އޮޕް-އެޑް: އިންޑިއާއިން ތަރައްގީގެ ބައިވެރިން ޚިޔާރުކުރުމުގައި ގެންގުޅޭ އުސޫލު

އިންޑިއާއިން ދާދި ފަހުން ސްރީލަންކާއަށް ފޯރުކޮށްދިން އެހީގެ ތެރެއިން -- ފޮޓޯ/ ގެޓީ އިމޭޖްސް

ބަވަނަވަމުންދާ ދުނިޔޭގައި ތަރައްގީގެ ބައިވެރިން ޚިޔާރު ކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދީފައި އޮތް ކަމެކެވެ. ނަމަވެސް ބަލިމަޑުކަމެއްގެ ސަބަބުންނާއި ޔޫރަޕުގައި އާ ހަނގުރާމައެއް ފެށިފައި ވުމުން ބަވަނަވުމަށް މިއަދު އޮތީ ހުރަސްއެޅިފައެވެ. ވީމާ މިއީ ތަރައްގީއަށްޓަކައި ބައިވެރިން ޚިޔާރު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުން އިތުރަށް މުހިންމުވެފައިވާ ދަނޑިވަޅެކެވެ. އިންޑިއާއިން ތަރައްގީގެ ބައިވެރިން ޚިޔާރު ކުރުމުގައި ގެންގުޅޭ އުސޫލު ބައްޓަންކޮށްފައި ވަނީ އެގައުމުން މިނިވަންކަމަށް ކުރިއަށްގެންދިޔަ ހަރަކާތުގެ ތަޖުރިބާއަށް ބިނާކޮށެވެ. އެކަންކުރީ އިސްތިއުމާރީ ވެރިކަމުން ސަލާމަތްވެ، ތަރައްގީ މަޑުޖެހިފައި އޮތް އެހެން ގައުމުތަކާ ވެސް ގުޅިގެންނެވެ. އިންޑިއާއަށް 1947ގައި މިނިވަންކަން ލިބުމާއެކު، އެގައުމުގެ ތަރައްގީގެ ތަޖުރިބާއާއި ފަންނީ ގާބިލުކަން އެހެން ގައުމުތަކާ ވަގުތުން ހިއްސާކުރަން ފެށިއެވެ. އެއީ އޭރު އެ ގައުމުގައި ވަސީލަތްތައް މަދުވި ނަމަވެސްއެވެ. އެގޮތުން ސްކޮލާޝިޕްތައް ދިނުމާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުން ފެށިގެން މުއައްސަސާތައް ބިނާ ކުރުން ވެސް ފެށިއެވެ.

އިންޑިއާއިން ތަރައްގީގެ ބައިވެރިން ޚިޔާރު ކުރުމުގައި އިސްކަން ދެނީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށެވެ. އެގައުމުން ޕާޓްނާޝިޕްތަކަށް އިހުތިރާމްކޮށް، ދެ ގައުމުގެ ތަފާތުތަކަށް ސަމާލުކަންދީ، މުސްތަގުބަލަށް ބަލާ، ދެމެހެއްޓެނިވި ތަރައްގީ މައި ތަނބަކަށް ހަދައެވެ. އިންޑިއާއިން އެހެން ގައުމުތަކުގެ ތަރައްގީއަށް މަސައްކަތްކުރަނީ އާންމުކޮށް ޝަރުތުތަކާ ނުލައެވެ. އެފްރިކާގެ ކަމާ ބެހޭ ބޭފުޅުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ސާވޭއެއްގައި 60 ޕަސެންޓު މީހުން ބުނީ އިންޑިއާގެ އިންވެސްޓްމެންޓުތަކަށް ފަހު، އިންޑިއާ ޕާޓްނާޝިޕްގެ އެންމެ މުހިންމު ބައިތައް ކަމަށް ދެކެނީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ގާބިލުކަން އިތުރުކުރުމާއި ތަމްރީނުތަކާއި ސްކޮލާޝިޕްތައް ކަމަށެވެ. އިންޑިއާގެ އެއް އަސާސަކީ ތަރައްގީގެ ބައިވެރިން އެންމެ އިސްކަންދޭ ކަންތައްތަކުން ފަށައިގެން މަސައްކަތް ކުރިއަށް ގެންގޮސް، ހަމަހަމަ އުސޫލަކުން އެއްބާރުލުން ދިނުމެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2018ގައި ޔުގަންޑާގެ ޕާލިމެންޓުގައި ދެއްވި ތާރީހީ ތަގުރީރުގައި ވިދާޅުވީ 'އަޅުގަނޑުމެންގެ ތަރައްގީގެ ޕާޓްނާޝިޕް ކުރިއަށްދާނީ ތިބޭފުޅުން އިސްކަންދޭ ކަންތައްތަކަށް ބަލައިގެން. އެކަން ކުރިއަށްދާނީ ތިބޭފުޅުންނަށް ކަމުދާ ޝަރުތުތަކެއްގެ މައްޗަށް ބިނާކޮށް، ގައުމުގެ ގާބިލުކަމަށާއި މުސްތަގުބަލަށް ހުރަސްނޭޅޭނެ ގޮތަކަށް. އަޅުގަނޑުމެން މިގައުމުގައި ގާބިލުކަން ވީހާވެސް އިތުރުކޮށް، ވީހާވެސް ގިނަ ފުރުސަތުތަކެއް އުފައްދާނަން،" ކަމަށެވެ.

