އެފްއޭ ކަޕް: ވެލެންސިއާ ބަލިކޮށް މާޒިޔާ ތަށި އުފުލާލައިފި

އެފްއޭކަޕްގެ ފައިނަލް މެޗުގައި މާޒިޔާ އަދި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ކުލަބު ވެލެންސިއާ ބަލިކޮށް އެފްއޭއެމް އެފްއޭ ކަޕް 2022ގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.

މިރޭ ގަލޮޅު ދަނޑުގައި ވެލެންސިއާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕްގެ ފައިނަލް މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި މާޒިޔާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ނާއިޒް ހަސަން ވެލެންސިއާގެ ގޯލު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން މާޒިޔާއިން ވާނީ ލީޑުނަގައިފައެވެ.

މީގެއިތުރުން މެޗުގެ 32 ވަނަ މިނެޓުގައި ވެލެންސިއާގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން މާޒިޔާގެ ހަމްޒާ މުޙައްމަދު ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު އެ ޓީމަށް ފުޅާކޮށްދީފައެވެ.

އެ ނަތީޖާއާއެކު މެޗު ނިމުމުން އެ ޓީމަށް ވަނީ އެފްއޭ ކަޕްގެ ތަށި ތިންވަނަ ފަހަރަށް ލިބިފައެވެ. އެ ޓީމު ވަނީ 2012 ވަނަ އަހަރުގެ އިތުރުން 2014 ވަނަ އަހަރު ބޭއްވުނު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މިދިޔަ ހަތަރު އަހަރު މުބާރާތް ބާއްވާފައެއް ނުވެއެވެ.

މާޒިޔާއަކީ މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ އުފުލާފައިވާ ޓީމެވެ. އަދި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް ވެސް އެ ޓީމުން ވަނީ މިއަހަރު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް