ވަކި ނުވެ މިހިތާ...

ނާޒިލްގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން އެފަދަ ވިސްނުންތަކެއްގައި އޮއްވާ އޭނާއަށް މެސެންޖާއިން މެސެޖެއް ލިބުނެވެ.

މެސެޖް ކުރީ ނާޒިލްއެވެ. މިޝްޔާއަށް ކުޑަ ހައިރާންކަމެއް ލިބިގެން ދިޔައެވެ. ނާޒިލްގެ މެސެޖް އެތަކެއް ފަހަރަކު މިޝްޔާއަށް ކިޔައިލެވުނެވެ.

"މިޝްޔާ ކިހިނެއްތަ މިހާރު؟" މެސެޖުގައި އޮތީ އެހެންނެވެ. އެ މެސެޖަށް ދޭނެ ޖަވާބަކާ މެދު ވިސްނަން މިޝްޔާއަށް އިރުކޮޅަކު އޮވެވުނެވެ.

"އަހަރެން ރަނގަޅު." ކުޑަކޮށް ވިސްނައިލުމަށްފަހު، މިޝްޔާ އެއަށް ޖަވާބު ދިނެވެ. މިޝްޔާގެ މެސެޖަށް ހިނިތުންވެފައިވާ އެމޯޖީއެއް ރިއެކްޓް ކޮށްލުމުން އޭނާއަށް ވެސް ހިނިތުންވެވުނެވެ. ނާޒިލްގެ އިތުރު މެސެޖަކަށް މިޝްޔާއަށް އިންތިޒާރުކުރެވެން ފެށިއެވެ. އޭނާ އެތައް އިރަކު ފޯނަށް ބަލަހައްޓައިގެން އޮތް ނަމަވެސް، ނާޒިލްގެ އިތުރު މެސެޖެއް ނައެވެ. މިޝްޔާއަށް ނޭނގުނު ނަމަވެސް އެކަމުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ވެރިވެގެން ދިޔައެވެ. ފޯނު އެނދުމަތީގައި ބާއްވަމުން އޭނާ ދެލޯ މަރައިލިއެވެ. އެއާއެކު އޭނާއަށް ސިފަވީ ނާޒިލްގެ އެ ހިތްގައިމު ސޫރައެވެ. އެ ފިރިހެން ވަންތަކަމެވެ. އެ އަޅިކުލައިގެ ދެލޮލުގައި ހުރި ތޫނު ކަމެވެ. އެ ކަނޑެއްފަދަ ދެލޮލުގައި އެ ހުންނަ އާދަޔާ ޙިލާފް ވިދުވަރެވެ. އެ ސިހުރަވީ ދެލޮލަށް ބަލަހައްޓައިގެން ހުންނަން މިޝްޔާ ނުކުޅެދެއެވެ. ނާޒިލްގެ ހަރަކާތްތަކުގައި އެ ހުންނަ މަޑުމައިތިރިކަމާއި ގަޔާކުރުވާ ގޮތަށް އޭނާގެ ހިތުން މަޑުމަޑުން ޖާގައެއް ހުސްވަމުން ދިޔަކަން މިޝްޔާއަށް އިޙްސާސްނުވިޔަސް އެ ހިތުން އެކަން އޭނާއަށް ފަހުމްކޮށްދޭން މަސައްކަތްކުރެއެވެ.

ނާޒިލްގެ ޚިޔާލުތައް ވެރިވަމުން ދިޔުމާއެކު، މިޝްޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާ ދުވަހަކުވެސް ފިރިހެނަކަށް އިތުބާރުކުރާކަށް ބޭނުމެއް ނޫނެވެ. މާކިންގެ އިތުރުން އޭނާއަށް އިތުބާރުކުރެވޭ އެހެން އެއްވެސް ފިރިހެނަކު ނެތެވެ. އޭނާގެ ޙަޔާތުގައި ހިތްދަތި އެތަކެއް ކަމެއް ހިނގާފައިވެއެވެ. އެ ޙަޔާތުގެ އުފާވެރިކަން ގެއްލުނީ ފިރިހެނެއްގެ ސަބަބުންނެވެ. އަލިކަމެއް ނުވާ އަނދިރިކަމެއްގެ ތެރެއަށް އޭނާ ޣަރަގުވީވެސް ފިރިހެނެއްގެ ސަބަބުންނެވެ. އެކަމަކު ދެރައީ އޭނާގެ ޙާލަތު އެއްވެސް މީހަކަށް އިޙްސާސްނުވާތީއެވެ. ޚުދު އޭނަގެ އަމިއްލަ ބައްޕައަށް ވެސް މެއެވެ. މާކިން އޭނާގެ ކައިރީގައި ހުރުމަކީ މިހާރު އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. އެކަމުން އަރައިގަންނަން މިޝްޔާ ބޭނުމެވެ. އެފަދަ ޚިޔާލުތަކެއްގައި އޮއްވާ ފޯނަށް މެސެޖެއް އައުމާއެކު، މިޝްޔާ ފޯނު ނަގާ އަވަސް އަވަހަށް ބަލައިލީ ނާޒިލްގެ މެސެޖަކަށް ވާނޭކަމުގެ އުންމީދުގައެވެ. ވީވެސް އެހެންނެވެ. މެސެޖް ކުރީ ނާޒިލްއެވެ.