އިންޑިއާއިން ތަރައްގީއަށް އެއްބާރުލުން ދިނުމުގެ މޮޑެލް ފަރުމާކޮށްފައި ވަނީ ޕާޓްނާޝިޕް ހަދާފައިވާ ގައުމުތަކުން އެދޭ ކަންތައްތަކަށް އިޖާބަދީ، ފަންނީ ގޮތުންނާއި މާލީ ގޮތުން ވެސް ކާމިޔާބުވާނެ ފަދަ ހައްލުތައް ފޯރުކޮށްދޭ ގޮތަށެވެ. އިންޑިއާގެ ތަރައްގީގެ ބައިވެރިންނަށް އެހީ ފޯރުކޮށްދޭ މައިގަނޑު ގޮތްތަކުގެ ތެރޭގައި ލައިން އޮފް ކްރެޑިޓް، ހިލޭ އެހީ، ތަރައްގީގެ ކުދި މަޝްރޫއުތައް، ފަންނީ ލަފާ، އިންސާނީ އެހީ އާއި ކާރިސާތަކާ ގުޅިގެން ފޯރުކޮށްދޭ ކުއްލި އެހީ އަދި އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. އެފްރިކާގައި ދާދި ފަހުން ކުރިއަށްގެންދިޔަ ސާވޭއަކުން ދެއްކި ގޮތުގައި ތަރައްގީގެ މަސައްކަތްތަކުގެ ތެރެއިން އެ ސަރަހައްދުގައި ތަކުރާރުކޮށް ކުރިއަށްގެންދަން އެންމެ ބޮޑު ތަރުހީބެއް ލިބިފައި ވަނީ އައިޓީއީސީގެ މަސައްކަތްތަކަށެވެ.

އިންޑިއާއިން 1964ގައި އައިޓީއީސީ ޕްރޮގްރާމް އެކުލަވާލީ، އޭރު އަލަށް މިނިވަންވި ގައުމުތަކުގެ ތަރައްގީއަށް ގޮންޖެހުންތައް ހުރިކަން ވިސްނުމުންނެވެ. އެހެންކަމުން އިންޑިއާގެ ތަރައްގީގެ ތަޖުރިބާއާއި އެގައުމަށް ލިބެމުންދިޔަ ކާމިޔާބީތައް، ތަރައްގީވަމުން ދިޔަ އެހެން ގައުމުތަކާ އައިޓީއީސީއިން ހިއްސާކުރަން ފެށީއެވެ.

އައިޓީއީސީ ޕްރޮގްރާމުގައި ހަ ކަމެއް ހިމެނެއެވެ. އެއީ:

  1. އައިޓީއީސީ ކޯސްތަކުގައި ހިމެނޭ ދާއިރާތަކުން އިންޑިއާގައި ތަމްރީނުކުރުން
  2. ޕާޓްނާޝިޕްތައް ހަދާފައިވާ ގައުމުތަކުން ހުށަހަޅާފައިވާ މަޝްރޫއުތައް ކުރިއަށްގެންދެވޭނެތޯ ބެލުމަށް ދިރާސާތައް ހެދުމާއި ލަފާ ދިނުން
  3. ދެ ގައުމުން ވެސް އެއްބަސްވާ ދާއިރާތަކުން ހިލޭ އެހީގައި މަޝްރޫއުތައް ކުރިއަށްގެންދިޔުން
  4. ޕާޓްނަރު ގައުމުތަކަށް މާހިރުން ފޮނުވުން
  5. ޕާޓްނަރު ގައުމުތަކުގެ އިސް ވެރިންނަށް ތަޖުރިބާ ހޯދުމުގެ ދަތުރުތައް ކުރަން ފުރުސަތު ދިނުން
  6. ކާރިސާތަކުގައި އެހީތެރިވުމާއި އިންސާނީ އެހީ ފޯރުކޮށްދިނުން

