ޕެނަލްޓީން ކުޑަހެންވޭރު ބަލިކޮށް ޓީނޭޖް ފައިނަލަށް

އެފްއޭއެމް ސެކަންޑް ޑިވިޝަންގެ ސެމީ ފަައިނަލްގައި ކްލަބް ޓީނޭޖް އަދި ކުޑަހެންވޭރު ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެެފްއޭއެމް ސެކަންޑު ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑް ބަލިކޮށް ކުލަބް ޓީނޭޖް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ޓީނޭޖުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން އެ ޓީމު މޮޅުވެގެންނެވެ. އެ ޓީމުން ވަނީ ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. ކުޑަހެންވޭރުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.

މެޗުގެ ފުރަތަމަ ޕެނަލްޓީ ޖަހައިފައިވަނީ ޓީނޭޖުންނެވެ. އެ ޕެނަލްޓީ ޖެހީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު މަހުމޫދެވެ. އަދި ކުޑަހެންވޭރުގެ ފުރަތަމަ ޕެނަލްޓީ ޖެހީ އެ ޓީމުގެ މުހައްމަދު ތިލްމީޒްއެވެ. އެ ޕެނަލްޓީ ވަނީ ޓީނޭޖުގެ ގޯލު ކީޕަރު މުހައްމަދު ހަސަން މަތަކޮށްފައެވެ.

ޓީނޭޖުގެ އަހުމަދު ޖައިލަލް ޖެހި ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އަދި ކުޑަހެންވޭރު ޓީމުގެ ދެވަނަ ޕެނަލްޓީ އެ ޓީމުގެ ޝަހީމް ވަނީ ކާމިޔާބުކޮށްފައެވެ.

އެފްއޭއެމް ސެކަންޑް ޑިވިޝަންގެ ސެމީ ފަައިނަލްގައި ކްލަބް ޓީނޭޖް އަދި ކުޑަހެންވޭރު ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެއިތުރުން ޓީނޭޖުގެ ތިން ވަނަ ޕެނަލްޓީ ނާހިލް އަލީ ކާމިޔާބު ކުރިނަމަވެސް ކުޑަހެންވޭރު ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސާދު ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އެހެންކަމުން ޓީނޭޖުގެ ހަސަންބޮއޭވް ޖެހި ޕެނަލްޓީ ކާމިޔާބު ވުމުން އެ ޓީމަށް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

ޓީނޭޖު ފައިނަލްގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކުލަބާއެވެ. ބުރު ފައިނަލަށް ދިޔައީ ނިއު ރޭޑިއެންޓު މިއަދު ހަވީރު ކުޅުނު ސެމީގެ މެޗުގައި ބަލިކޮށްގެންނެވެ.

comment ކޮމެންޓް