ފަސް ވިކެޓުން އިންޑިއާގެ މައްޗަށް ޕާކިސްތާން ކުރި ހޯދައިފި

އޭޝިއާ ކަޕްގައި އިންޑިއާ އަދި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އީއެސްޕީއެން

އޭޝިއާ ކަޕް 2022 ގައި ޕާކިސްތާން ފަސް ވިކެޓުން ކްރިކެޓުގެ ގަދަ ބާރު އިންޑިއާ ބަލިކޮށްފިއެވެ.

ދުބާއީގައި ރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާން ނިންމީ އުކާށެވެ. އިންޑިއާ ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް ހެދުނީ 181 ލަނޑެވެ.

އެ އީނިންސްގައި އިންޑިއާގެ ވިރާޓް ކޯލީ 44 ބޯޅައިން 60 ލަނޑުހެދިއިރު، ރޯހިތު ޝަރްމާ ނުބައިނުވެ 16 ބޯޅައިން 28 ލަނޑު ހެދިއެވެ. އަދި އެ ޓީމުގެ ކޭއެލް ރާހުލްއަށް ނުބައިނުވެ 20 ބޯޅައިން ހެދުނީ 28 ލަނޑެވެ.

ޕާކިސްތާނުގެ އުކުންތެރިންގެ ތެރެއިން ޝާދަބް ޚާން ދެ ވިކެޓް ނެގިއިރު، މުހައްމަދު ނަވާޒް އާއި މުހައްމަދު ހުސައިން ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއް ނެގިއެވެ.

އޭޝިއާ ކަޕްގައި އިންޑިއާ އަދި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އީއެސްޕީއެން

ޖަވާބުގައި ޕާކިސްތާނުން ކުޅެންއަރައި، 19.5 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 182 ލަނޑުހަދައިގެން މެޗުން މޮޅުވީއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕާކިސްތާނުގެ މުހައްމަދު ރިޒްވާން ވަނީ ނުބައިނުވެ 51 ބޯޅައިން 71 ލަނޑުހަދާފައެވެ. ޕާކިސްތާނުން ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 20 ބޯޅައިން 42 ލަނޑުހެދި މުހައްމަދު ނަވާޒްއާއި އަށް ބޯޅައިން 16 ލަނޑުހެދި އާސިފް އަލީއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ އޭޝިއާ ކަޕަކީ އަންނަ މަހު އޮސްޓްރޭލިއާގައި ފަށާ ޓީ20 ވޯލްޑުކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މުބާރާތެކެވެ.

އެ މުބާރާތުގައި މާދަމާ އިންޑިއާއިން ސްރީ ލަންކާއާ ދެކޮޅަށް ނިކުންނަން ޖެހޭއިރު ޕާކިސްތާނުން ބުދަ ދުވަހު ކުޅޭނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

comment ކޮމެންޓް