"މާދަމާއަށް ސެޝަންއެއް އަހަރެން އިންނާނެ ޝެޑިއުލްކޮށްފަ. މިޝްޔާގެ ދޮންބެ ކައިރީގައި ބުނާނަން." ނާޒިލް ބުނެފައި އޮތެވެ. މިޝްޔާ އެންމެ ރަނގަޅޭ ބުނެ އެއަށް ރިޕްލައިކޮށްލިއެވެ. މިޝްޔާގެ ދެލޮލަށް ނިދި ބަރުވާންވެސް ފެށީ އެގޮތަށް އޮއްވައެވެ. އެންމެފަހުން މިޝްޔާ ފޯނު ސައިޑް ކަބަޑުމަތީ ބާއްވަމުން ރަޖާ ގައިގައި އަޅައިލިއެވެ. އެއަށްފަހު އޭނާ އަރިއަކަށް އޮށޯވެ ބާލީހުގައި ބައްދައިލިއެވެ.

***

މާކިންއާއި ނައިރާއާ ތިބީ ނައިރާމެންގޭ ކައިރީގައި ޕާކުކޮށްލާފައިވާ ކާރުގައެވެ. ނައިރާ މާކިންއަށް ބަލައިލާފައި ހިނިތުންވެލުމުން މާކިން މަޑުމަޑުން ނައިރާގެ އަތުގައި ހިފައްޓައިލިއެވެ.

"މިރޭ ބޭނުމެއް ނޫން ދޫކޮށްލާފަ ދާކަށްވެސް. އެހާ ވެސް ރީތި...." މާކިން ބޭނުންވީ ނައިރާ ލަދުގަންނުވައިލުމަށެވެ.

"ދެން އަހަރެން ގެންނަންވީނު މާކިންމެން ގެއަށް. މާކިން ކައިރިއަށް." ނައިރާ އެހެން ބުނެލީ މަޖަލަކަށް ނަމަވެސް، އެއަށް މާކިން ދިނީ ސީރިއަސް ޖަވާބެކެވެ.

"ވަރަށް އަވަހަށް އަހަރެން ނައިރާ ގެންދާނަމޭ. އައި ޕްރޮމިސް..." މާކިން ނައިރާގެ އަތަށް ބާރުކޮށްލިއެވެ. އޭނާ ވަރަށް ފުން ނަޒަރަކުން ނައިރާއަށް ބަލައިލިއެވެ. ކޮށްފައިވާ ލުއި މޭކަޕްގެ ސަބަބުން ނައިރާގެ ރީތިކަން ވަނީ އިތުރުކޮށްދީފައެވެ. އޭނާގެ ފަންދިގު އިސްތަށިގަނޑާ ލޮލުގައި އަނދުން އަޅާލާފައިވާގޮތުން އެ ޗޮކްލެޓް ކުލައިގެ ދެލޯ ފެންނަނީވެސް ހުވަފެނީ ގޮތަލަށެވެ. އެ ދިގު އެސްފިޔަތަކުގެ ހިޔާ އެ ދެލޮލަށް އެޅިފައިވާއިރުވެސް އެހާ ހިތްގައިމެވެ. މާކިން ކަޅި ޖަހައިނުލާ ނައިރާއަށް ބަލަން ފެށުމުން އޭނާ ލަދުގަންނަ ގޮތްވިއެވެ. ނައިރާ ލަދުން އިސްޖަހައިލުމާއެކު، މާކިން މަޑުމަޑުން ނައިރާގެ އިސްއުފުލުވައިލިއެވެ.