އިންޑިއާއިން ގައުމަކާއެކު ޕާޓްނާޝިޕްތައް ހަދާއިރު އެގައުމަކުން އެންމެ އިސްކަންދޭ ތަރައްގީގެ ލަނޑުދަނޑިތަކަށް ސީދާ ގޮތެއްގައި އެހީ ފޯރުކޮށްދެއެވެ. އަދި އެފަދަ ލަނޑުދަނޑިތައް ހާސިލުކުުރުމަށް އެހެން ފަރާތްތަކާ ގުޅިގެން އެހީ ފޯރުކޮށްދިނުމުގައި ވެސް އިންޑިއާއިން ބައިވެރިވެއެވެ. އޭގެ ތެރޭގައި އައިބީއެސްއޭ ފަންޑާއި އިންޑިއާ-ޔޫއެން ޑެވެލޮޕްމެންޓް ޕާޓްނާޝިޕް ފަންޑު ހިމެނެއެވެ. ހަމައެއާއެކު، އެ ގައުމަކާ ހެދު އެއްބަސްވުމުގައި ލޯނެއް ހިމެނޭ ނަމަ ނުވަތަ މުއައްސަސާއެއް އުފައްދާ ނަމަ، އެފަދަ މަޝްރޫއުތައް މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެކަން ޔަގީން ކުރުމަށް މިހާރު ހާއްސަ މަސައްކަތްތަކެއް ކުރެއެވެ. އޭގެ މައިގަނޑު ބޭނުމަކަށް ވަނީ އެގައުމަކުން އެންމެ އިސްކަންދޭ ތަރައްގީގޭ ލަނޑުދަނޑިތަކަށް އެހީ ފޯރުކޮށްދިނުމެވެ. އޭގެ ތެރޭގައި ހިމެނޭ ބައިނަލްއަގުވާމީ ފެންވަރުގެ މަޝްރޫއުތަކުގެ ތެރޭގައި ސަސްޓެއިނެބުލް ޑެވެލޮޕްމެންޓް ގޯލްސް ހިމެނެއެވެ. ތަރައްގީގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަކީ އެ މަސައްކަތެއްގެ ފެންވަރު ރަނގަޅުވާ ކަމެކެވެ. އިންޑިއާގެ ޕާޓްނާޝިޕްތަކުން އުފެދޭ މަޝްރޫއުތަކުގެ ސަބަބުން، ތަރައްގީއަށް އިތުރު ބާރެއް ލިބި، މަންފާ ލިބޭ ފަދަ ހަރަކާތްތަކަށް މަގުފަހިވެގެންދާނެއެވެ. އިންޑިއާގެ އިންވެސްޓްމެންޓުތައް މެދުވެރިކޮށް އެސްޑީޖީތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތަކީ އޭގެ މިސާލެކެވެ.

އިންޑިއާއިން ތަރައްގީގެ ބައިވެރިން ޚިޔާރު ކުރުމުގައި ގެންގުޅޭ އުސޫލު ބައްޓަންކޮށްފައިވާ ގޮތުން، ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށް އާ ފުރުސަތުތައް ލިބެއެވެ. އެ އުސޫލު އެކުލަވާލާފައި ވަނީ އިންޑިއާގެ ޕާޓްނާޝިޕްގެ ދަށުން ބިނާކުރާ މުދަލެއްގެ މިލްކުވެރިކަން، އިންޑިއާއިން އެއްބަސްވުން ހެދި ގައުމަކަށް ލިބޭނެ ގޮތަކަށެވެ. އެއީ އެ ގައުމެއްގެ ސިޔާދަތާއި ތަރައްގީގެ އަމާޒަށް އިހުތިރާމުކޮށް، އޭރަކު ހުންނަ ވަސީލަތްތަކާއި ގާބިލުކަން އިތުރަށް ފުރިހަމަ ކުރުމަށް ހަދާފައިވާ މޮޑެލްއެކެވެ. އެހެންކަމުން ބައިނަލްއަގުވާމީ ޕާޓްނަރުންނާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިހުތިރާމު ވެސް އެ މޮޑެލްއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން، އިންޑިއާއިން މަސައްކަތްތައް ކުރިއަށް ގެންދަނީ ކޮންސަލްޓެންޓުންނަށް ބޮޑު ޚަރަދެއް ކުރުމުގެ ބަދަލުގައި މަސައްކަތް ނިންމުމަށް އިސްކަންދީގެންނެވެ. އިންޑިއާއިން އާ ޓްރައިލެޓްރަލް ޑެވެލޮޕްމެންޓް ފަންޑެއް އުފެއްދުމުން އިންޑިއާއިން ތަރައްގީވަމުން އަންނަ ގައުމުތަކަށް އެއްބާރުލުންދޭ މޮޑެލްއަށް އެއްބާރުލުން ދިނުމަށްޓަކައި އެކި ފަހަރު މަތިން ފައިސާ ޖަމާކުރަމުންދާނެއެވެ.

