ހައިކޯޓުގެ ފަނޑިޔާރުކަމަށް ދީބަނާޒާއި ސަލީމް އައްޔަންކޮށްފި

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދީބާނާޒް އައްޔަން ކުރައްވަނީ --- ފޮޓޯ/ޖޭއެސްސީ

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޒް ފަހުމީއާއި ހައިކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި މުހައްމަދު ސަލީމް މިއަދު މަގާމުގެ ހުވާކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ގާޒީގެ މަގާމު އަދާކުރެއްވި ދީބަނާޒް ފަހުމީ ވަނީ މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ޤާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފައެވެ. އަދި މާސްޓާ އޮފް ލޯ، ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓަބަރީއިން ފުރިހަމަ ކުރެއްވިއެވެ. ދީބަނާޒް އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ، 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ހައިކޯޓުގެ ގާޒީކަމުގެ ހުވާކުރެއްވި މުޙައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަދި ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ހޭދަކުރެއްވިއެވެ.

އިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި މުހައްމަދު ސަލީމް -- ފޮޓޯ/ޖޭއެސްސީ

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި ޢަބްދުﷲ ހަމީދު, ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 36،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެއެވެ. އަދި މެޑިކަލް އެލަވަންސްއާއި ފޯނު އެލަވަންސް ވެސް ލިބިވަޑައިގަންނަވާނެއެވެ.

މި ދެ ބޭފުޅުންގެ އިތުރުން ދެ ރަށެއްގެ ކޯޓަށް ވެސް މެޖިސްޓްރޭޓުން ވަނީ އައްޔަންކޮށްފައެވެ. އެއީ ތ. ގުރައިދޫ ކޯޓަށް އައިޝަތު އިބްރާހީމާއި ގދ. ތިނަދޫ ކޯޓަށް ނަޝާޠަޠު ޒައީމާއެވެ.

comment ކޮމެންޓް