"އަހަންނަށް ބަލައިލާފަ ބުނެބަލަ އަހަރެން ފެނުނު އެންމެ ފުރަތަމަ ދުވަހުވެސް ތި ދެލޮލުން އަހަންނަށް ޖެއްސީ ކޮން ޖާދުލެއްކަން.؟" މާކިންގެ އެ ސުވާލާއެކު ނައިރާ އިތުރަށް ލަދުގަތެވެ. މާކިން މަޑުމަޑުން ނައިރާއާ ދިމާލަށް ގުދުވެލުމާއެކު ނައިރާގެ ހިތުގެ ހިނގުންވެސް އަވަސްވެލިއެވެ. އޭނާގެ މުޅިގައިގައިވެސް ބުނެދޭން ނޭނގޭ ފިނިކަމެއް ދައުރުކޮށްލިއެވެ. އެއާއެކު އޭނާއަށް ބޭއިޚްތިޔާރުގައި ލޯ މަރައިލެވުނީ މާކިންގެ ދައުވަތު ގަބޫލުކޮށްލުމުގެ ބޭނުމުގައެވެ. ނައިރާއަށް ވީ ގޮތް ފެނި މާކިންގެ ތުންފަތް މައްޗަށް ހިނިތުންވުނެއް ވެރިވެގެން ދިޔަައެވެ. އޭނާ މަޑުމަޑުން ނައިރާގެ ނިތުގައި ބޮސް ދިނެވެ. މާކިންގެ ތުންފަތުގެ ބީހިލުން އިޙްސާސްކުރެވުމާއެކު ނައިރާގެ މުޅިހަށިގަނޑުގައިވެސް ކަރަންޓް ޝޮކްތަކެއް ދައުރުކޮށްލިއެވެ. އިރުކޮޅަކު އެ ތުންފަތް ނައިރާގެ ނިތުގައި ޖައްސާލައިގެން އިނުމަށްފަހު މާކިން ދުރުވެލިއިރުވެސް ނައިރާއަށް އިނދެވުނީ ލޯ މަރައިލި ގޮތަކަށެވެ.

"ލޯވެސް ނުހުޅުވަންތަ ތި އިނީ ބޭބީ؟" މާކިންގެ އެ ސުވާލާއެކު ނައިރާ ލޯ ހުޅުވައިލިއެވެ.

"ދަނީ..." ނައިރާ ލަދުގަންނަގޮތްވިއެވެ. އޭނާ އެހެން ބުނެލާފައި ދޮރުފަތް ހުޅުވައިލަން އުޅުނު ވަގުތު އަނެއްކާވެސް މާކިން ނައިރާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

"އައި ލަވް ޔޫ.." ނައިރާ ބަލައިލުމާއެކު މާކިން ބުނެލިއެވެ.

'ލަވް ޔޫ ޓޫ..." ނައިރާ އެހެން ބުނެލާފައި ކާރުން ފައިބައިގެން ދުވެލާފައި ގޮސް ގެއަށް ވަނެވެ. ނައިރާ ގެއަށް ވަނުމުން މާކިންވެސް ކާރު ދުއްވައިލީ ގެއަށް ދިޔުމުގެ ބޭނުމުގައެވެ.

މާކިން ގެއަށް ގޮސް ވަތްއިރު، ގޭތެރެ އޮތީ އެކީ ހިމޭންވެފައެވެ. އޭނާ ކާކޮޓަރިއާ ދިމާލަށް ހިނގައިގަތީ ފެންފޮދެއް ބޮއިލުމުގެ ބޭނުމުގައެވެ. ފްރިޖް ކައިރިއަށް ގޮސް ހުއްޓިލިއިރު ޖެސިކާ އެތަނުގައި ހުއްޓެވެ.

"ކޮބާ މިޝްޔާ..."

"ރޫމްގަ" މާކިންގެ ސުވާލަށް ޖެސިކާ ޖަވާބު ދިނެވެ.

*****

ނިދީގައި އޮތް މިޝްޔާ ދެފަރާތަށް ފުރޮޅެން ފެށިއެވެ.

"ނޫން.. ނޫން" އަތްއުކަމުން މިޝްޔާ ހަޅޭއްލަވަމުން ދިޔައީ ނިދިން ހޭނުލެވިގެން އުޅޭ މީހެއް ފަދައިންނެވެ.

"މަންމާ... ނޫން... ސަލާމަތްކުރޭ... މަންމާ...." މިޝްޔާ ހަޅޭއްލަވަމުން ދިޔައެވެ.

