ތިން ގައުމެއްގެ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

ޕެނަމާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިޙަށް އެރުވުން --- ފޮޓޯ/ ރައީސް އޮފީސް

ތިން ގައުމަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފައިވަނީ ޕެނަމާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު އިޓްސެލް ޕަތީނޯ ދޭ ވިލްޔާރެއާލް އާއި ގާނާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު، ހިޒް އެކްސަލަންސީ ކުވާކޫ އަސޫމާ ޝެރަމޭ އަދި ގެމްބިޔާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު، ހިޒް އެކްސަލަންސީ މުސްތަފާ ޖަވާރާއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ތިން ބޭފުޅުން ވެސް ވަނީ ރައީސާ ބައްދަލުކުރައްވައިފައެެވެ.

އެގޮތުން ޕެނަމާގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ވަނީ ޕެނަމާއިން ރާއްޖެއަށް ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރުކަން ހާމަކުރައްވައި އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ދަންނަވާފައެވެ.

ޕެނަމާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިޙަށް އެރުވުން --- ފޮޓޯ/ ރައީސް އޮފީސް

އެ ބައްދަލުކުރެއްވުމުގައި ޕެނަމާގެ ސަފީރު ވަނި ދެ ގައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން މަލްޓިލެޓަރަލިޒަމްއާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މޫސުމީ ބަދަލުތަކާއި ޑިމޮކްރަސީއާއި، ކައުންޓަ ޓެރަރިޒަމްގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ގާނާގެ ސަފީރާއެކު ބޭއްވި ބައްދުލުކުރެއްވުމުގައި ރާއްޖެއާ ގާނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ، ތެއްތިރީސް އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި އަހަރަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ގާނާގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިޙަަށް އެރުވުން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދެވޭ ސިނާޢަތަކަށް ހެދުން ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ގާނާގެ ސަފީރު ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން ދެ ޤައުމަށްވެސް ފައިދާ ހުރި، އިތުރު ދާއިރާތަކުން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ހަމައެއާއެކު، ގާނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ގައުމެއްކަން ފާހަގަކުރައްވަމުން، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ބައްލަވައިދެއްވުމަށް ގާނާގެ ސަފީރު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ގެމްބިޔާގެ ސަފީރާއެކު ރައީސްގެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި ދެޤައުމުން ހިއްސާކުރާ، އިސްލާމީ އަދި ތާރީޚީ ގުޅުންތަކާއި، ދިމިޤުރާތީ އަސާސްތަކުގެ އިތުރުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ކޮމަންވެލްތް އޮފް ނޭޝަންސްގެ މެމްބަރު ގައުމުތަކުގެ ގޮތުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ހަމައެއާއެކު، ދެ ޤައުމަށް ފައިދާހުރި، ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ވިޔަފާރީގެ ފުރުސަތުތައް އިތުރު ކުރުމާއި ގުޅޭ ގޮތުން މުހިއްމު މައުޟޫއުތަކަށް ވާހަކަފުޅުދައްކަވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހޯދައިދިނުމަށްޓަކައި އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ގެމްބިޔާއިން ހުށަހަޅާފައިވާ މައްސަލައަށް، ރާއްޖެއިން ތަދައްޚުލްވެފައިވުމަކީ، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއާ ގެމްބިޔާއިން ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.

ގެމްބިޔާގެ އާ ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިޙަށް އެރުވުން --- ފޮޓޯ/ ރައީސް އޮފީސް

ގެމްބިޔާ ސަފީރު މުސްތަފާ ޖަވާރާ ވަނީ، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން، ދެޤައުމުގެ މެދުގައި މަޢުލޫމާތާއި ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އެމަނިކުފާނު ވަނީ، ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް، ޑިޕްލޮމެޓުން ތަމްރީން ކުރުމުގެ ޝައުޤުވެރިިކަން ވެސް ފާޅުކުރައްވާފައެވެ.

ގެމްބިޔާގެ ސަފީރާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިޔާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް އެހީތެރިވެދިނުމަށް ހުށަހެޅުވި ހުށަހެޅުއްވުން ފުރިހަމައަށް ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

comment ކޮމެންޓް