ނިލަންދޫގެ ނަރުދަމާގެ ނިޒާމު ހަލާކުވެ ނަޖިސްފެން ދައުރުވާތީ ގަރާރެއް ހުށަހަޅައިފި

ފ. ނިލަންދޫގައި ގާއިމްކުރެވިފައިވާ ނަރުދަމާގެ ނިޒާމް ހަލާކުވެ އެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވެ ރަށުތެރެއަށް ނަޖިސްފެންތައް ދަނީ ދައުރުވަމުން--- ފޮޓޯ

ފ. ނިލަންދޫގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމް ހަލާކުވެ އެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވެ، ރަށުތެރެއަށް ނަޖިސް ފެންތައް ދައުރުވެ، އެކަމުގެ ސަބަބުން ބަލިމަޑުކަމާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލާ ގަރާރެއް ހުށަހަޅައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ގަރާރުގެ ބަހުސް ފަށާފައިވާއިރު އެ ގަރާރު ހުށަހަޅުއްވާފައިވަނީ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދެވެ.

ގަރާރު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ކޮންމެ ރަށެއްގައިވެސް އެރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަކީ އަސާސީ ހައްގެއްގެ ގޮޮތުގައި ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެކަމަކީ ކަމާގުޅޭ ގާނޫނާ ގަވާއިދުތަކުގެ ތެރެއިންވެސް ފުރިހަމައަށް ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

"މިހާރު ނިލަންދޫގައި ގާއިމްކުރެވިފައިވާ ނަރުދަމާގެ މައްސަަލައަކީ އެ ޚިދުމަތެއް ރައްޔިތުން ހޯދަމުން ދިއުމުގައި ނަރުދަމާއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އިޖްތިމާއީ އަދި ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމެއް.." މެމްބަރު ވިދާޅުވިއެވެ.

މެމްބަރު މުޙުސިން ވިދާޅުވީ އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ސަރުކާރުގެ އެކި ފެންވަރުގެ ވެރިންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި ކަމާގުޅޭ ވުޒާރާތަކުގައި އެތައް ފަހަރެއްގެ މަތިން ދަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައަށް މިހާތަނަށް ވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލުގެ ހާލަތުން ވީހާވެސް އަވަހަކަށް މިންޖުކޮށް ނިލަންދޫ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ނަރުދަމާގެ ޚިދުމަތް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެ ގަރާރަށް ބަހުސް ކުރައްވާ މެމްބަރުން ވަނީ ގަރާރަށް ތާއިދު ކޮށް މައްސަލައަށް ވީ އެންމެ އަވަސް ހައްލެއް ގެނައުމަށް ސަރުކާރަށް ގޮވާލާފައެވެ.

comment ކޮމެންޓް