"ބައްޕާ... ދޮންބޭ..." މިޝްޔާއަށް ނިދީގައި ރޮވެން ފެށުނެވެ. އޭރުވެސް ކެނޑިނޭޅި އޭނާ ތެޅެމުން ދިޔައެވެ. ހަޅޭއްލަވަމުން ދިޔައެވެ. މީހަކުގެ ކިބައިން ސަލާމަތްވާން އުޅޭ ފަދަ އެވެ.

ފެންބޮއިގެން މައްޗަށް އެރި މާކިންގެ ފިޔަވަޅުތައް މިޝްޔާގެ ކޮޓަރިއާ ހިސާބުން މަޑުޖެހުނެވެ. މިޝްޔާގެ ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނީއެވެ.

'މިޝޫ..." މާކިންއަށް މިޝްޔާގެ ނަން ކިޔައިލެވުނެވެ. އެއާއެކު އޭނާ އަވަސް އަވަހަށް ގޮސް އެ ދޮރުފަތް ހުޅުވައިލިއެވެ. އެނދުމަތީގައި އޮވެ ދެފަރާތަށް ފުރޮޅެމުން ހަޅޭއްލަވަމުން ދިޔަ މިޝްޔާ ފެނުމާއެކު އޭނާ ބާރުބާރަށް ގޮސް މިޝްޔާގެ ކައިރީގައި ހުއްޓުނެވެ. މިޝްޔާގެ އެ އަމަލުތައް އޭނާއަށް ފެނުމާއެކު އެހިތަށް ތަދުވިއެވެ. އެވަގުތު ކިތަންމެ ޖަޒުބާތީ ވެވުނުނަމަވެސް މާކިން އޭނާގެ އަމިއްލަ އިޙްސާސްރައް ކޮންޓްރޯލްކުރުމަށްފަހު، މިޝްޔާގެ އަތުގައި ހިފައްޓިއެވެ.

"މިޝޫ..، މިޝޫ ހޭލަބަލަ! މިޝޫ..." އޭނާ މިޝްޔާ ހޭލެއްވޭތޯ މަސައްކަތް ކުރިއެވެ. މާކިންގެ އަތް ފޮޅުވައިލަން ވެސް މިޝްޔާ މަސައްކަތް ކުރިއެވެ. މާކިން މިޝްޔާގެ ދެ ކޮނޑުގައި ހިފާ ބާރަށް ތަޅުވައިގަތެވެ. އެއާއެކު މިޝްޔާއަށް ކުއްލިއަކަށް ދެލޯ ހުޅުވައިލެވުނެވެ. މީހާގެ ހަރަކާތްތައް ހިނދުކޮޅަކަށް މަޑުޖެހުނު ނަމަވެސް، އޭރު މިޝްޔާ ދިޔައީ ތުރުތުރު އަޅަމުން ނެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު އޭރުވެސް ކޮޓަރި ތެރޭގައި ހުއްޓެވެ.

"މިޝޫ ކިހިނެއްވީ؟" މާކިން ގެ އެ ސުވާލާއެކު މިޝްޔާއަށް މާކިންއާ ދިމާލަށް ބަލައިލެވުނެވެ.

މާކިން މިޝްޔާގެ އެއްފަރާތުގައި އިށީނދެލުމާއެކު، މިޝްޔާ ތެދުވެ އިށީނެވެ. ދެއަތުން މޫނު ފޮރުވައިލުމާއެކު، މިޝްޔާ ރޯން ފެށިއެވެ. މާކިން ކަންބޮޑުވިއެވެ. އޭނާއަށް މިޝްޔާއަށް ބަލަހައްޓައިގެން އިނދެވުނެވެ. މިޝްޔާ ތަހައްމަލް ކުރަމުންދާ ވޭނުގެ މިންވަރެއް މިރޭ އޭނާއަށް އިޙްސާސް ކުރެވިއްޖެއެވެ. މިޝްޔާގެ ޙާލަތު އޭނާ ހީކުރިވަރަށްވުރެ ގޯހެވެ. އެ ހިތުގެ ޙާލު މިރޭ އޭނާއަށް އަންދާޒާކޮށްލެވިއްޖެއެވެ. އެހެންމީހެއްގެ އެހީތެރިކަމަށް މިޝްޔާ ބޭނުންވެފައިވާ މިންވަރުވެސް މެއެވެ. މާކިން މަޑުމަޑުން މިޝްޔާގެ އަތް އޭނާގެ މޫނުމަތިން ނައްޓައިލަން މަސައްކަތް ކުރިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު