަފާތެރިވެ ލޯބިވުމަށާއި، އިޚްލާޞްތެރިވުމަށާއި، ސިއްރުތައް ހިފެހެއްޓުމަށް ހުވާ ކުރައްވައިގެން ތިއްބެވި ފަރާތްތައް މިފަދަ މޭރުމަކުން ޢަމަލު ކުރާނަމަ، މި ވާހަކައިން ފިލާވަޅާއި ޢިބްރަތް ލިބިގަނެ، ސީދާވެ ތެދުވެރިވާންޖެހެއެވެ.

comment ކޮމެންޓް