ނާސާގެ ރޮކެޓުގައި މައްސަލައެއް ޖެހި، ހަނދަށް އުޅަނދު ފޮނުވުން ފަސްކޮށްފި

ނާސާގެ ޖައްވީ އުޅަނދާއެކު އިއްޔެ ރޮކެޓް ލޯންޗު ކުރަން މަސައްކަތް ކުރި ނަމަވެސް އިންޖީން މައްސަލައެއްގެ ސަބަބުން ރޮކެޓް ލޯންޗު ކުރުން ވަނީ ފަސްކުރަން ޖެހިފައި -- ފޮޓޯ/ ނާސާ

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ހަނދަށް މީހުން ފޮނުވުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން އިއްޔެ ލޯންޗު ކުރަން އުޅުނު ރޮކެޓުގައި މައްސަލައެއް ޖެހި، ރޮކެޓު ލޯންޗު ކުރުން ފަސްކުރަން ޖެހިއްޖެއެވެ.

ނާސާއިން ކްރޫއަކާ ނުލައި އިއްޔެ 'އޮރައޮން' ޖައްވީ އުޅަނދާއެކު ރޮކެޓު ލޯންޗު ކުރަން މަސައްކަތް ކުރީ އެމެރިކާ ގަޑިން 8:33ގައި، އެގައުމުގެ ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.

ނާސާއިން ބުނި ގޮތުގައި އެ މަސައްކަތް ފަސްކުރަން ޖެހުނީ، ރޮކެޓުގެ އިންޖީނަކުން މައްސަލައެއް ފާހަގަކުރެވުމުންނެވެ. އެ މައްސަލަ ބެލުމަށް ފަހު، ދެން މަސައްކަތް ކުރިއަށްގެންދާނެ ގޮތެއް އެ އިދާރާގެ މިޝަން މެނޭޖްމެންޓު ޓީމުން ނިންމާނެ ކަމަށް ނާސާއިން ބުންޏެވެ.

ނާސާއިން ލަފާ ކުރާ ގޮތުގައި ދެން އެ ރޮކެޓާއި އުޅަނދު ލޯންޗު ކުރެވޭނީ އަންނަ ހުކުރު ދުވަހު ނުވަތަ ހޯމަ ދުވަހެވެ.

"ދެން އޮތް ގޮތަކީ ކޮބައިކަން ބުނަން އަދި މާ އަވަސް. ހުރިހާ މައުލޫމާތެއް ދިރާސާ ކުރަން ވަގުތު ބޭނުންވޭ. އަޅުގަނޑުމެން މި މަސައްކަތް ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އަޅުގަނޑުމެން މަސައްކަތް ހުއްޓާލަން ތައްޔާރެއް ނޫން،" ނާސާއިން ބުންޏެވެ.

ނާސާއިން އެސްޓްރޮނޯޓުން ހަނދަށް ފޮނުވުމަށް ފަށާފައިވާ "އާޓީމިސް ލޫނާ ޕްރޮގްރާމް"ގެ ފުރަތަމަ މިޝަންއަކީ ކްރޫއަކާ ނުލައި އުޅަނދެއް ހަނދަށް ފޮނުވުމެވެ. އެއަށް ފަހު އެސްޓްރޮނޯޓުންނާއެކު އުޅަނދެއް ހަނދަށް ފޮނުވަން ނިންމާފައި ވަނީ 2024ގައެވެ. އެ ދަތުރު ވާނީ އަންހެނަކު ހަނދަށް ދާ ފުރަތަމަ ފަހަރަށް ކަމަށް އެމެރިކާއިން ވަނީ އިއުލާންކޮށްފައެވެ.

އިންސާނުން ހަނދަށް ފޮނުވުމުގައި މިހާތަނަށް ކާމިޔާބު ހޯދާފައި ވަނީ ހަމައެކަނި އެމެރިކާއިންނެވެ. އެގައުމުން އެންމެ ފުރަތަމަ އިންސާނުން ހަނދަށް ފޮނުވީ 1969ގައެވެ. އެއީ ނާސާގެ އެޕޯލޯ 11 މިޝަންގައި ނީލް އާމްސްޓްރޯންގްއާއި ބަޒް އަލްޑްރިންއާއި މައިކަލް ކޮލިންސް ކްރޫގެ ގޮތުގައި ދިޔަ ދަތުރެވެ.

އެންމެ ފަހުން އިންސާނުން ހަނދަށް ދިޔައީ 1972ގައެވެ.

އެމެރިކާގެ އިތުރުން ޗައިނާ އާއި އީރާނުން ވެސް ވަނީ މުސްތަގުބަލުގައި އިންސާނުން ހަނދަށް ފޮނުވަން މަސައްކަތް ކުރާނެކަން އިއުލާންކޮށްފައެވެ.

comment ކޮމެންޓް