ބިންހެލުމުގެ އިހުސާސް ކުރެވުނީ މާލެއަށް، މިނެޓެއްހާއިރު ލޮޅުން ހުރި

މާލެ މަތިން ނަގާފައިވާ ފޮޓޯއެއް: ބިން ހެލުމާއެކު މާލޭގެ ބައެއް އިމާރާތްތަކަށް ގުޑުންއެރި-- ސަން ފައިލް ފޮޓޯ

އިންޑޮނޭޝިއާގެ ވެސްޓް ސުމަތުރާ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވާއިރު އޭގެ އިހުސާސް ކުރެވުނީ މާލެ ސަރަހައްދަށް ކަމަށާއި، އެ އެރި ލޮޅުން މިނެޓެއްހާއިރު ހުރި ކަމަށް، މެޓް އޮފީހުން ބުނެފިއެވެ.

އިންޑޮނޭޝިއާގެ ވެސްޓް ސުމަތުރާ ސަރަހައްދަށް މިއަދު ހެނދުނު 8:30 ގައި ވަނީ 5.9 މެގްނިޓިއުޓްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައެވެ. އެއީ މާލެއާ 2854 ކިލޯ މީޓަރު ދުރެވެ. އެ ބިންހެލުމާއެކު މާލޭގެ ބައެއް އުސް އިމާރާތްތަކަށް ލޮޅުމުގެ އިހުސާސް ކުރެވުނެވެ.

"ތިން ފަހަރެއްގެ މަތިން ލޮޅުން އެރި. އިށީންދެ އިން ގޮނޑި ވެސް ތެޅުނު. އެކަމަކު އެހާ ބޮޑަކަށް ނޫން. ފުރަތަމަ އަޅުގަނޑު ހީކުރީ ބޯ އަނބުރަނީ ކަމަށް. އެހެން މީހުންނަށް ވެސް ހަމަ މިގޮތަށް ވީމަ މި އެނގުނީ ބިންހެލުމެއް ކަން،" ފިއުލް ސަޕްލައި މޯލްޑިވްސްގެ އިމާރާތުގެ ހަތް ވަނަ ފްލޯގައި އެ ވަގުތު ހުރި މީހަކު ބުންޏެވެ.

https://sun.mv/167670

ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ވެސް ވަނީ ލޮޅުމުގެ އިހުސާސް ކުރެވިފައެވެ. އެއާއެކު އެ އިމާރާތް ހުސްކުރިއެވެ.

"އަޅުގަނޑަކަށް އިހުސާސެއް ނުކުރެވޭ. އެކަމަކު ބައެއް މުވައްޒަފުން ބުނި އިހުސާސް ވިޔޭ އިމާރާތަށް ލޮޅުމެއް އަރާކަން. އެހެންވެ އަވަހަށް ހުސް ކުރީ،" ހެލްތް މިނިސްޓްރީގެ ޑިރެކްޓަރަކު ވިދާޅުވިއެވެ.

މެޓުގެ ޑިރެކްޓަރު އަޙްމަދު ރަޝީދު "ސަން" އަށް ވިދާޅުވީ ބިންހެލުމުގެ އަސަރު ބެލުމަށް ބަހައްޓާފައި ހުންނަ ދެ މީޓަރު ހުންނަނީ ހދ. ހަނިމާދޫއާއި ލ. ކައްދޫގައި ކަމަށެވެ. އޭގެ ތެރެއިން ލޮޅުން ރިޕޯޓް ކުރެވިފައިވަނީ ހަނިމާދޫގެ މީޓަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"9:02 ގައި ލޮޅުން ރިޕޯޓް ކުރެވިފައި ވަނީ. މިނެޓެއްހާއިރަށް އެ ވޭވް ހުރި،" އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ބިންހެލުމުގެ އިހުސާސް ކުރެވިގެން ރިޕޯޓް ކުރީ މުޅި ރާއްޖެއިން ވެސް މާލެ ސަރަހައްދުން އެކަންޏެވެ.

"މިއީ އެހާ ބާރުގަދަ ބިންހެލުމެއް ނޫން. އެހެންވެ އުސް އިމާރާތްތަކުގައި ތިއްބެވި ބޭފުޅުންނަށް އެކަނި އެ އިހުސާސް ކުރެވިގެން ރިޕޯޓް ކުރީ،" އަޙްމަދު ވިދާޅުވިއެވެ.

މި ބިންހެލުމާއެކު ސުނާމީއެއް ނުއުފެދޭ ކަމަށް ވެސް އަޙްމަދު ވިދާޅުވިއެވެ.

ރާއްޖެއަށް ސުނާމީ އެރީ ވެސް 2004 ވަނަ އަހަރު ސުމަތުރާ ސަރަހައްދަށް އައި ބިންހެލުމަކާއެކުއެވެ. އެފަހަރު ބިންހެލުން އައީ 9.1 މެގްނިޓިއުޓްގެ ބާރުމިނުގައެވެ.

comment ކޮމެންޓް