އެންމެ ރަނގަޅަށް ކޮވިޑު މެނޭޖުކުރި އެއް ގައުމަކަށް ރާއްޖެ ވާނެ: ނަސީމް

ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި މުޅި ދުނިޔެއިން ވެސް އެންމެ ރަނގަޅަށް ކޮވިޑު ކޮންޓްރޯލުކޮށް، ނަމޫނާ ދެއްކި ގައުމުތަކުގެ ތެރޭގައި ރާއްޖެ ވާނެ ކަމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް ވެކްސިނޭޝަން ކޭމްޕް ކުރިއަށްގެންދިއުމުގައި ބުރަކޮށް މަސައްކަތް ކުރި މީހުންގެ އަގު ވަޒަން ކުރުމަށް ރޭ ބޭއްވި ހަފުލާއެއްގައި ނަސީމް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވި ދަތި އަދި އުނދަގޫ ވަގުތެއް ކަމަށެވެ.

ނަސީމް ވިދާޅުވީ މިނިސްޓަރުކަމާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު ކޮވިޑުގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.

"ރާއްޖެއަށް ޑެލްޓާ ވޭރިއަންޓާ ކުރިމަތިވެފައި އޮތް އިރު ކޮވިޑްއާ ގުޅިގެން ރާއްޖެއަށް އޮތް ނުރައްކާ ކުޑަ ކުރަން މަސައްކަތް އެންމެ ރަނގަޅަށް ކުރިން،" އޭނާ ވިދާޅުވިއެވެ.

ކޮވިޑުގައި ރާއްޖެއިން 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ކޮންމެ މަރަކީ އަސަރުކުރުވި މަރެއް ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި އެ ކަންކަމުން އަރައިގަނެވުނީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑާއެކު ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ކޮވިޑާއެކު އާއްމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވީ ކަމާ ބެހޭ އިދާރާތަކުގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

ކޮވިޑް19ގެ ހާލަތު ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތުގައާއި، ވެކްސިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި ކޮންމެވެސް ސިފައެއްގައި ނަމަވެސް މަސައްކަތުގައި ބައިވެރިނުވާ އެއްވެސް އިދާރާއެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެކްސިން ޖެހޭ އާބާދީގެ 85 ޕަސެންޓް މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފައިކަން މިނިސްޓަރު ނަސީމް ފާހަގަކުރެއްވިއެވެ.

އެ ހަފުލާގައި، ކޮވިޑް ވެކްސިން ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން 48 މުއައްސަސާއަކަށް ހަނދާނީ ފިލާ ވަނީ ދީފައެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ހޮސްޕިޓަލްތައް އަދި ޖަމިއްޔާ ޖަމާތްތަކަށް ވެސް ހަނދާނީ ފިލާ ދިނެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ގައުމީ ވެކްސިން ކެމްޕެއިނެއް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ކެންޕޭން އަދިވެސް ކުރިއަށް އެބަގެންދެއެވެ.

comment ކޮމެންޓް