ބޮޑު ކުށެއް ކޮށްފިނަމަ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލު ކުރާ ބިލް ކޮމެޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން --- ފޮޓޯ/ މަޖިލިސް

ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ވަރުގެ ބޮޑު އަމަލެއް ކުރިކަން، ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ)އަށް ސާބިތުވެއްޖެނަމަ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލްކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ދިރާސާކުރުމަށް ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 41 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލް ހުށަހެޅުމުގެ މަގްސަދަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ އަމަލެއް ފަނޑިޔާރަކު ކޮށްގެން، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާ ހާލަތުގައި، އެފަނޑިޔާރެއްގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައާ މެދު ޢަމަލުކުރެވޭނެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހެޅުއްވި އިސްލާހުގައި ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ބޭފުޅަކު ކުރި އަމަލަކީ، އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމުގެ އަދި ޝަރުއީ ދާއިރާގެ އިތުބާރުގެއްލޭފަދަ ބޮޑު އަމަލަކަށް ޖޭއެސްސީން ކަނޑައަޅާފައިވާ އަމަލެއްކަމުގައި ސާބިތުވެއްޖެނަމަ، ވަކީލު ކަމުގެ ހުއްދަ ބާތިލްކޮށްލެވޭނެ ކަމަށެވެ.

ދެވަނަ ފަހަރަށް ވަކީލުކަން ކުރުމުގެ ފުރުސަތެއް މިފަދަ ކުށެއް ސާބިތުވެއްޖެނަމަ އެވަކީލަކަށް ނުލިބޭނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

ނަމަވެސް ކުދި ކުދި މައްސަލައާ ހެދި ވަކީލުކަމުން ވަކިކޮށް ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލްކޮށްފައިވާނަމަ، އެ މަގާމުން ވަކިކުރި ތާރީޚުން ފެށިގެން ފަސް އަހަރު ދުވަސް ފާއިތުވުމަށްފަހު، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އަލުން ހުށަހެޅިދާނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

comment ކޮމެންޓް