ގޭސްފުޅި ލީކުވެ، ރޯވުމުގެ ސަބަބުން މަންމައަށާއި ދަރިފުޅަށް އަނިޔާވެ ފަރުވާ ދެނީ

ހދ. ނޮޅިވަރަންފަރު ---

ހދ. ނޮޅިވަރަންފަރުގައި ގޭސް ފުޅިއެއް ލީކުވެގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނަކަށާއި ކުޑަ ކުއްޖަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަބްދުﷲ ނަދީމް މިއަދު "ސަން"އަށް ވިދާޅުވީ އެ ހާސިދާ ހިނގާފައިވަނީ މިއަދު ހެނދުނު 06:00އާ 07:00 ދެމުދުގެ ވަގުތެއްގައި ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ 32 އަހަރުގެ އަންހެނަކަށާއި އޭނާގެ ދެ އަހަރުގެ ދަރިފުޅަށެވެ.

"ގޭސްފުޅިއެއް ނުއެއް ގޮވާ. އެކަމު ގޭސް ލީކުވެގެން އަލިފާން ރޯވީ. އެގޭގެ އުޅޭނެ އެހެން ކުއްޖެއްވެސް ހަމަ އަނިޔާ ލިބުނު މީހާގެ. އެކަމަކު އަނިޔާވެފައި ވަނީ އަންހެން މީހާއަށާއި އޭނާގެ ދެ އަހަރުގެ ދަރިފުޅަށް،" ނަދީމް ވިދާޅުވިއެވެ.

ގޭސް ފުޅިއެއް ލީކުވެ ރޯވެގެން ހިނގި އެ ހާދިސާގައި އަންހެން މީހާގެ އަތާއި ފައި ފިހިފައިވާ ކަމަށާއި މޫނުން ވެސް ބައެއް ތަންތަން ފިހިފައިވާ ކަމަށް ނަދީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ކުޑަ ކުއްޖާގެ އަތާއި ފައި ވެސް ކޮންމެސް ވަރަކަށް ވަނީ ފިހިފައެވެ. ނަމަވެސް ކުޑަ ކުއްޖާގެ މޫނުމަތިން ފިހިފައި ހުރި ކަމަށް ފެންނަ ފެނުމުން ނުބެލެވޭ ކަމަށް ނަދީމް ވިދާޅުވިއެވެ.

ނަދީމް ވިދާޅުވީ، ފިހިގެން ލިބުނު އަނިޔާތަކުގެ ސަބަބުން އުނދަގޫތައް ހުރި ނަމަވެސް އަންހެން މީހާއާ ކުޑަ ކުއްޖާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައެވެ. އޭގެ ފަހުން ހެނދުނު 09:00ހާއިރު ވަނީ ކުޅުދުއްފުޓަށް ގެންގޮސް އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ.

ދާދި ފަހުން ވެސް ގޭސް ލީކުވެ، ގޭސް ފުޅިއެއް ގޮވައިގެން ގދ. ރަތަފަންދޫގައި ވަނީ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ވަނީ މަރުވެފައެވެ.

comment ކޮމެންޓް