ސިޓީ ކައުންސިލުގެ ޚަރަދުގައި ވިލިމާލޭގައި ބުޅާ ގެންގުޅޭ މަރުކަޒެއް އަޅަނީ

ކެޓް ޝެލްޓާއަކާއި ވެޓް ކްލިނިކެއް ވިލިމާލޭގައި ގާއިމުކުރުމަށް ވަނީ ފާސްކޮށްފަ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީ ކައުންސިލުގެ ޚަރަދުގައި، ބުޅާ ގެންގުޅޭ މަރުކަޒަކާއި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ވިލިމާލޭގައި ގާއިމްކުރަން އެ ކައުންސިލުން ނިންމައިފިއެވެ.

އެގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކައުންސިލުގެ އާންމު ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން 12 މެންބަރުންގެ ވޯޓުންނެވެ.

އެކަމާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ އަލީއެވެ.

ވިލިމާލޭގައި ކެޓް ޝެލްޓާއަކާއި ވެޓް ކްލިނިކެއް ގާއިމުކުރުމާ ގުޅޭ ގޮތުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ބުޅާ ގިނަވުމުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަން ހައްލުނުކުރާތީ ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"ގާތްގަނޑަކަށް ފަސް މިލިއަނާއި އަށް މިލިއަން ރުފިޔާއާ ދެމެދުގެ އަގެއް ހަރަދުކޮށްގެން ބުޅާ ޝެލްޓާއެއް އިމާރާތްކުރުމުގެ ގާބިލުކަން އަޅުގަނޑުމެންގެ އެބަހުރި،" އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ކެޓް ޝެލްޓާއަކާއި ވެޓް ކްލިނިކެއް ގާއިމު ކުރަން ނިންމާފައި ވަނީ މާލެއަކީ ވަރަށް ތޮއްޖެހިފައިވާ އަދި ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ތަނަކަށް ވާތީ، އެ ކަހަލަ ތަނެއް މާލޭގައި އެޅުމަކީ އުނދަގޫ ކަމަކަށް ވާނެތީ ކަމަށެވެ.

ވިލިމާލޭގައި އެ ދެ ތަން އިމާރާތް ކުރުމާ ދެކޮޅު ހައްދަވަމުން ނަހުލާ ވިދާޅުވީ، އެކަމަކީ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ކަމެއް ނޫން ކަމަށެވެ.

"މީގެކުރިން ވެސް ވެޓް ކްލިނިކެއް ހިންގާފައިވޭ. އެ ކަމުގެ ތަޖުރިބާ އެތާގަ ދިރިއުޅޭ ރައްޔިތުންނަށް އެނގޭނެ. މިހާ ބައިވަރު ލާރި ޚަރަދު ކުރާއިރު ލާރި ޚަރަދު ކުރެވެނީ ރައްޔިތުންގެ ހިތްހަމަޖެހުން އޮންނަ ކަންކަމަށްތޯ ވެސް ބަލަން ޖެހޭ، އަދި ރައްޔިތުންގެ ހިތްހަމަ ޖެހުން އޮންނަ ގޮތަކަށް އަމަލުކުރުމަކީ އަޅުގަނޑުމެންނަށް ވެސް ލިބޭ އިތުރު ކުރިއެރުމެއް،" އޭނާ ވިދާޅުވިއެވެ.

ވިލިމާލޭގައި ބުޅާ ޝެލްޓާއަކާއި ވެޓް ކްލިނިކެއް އަޅަން ފާސްކޮށްފައިވާއިރު މީގެ ކުރިން އަމިއްލަ ޚަރަދުގައި ބުޅާ ޝެލްޓާ ގާއިމްކޮށްދޭނެ ބައެއް ހޯދަން ސިޓީ ކައުންސިލުން އިއުލާނުކޮށްފައިވެއެވެ. ނަމަވެސް އެކަމަށް އެކަށޭނެ ތަރުހީބެއް ނުލިބުނު ކަމަށް އެ ކައުންސިލުން ބުންޏެވެ.

ވިލިމާލޭގައި ކުރިން ވެޓް ކްލިނިކެއް ހިންގަމުން އައި ނަމަވެސް މިދިޔަ އަހަރު ނިމުމާއެކު އެތަން ވަނީ ބަންދުކޮށްފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެޗްޑީސީން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި ބުޅާ ގެންގުޅެން ފެސިލިޓީއެއް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

comment ކޮމެންޓް