ތިން ބިޑު ރިޖެކްޓުކުރުމަށްފަހު، ޗެލްސީއަށް ފޮފާނާ ބަދަލުވާން އެއްބަސްވެއްޖެ

ފޮފާނާ---

ލެސްޓާ ސިޓީއަށް ކުޅެމުންއައި ޒުވާން ޑިފެންޑަރު, ވެސްލީ ފޮފާނާގެ ސޮއި ޗެލްސީން ހޯދައިފިއެވެ.

ޑެއިލީ މެއިލްއިން ރިޕޯޓުކޮށްފައިވާގޮތުގައި ފޮފާނާ ޗެލްސީއާ ގުޅެނީ 70 މިލިއަންއަށްވުރެ ބޮޑު އަގަކަށެވެ. އަދި އޭނާ ޗެލްސީއާ ގުޅެނީ ހަ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މީގެކުރިން ތިން ފަހަރެއްގެ މަތިން ޗެލްސީން ވަނީ ފޮފާނާ ހޯދުމަށް ބިޑުކޮށްފައެވެ. އެ ތިން ފަހަރުވެސް ލެސްޓާއިން ވަނީ އެ ބިޑުވެސް ރިޖެކްޓުކޮށްފައެވެ.

ދެހާސް ވިހި ވަނަ އަހަރު ސެއިންޓް އެޓިއެން އިން 36.5 މިލިއަން ޕައުންޑުގެ އަގަކަށް ލެއިސެސްޓާއާ ގުޅުނު ފޮފާނާ ވަނީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނިފައެވެ.

ޗެލްސީގެ ޑިފެންސް ވަރުގަދަކުރުމަށް އެ ޓީމުން އެންމެ ބޭނުންވި ކުޅުންތެރިޔާ ޖޫލްސް ކުންޑޭ އެ ޓީމާ ގުޅުމަށް ގާތްވެފައިވަނިކޮށް ބާސެލޯނާއިން ވަނީ އޭނާ އެ ޓީމަށް ގެންގޮސްފައެވެ.

އެހެންކަމުން ޗެލްސީގެ ކޯޗު ތޯމަސް ތުޗެލް ދެން އެންމެ ގަޔާވާ ޑިފެންޑަރަކީ ފޮފާނާއެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިއެއް ނަމަވެސް އޭނާ ދަނޑުމަތީގައި އެ ހަގުކަން ފާހަގަވިޔަ ނުދީ މޮޅު ކުޅުމެއް އަބަދުވެސް ކުޅެއެވެ.

ފޮފާނާ އައުމުން އެ ޓީމުގެ ޑިފެންޑަރު ޓްރެވޯ ޗަލަބޯހް ލޯނު އުސޫލުން ދޫކޮށްލުމަށް އެ ޓީމުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް