ޝިއާއުގެ ޖަނާޒާ ފުވައްމުލަކުގައި ބާއްވަން ހަށިގަނޑު މިއަދު ގެންދަނީ

މިދިޔަ ހޮނިހިރު ދުވަހު އަނިޔާވެރި ގޮތަކަށް ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވާ ފެނުން ގެ ހުންނަ ސަރަޚައްދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާ ފުވައްމުލަކުގައި ބޭއްވުމަށް ނިންމައިފިއެވެ.

ފުވައްމުލަކު ސިޓީ، މާދަނޑު، ކުރި، 22 އަހަރުގެ ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު އިއްޔެ ވަނީ އިންޑިއާއިން ހަށިގަނޑު މާލެ ގެނެސްފައެވެ.

ޝިއާއުގެ އާއިލާ މެމްބަރަކު ބުނިގޮތުގައި މިއަދުގެ ހަވީރު ފްލައިޓުން ހަށިގަނޑު ފުވައްމުލަކަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

ކަށުނަމާދު އޮތީ މިރޭގެ އިޝާ ނަމާދަށް ފަހު، ފުވައްމުލަކު މަސްޖިދު އިނާރާ (ބޯޅަ މިސްކިތް) ގައެވެ.

ޝިއާއު މަރާލާފައި އޮއްވާ ފެނުނީ ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންނެވެ. އޭނާ މަރާލުމުގެ އިތުރުން އޭނާގެ އަތާއި ފަޔާއި ކަރު ވެސް އޮތީ ބުރިކޮށްލާފައެވެ.

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އިއްޔެ އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސް ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ.

އަނިޔާވެރިގޮތަކަށް ޝިއާއު މަރާލާފައި އޮއްވާ ފެނުނު އިރު، ޝިއާއުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް، 22އެވެ. އެ ހާދިސާ ހިނގި ރޭ އެ ގެއިން ޝާހިލް ނެރެގެން ގެންގޮސްފައިވަނީ އެރޭ ދަންވަރު 1:25 ގައެވެ.

އެ މައްސަލައިގައި ޝާހިލްގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ޝިއާއުގެ ހަށިގަނޑު އެރޭ ދަންވަރު ފުލުހުން ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން އެރޭ މައުލޫމާތު ދިން ގޮތުގައި އެމްބިއުލާންސަށް އެރުވީ ދެ ބޮޑީބޭގެއް ވަކިންނެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިނގި އެންމެ ރަހުމު ކުޑަ އެއް މަރެވެ.

comment ކޮމެންޓް