ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް އިންޑިއާ ބަލި ކުރެވޭނެ: މަހުލޫފް

ޔޫތު މިނިސްޓަރު މަހުލޫފާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022ގެ ލޯގޯ އިފްތިތާހުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ރާއްޖޭގައި ބާއްވާ ސާބާ ވިމެންސް ޗެމްޕިއަންޝިޕް ބާސްކެޓް ބޯޅަ މުބާރާތުގައި ރާއްޖެއަށް އިންޑިއާ ވެސް ބަލިކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022 ގެ ލޯގޯ އިފްތިތާހުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ސަރަހައްދީ ގައުމުތައް ކިތަންމެ ވަރުގަދަ ނަމަވެސް ރާއްޖެއަށް މެޑަލެއް ނުހޯދެންވީ ސަބަބެއް ނެތްކަމަށަވެ.

ހުރިހާ ކުޅުންތެރިން ވެސް ރަން މެޑަލެއް ރާއްޖެ ގެނައުމަށް އަމާޒުހިފައި އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުމަށް ޔޫތު މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

"މި ރީޖަންގައި އެންމެ ވަރުގަދައީ އިންޑިއާ ދެއްތޯ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އިންޑިއާ ވެސް ބަލިކުރެވޭނެ" މަހުލޫފް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެ މުބާރާތުގެ ލޯގޯ އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޑރ. އައިޝަތު އަލީ އާއި ޔޫތު މިނިސްޓަރު މަހުލޫފެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022 ގެ ލޯގޯ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ދިވެހި ބާސްކެޓް ބޯޅަ ޓީމަށާއި ރާއްޖެ ތަމްސީލކުރާ ދަރިވަންރުންނަށް ދެވެން އޮތް އެއްބާރުލެއް އަބަދުވެސް އެ މިނިސްޓްރީން ދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންހެން ކުދިންނަށް ކުޅިވަރުގައި ކުރިއަށް ގޮސް ރާއްޖެއަށް ރީތިނަން ހޯދައިދެވޭނެ ކަމަށެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022 ބާއްވަނީ ސޯޝަލް ސެންޓަރުގައެވެ. މިމަހުގެ 24އިން 30 އަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ހަ ގައުމަކުން ބައިވެރިވެއެވެ. އެއީ ބަންގްލަދޭޝް. ބޫޓާން، އިންޑިއާ، ނޭޕާލް، ސްރީލަންކާގެ އިތުރުން ރާއްޖޭގެ ބާސްކެޓު ބޯޅަ ޓީމެވެ.

އެ މުބާރާތުގެ ލޯގޯ އިފްތިތާހުކުރިއިރު އެ ލޯގޯއިން ރާއްޖެއާއި ބާސްކެޓުބޯޅަ ރަމްޒުކޮށްދެއެވެ. އެގޮތުން އެ ލޯގޯގައި ތުނޑުކުނާގެ ފަށަލަތަކަކާއި ރާއްޖޭގެ ކަނޑުގެ އިތުރުން ރީތި އިރުއޮއްސޭ މަންޒަރު ބާސްކެޓު ބޯޅައެއްގެ ތެރެއިން ދައްކުވައިދެއެވެ.

comment ކޮމެންޓް