ނޭޕާލްގައި އިންޑިއާއިން ވަނީ ހައިވޭތައް އަޅައި، އަވަށްތަކަށް ކަރަންޓުދީ، ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް ކުރިއަށްގެންގޮސް، މުޅި ގައުމުގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްފައެވެ. ސްރީލަންކާއަށް ދާދި ފަހުން ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ތެލާއި ކާބޯތަކެއްޗާއި ބޭސް ނުލިބިފައި ވާތީ އިންޑިއާއިން ވަނީ 3.8 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.

އެފްރިކާގައި އިންޑިއާއިން ކުރިއަށްގެންދިޔަ އެންމެ ބޮޑު މަޝްރޫއަކީ ޕޭން އެފްރިކަން އީ ނެޓްވޯކް މަޝްރޫއެވެ. އެއީ 47 ގައުމަކަށް ޓެލެމެޑިސިންއާއި ޓެލެއެޑިއުކޭޝަން ފެސިލިޓީތައް ގާއިމުކުރުމަށް 2009އާއި 2019އާ ދެމެދު ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އިތުރު ފިޔަވައްސެއް މިހާރު ކުރިއަށްގެންދެއެވެ. އިންޑިއާއިން އެފްރިކާގައި އިތުރު މަޝްރޫއުތައް ވެސް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ގާނާގައި ހުންނަ ސެންޓާ ފޯ އައިޓީ އެކްސެލެންސް އާއި ސެނެގާލްގައި ހުންނަ އެންޓްރަޕްރެނުއާޝިޕް ޑެވެލޮޕްމެންޓް ޓްރެއިނިން ސެންޓަރު ހިމެނެއެވެ.

އާސިއާންގައި އިންޑިއާއިން ވަނީ އާސިއާން އިންޝިއޭޓިވް ފޯ އިންޓެގްރޭޝަންގެ ބައެއް މަޝްރޫއުތަކަށް އެހީ ފޯރުކޮށްދީ، ކެމްބޯޑިއާ، މިޔަންމާ، ލާއޯސް އަދި ވިއެޓްނާމްގައި ތަރައްގީގެ ފަރަގު ކުޑަ ކުރުމަށް ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކަށް ވެސް އެއްބާރުލުންދީފައެވެ. އަދި އިންޑިއާ-ސެންޓްރަލް އޭޝިއާ ފޯރަމް އާއި ފޯރަމް ފޯ އިންޑިއާ-ޕެސިފިކް އައިލެންޑް ކޯޕަރޭޝަންގެ ދަށުން ވެސް އިންޑިއާއިން ވަނީ މަޝްރޫއުތައް ހިންގާފައެވެ.

އިންޑިއާގެ އިގުތިސާދު ކުރިއެރިވަރަކަށް، އިންޑިއާއިން ވަނީ އެގައުމުގެ ޚިދުމަތްތައް އިތުރަށް ހުޅުވާލާފައެވެ. އަދި ލުއި ލޯނުތަކާއި ޕްރައިވެޓް ސެކްޓާ އިންވެސްޓުމެންޓްތަކާއެކު އެފްރިކާއާއި އެހެން ގައުމުތަކަށް ދިޔުމަށް އިންޑިއާގެ ޕްރައިވެޓް ސެކްޓާއަށް ހިތްވަރުދީފައެވެ. އިންޑިއާ ޑެވެލޮޕްމެންޓް އިނިޝިއޭޓިވްގެ ދަށުން މިހާރު އިތުރަށް ހަރުދަނާ ކުރަމުން ދަނީ ހަމަ އެ އުސޫލުތަކެވެ. އޭގެ ސަބަބުން، މިހާރު އިންޑިއާއިން ތަރައްގީގެ ބައިވެރިންނަށް އެހީ ފޯރުކޮށްދެމުންދާ ގޮތަށް، ދެމެހެެއްޓެނެވި ގޮތެއްގައި އެހީ ފޯރުކޮށްދެވެމުންދާނެއެވެ.

ނޯޓް: މިއީ އިންޑިއާގެ 76 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޑިޕްލޮމެޓެއް ކަމަށްވާ ގުރުޖިތު ސިންހު ލިޔުއްވި އެޑިޓޯރިއަލްއެއްގެ ތަރުޖަމާއެކެވެ. ސިންހު ވަނީ އިންޑިއާއިން ޖަރުމަނަށާއި އިންޑޮނޭޝިއާއަށާއި އާސިއާންއަށާއި އިތިއޯޕިއާއަށާއި އެފްރިކަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަން ކުރައްވާފައެވެ.

comment ކޮމެންޓް