ޕެނަލްޓީން ސަސް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ވެލެންސިއާއަށް

އެފްއޭ ކަޕްގައި ސަސް އަދި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް އެފްއޭއެމް އެފްއޭ ކަޕްގެ ފައިނަލަށް ކުލަބް ވެލެންސިއާ ދަތުރުކޮށްފިއެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ޓީނޭޖުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗުގެ ނަތީޖާ 1-1ގެ ނަތީޖާއިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން އެ ޓީމު މޮޅުވެގެންނެވެ. ވެލެންސިއާއިން ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު ސަސްއަށް ކާމިޔާބުކުރެވިފައިވަނީ ހަތަރު ޕެނަލްޓީއެވެ.

މެޗުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގައި ގޯލުޖަހައި ލީޑު ނަގައިފައިވަނީ ވެލެންސިއާއިންނެވެ.

އެ ގޯލަކީ މެޗުގެ 57 ވަނަ މިނެޓުގައި ވެލެންސިއާގެ އަބްދުﷲ ޔާމީން ނަގައިދިން ހުރަހަކުން އެ ޓީމުގެ އަބުދުﷲ ހަނީފު ޖަހައިދިން ގޯލެކެވެ.

އެ ނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ސަސްގެ އަޙްމަދު ހުސާމް ވެލެންސިއާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ވަނީ ރީތި ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެފްއޭ ކަޕްގައި ސަސް އަދި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުން ނިމުނު އިރުވެސް ނަތީޖާއަށް ބަދަލު ނައުމުން ދެން މެޗުގެ ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފައެވެ.

މެޗުގެ ފުރަތަމަ ޕެނަލްޓީ ސަސްގެ ހުސާމްއެވެ. އެ ޕެނަލްޓީ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަމް އިމްޢާން މަތަކޮށްފައެެވެ. ސަސްގެ ދެވަނަ ޕެނަލްޓީ އައިހަމް ކާމިޔާބުކުރިއިރު އެ ޓީމުގެ އަހުމަދު އަލާއު ވަނީ ތިންވަނަ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ސަސްގެ ހަތަރު ވަނަ ޕެނަލްޓީ އަލީ ނަސޫ ވަނީ ކާމިޔާބުކޮށްފައެވެ. އަހުމަދު އައިހަމް ޖެހި އެ ޓީމުގެ ފަސްވަނަ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް އެ ޓީމުގެ އަހުމަދު ނިޒާމް ޖެހި ހަވަނަ ޕެނަލްޓީ ވެލެންސިއާގެ ކީޕަރު އިމްޢާން ވަނީ ދިފާއުކޮށްފައެވެ.

މީގެއިތުރުން ވެލެންސިއާގެ ފުރަތަމަ ޕެނަލްޓީ ޔާމީން ކާމިޔާބުކުރިއިރު ހަނީފް ޖެހި އެ ޓީމުގެ ދެވަނަ ޕެނަލްޓީ އާމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އައްސަދު އަލީ ޖެހި އެ ޓީމުގެ ތިން ވަނަ ޕެނަލްޓީ އަމާޒުވެފައިވަނީ ގޯލުގެ އަރިމަތީ ކަނަށެވެ.

ވެލެނެސިއާގެ ހަތަރުވަނަ ޕެނަލްޓީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަލީލް ޖަމާލް ވަނީ ކާމިޔާބުކޮށްފައެވެ. ވެލެންސިއާގެ ފަސްވަނަ ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް އީސައެވެ. އަދި ވެލެންސިއާގެ ކެޕްޓަން ހަސަން ސުފިއާން އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ވަނީ މެޗު ކާމިޔާބުކޮށްދީފައެވެ.

އެ މޮޅާއެކު އެފްއޭ ކަޕްގެ ފައިނަލްގެ ޖާގައެއް ވެލެންސިއާއަށް ވަނީ ލިބިފައެވެ. ފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއެވެ. އެ މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 9:00ގައެވެ.

އިތުރަށް ކިޔާލުމަށް: https://sun.mv/167411

comment ކޮމެންޓް