ޔާމީންގެ މައްސަލަ ތާވަލް ކުރުމަށް ފަހު އިސް ގާޒީ ކުއްލި ޗުއްޓީއަކަށް

ރައީސް ޔާމީން: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ތާވަލް ކުރި ނަމަވެސް ގާޒީ ޗުއްޓީގައި ހުރުމުން ވަނީ ބޭއްވޭ ގޮތް ނުވެފައި --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު އޮންނާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހު އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް 'ކުއްލި' ޗުއްޓީއަކަށް ވަޑައިގަންނަވައިފިއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. ހަތަރު ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ އެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ އިތުރު އަޑުއެހުމެއް މިއަދު ބާއްވާނެ ކަމަށެވެ.

ހެނދުނު 9:30 ގައި ބާއްވާ އެ އަޑުއެހުމުގައި ދެ ހެކިންގެ ހެކިބަސް ނަގާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ނަމަވެސް މިއަދު ބާއްވާނެ ކަމަށް އިއުލާނު ކުރެއްވި އަޑުއެހުން ކްރިމިނަލް ކޯޓުގެ ޝެޑިއުލްގައި ހިމަނާފައެއް ނެތެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކްރިމިނަލް ކޯޓުން ބުނީ, އިސް ގާޒީ ހުންނެވީ ޗުއްޓީގައި ކަމަށާއި އެހެން ކަމުން އެ ސެކްޝަންގެ އެއްވެސް މައްސަލައެއް ތާވަލްކޮށްފައި ނުވާނެ ކަމަށެވެ.

އިސް ގާޒީ ޗުއްޓީއަށް ވަޑައިގަތީ މިއަދު ނޫން ކަމަށް އެ ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ވިދާޅުވިއެވެ. ނަމަވެސް އިސް ގާޒީ ޗުއްޓީއަށް ވަޑައިގަތް ދުވަހާއި ނުކުންނަވާނެ ދުވަސް ވިދާޅުވުމަށް އަމާން ވަނީ އުޒުރުވެރިވެފައެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިއަދު ބޭއްވުމަށް ކުރިން ނިންމި އަޑުއެހުމުގައި ތާވަލްކޮށްފައި ވަނީ ދެ ހެއްކެއްގެ ހެކިބަސް ނެގުމަށެވެ. އެއީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔާތެއެވެ. އެ ދެ ބޭފުޅުންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ދިފާއުން މީގެ ކުރިން ހުށަހެޅުމުން ގާޒީ ވަނީ އެ ހުށަހެޅުން ބަލައިގަނެފައެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް