ފޭދޫގެ ތަރައްގީއަށް މިދިޔަ ސަރުކާރުތަކުން ހިންގާފައިނުވާހާ ގިނަ މަޝްރޫއުތައް އެބަ ހިންގާ: ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ ށ. ފޭދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ށ. ފޭދޫއަށް އަމާޒުކޮށްގެން ވޭތުވެދިޔަ ސަރުކާރުތަކުން ހިންގައިފައިނުވާހާ ގިނަ ތަރައްގީގެ މަޝްރޫއުތައް މިހާރު ހިންގަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ފޭދޫ ކައުންސިލުން މިހެން ބުނީ އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު އިއްޔެ ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލުން ވަނީ، ރަށުގެ ތަރައްގީއަށް ކުރަންހުރި ކަންކަން ރައީސް، ވައުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި ފޭދޫގެ ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. ފޭދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެރަށުގެ ޒުވާނުންނަށް ހޭންޑްބޯލް، ކުޅޭނެ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް އިތުރަށް ތަރައްގީކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ރަށުގައި އިތުރު ފުލުހުން މަސައްކަތްކުރެވޭނެ މަގުފަހިކޮށްދެއްވުމުގެ އިތުރުން ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން ބޭނުންވާކަމަށް ރައީސް އަރިހުގައި ދަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. ފޭދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން މިހާރު ތަރައްގީ ކުރަމުންދާ ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ވެސް ކައުންސިލް މެމްބަރުން ވަނީ ރައީސަށް ދަންނަވާފައެވެ.

ރައީސް ވަނީ، ސަރުކާރުން ފޭދޫގައި ކުރިޔަށް ގެންދާ ކަންކަން އެރަށުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ބަނދަރުގެ މަޝްރޫއު ނިމިގެންދާއިރު ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރެވިގެން ދާނެކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރައްވައިގެން ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް