އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން މޮޅު ނުވެވުމުން އަދި ހާސް ނުވާ ކަމަށާއި، ނަތީޖާ ނެރެން ކުރިއަށް އަދި ބައިވަރު މެޗު އެބަހުރި ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އެސްޓަން ވިލާ ދަނޑުގައި ރޭ އެ ޓީމާއި ސިޓީ ބައްދަލު ކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މެޗުގައި މޮޅުވާނެ ފުރުސަތުތައް ލިބުނު ނަމަވެސް ޓީމަށް ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުނު ކަމަށެވެ.
އެހެންނަމަވެސް ކުރިއަށް ހުރި މެޗުތަކުން ސިޓީ މޮޅުވާން މަސައްކަތް ކުރާނެކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ. އަދި އޭނާ ބުނީ ލީގުގައި ކުޅޭ ކޮންމެ މެޗެއް ވެސް ވާނީ އުނދަގޫ މެޗަކަށް ކަމަށެވެ.
"އަހަރެންނަށް އެނގޭ އަބަދުވެސް އުނދަގޫ ވާނެކަން. މީ އަހަރެންގެ ފުރަތަމަ ސީޒަނެއް ނޫން. މީ އަހަރެންގެ ހަތް ވަނަ ސީޒަން،" ގާޑިއޯލާ ބުންޏެވެ.
އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ސިޓީއިންނެވެ. އެ ގޯލަކީ ކެވިން ޑިބްރޭނާގެ އެހީތެރިކަމާއެކު ސިޓީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާލިން ބްރައުޓް ހާލަންޑް މެޗުގެ 50 މިނެޓުގައި ޖެހި ގޯލެކެވެ.
ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި އެސްޓަން ވިލާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޖޭކަބް ރަމްސީގެ އެހީތެރިކަމާއެކު އެ ގޯލު ޖަހައިފައިވަނީ އެ ޓީމުގެ ލެއޮން ބެއިލީއެވެ.
އެ ނަތީޖާއާއެކު ސިޓީ އޮތީ ތާވަލުގެ ދެ ވަނައިގައި 14 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް ރޭގެ މެޗުން މޮޅުވުމާއެކު އެ ޓީމަށް ވެސް ވަނީ 14 ޕޮއިންޓު ލިބިފައެވެ. ނަމަވެސް އެ ޓީމަށް ތިން ވަނަ ލިބެނީ ގޯލު ތަފާތުންނެވެ. ސިޓީއަށް 14 ފައިދާ ގޯލު ލިބޭއިރު ޓޮޓެންހަމްއަށް ލިބެނީ ހަތް ފައިދާ ގޯލެވެ.