އައިޖީއެމްއެޗްގައި މަކުނުވިދުރިއަށް ޓެސްޓުކުރެވޭ ގޮތް ހަދަން ތައްޔާރުވަނީ

އައިޖީއެމްއެޗް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗްގައި މަކުނުވިދުރިއަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ މަކުނުވިދުރިއަށް ޓެސްޓުކުރެވޭނީ އެކަމަށް އެންމެ އެކަށީގެންވާ ލެބެެއްގައި ކަމަށާއި އެކަން ކުރުމަށް މިވަގުތު ރާވާފައިވަނީ އައިޖީއެމްއެޗްގައި ކަމަށެވެ.

"ޓެސްޓު ކިޓު ހޯދުމުގެ އިތުރުން ޓެސްޓިން ސެޓަޕް ކުރުމަށް އެހެންތަކެއްޗާއި ކަންކަން ބޭނުންވޭ،" މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އެކަން ފުރިހަމަ ކުރެވުނުހާ އަވަހަކަށް އައިޖީއެމްއެޗުގައި މަކުނުވިދުރިއަށް ޓެސްޓް ކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަކުނުވިދުރިއަށް ޓެސްޓު ކުރުމަށް އައިޖީއެމްއެޗުގައި ތައްޔާރުވަމުންދާއިރު، ދުނިޔޭގެ އެކި ގައުމުތަކުގައި މަކުނުވިދުރި ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ޑަބްލިއުއެޗްއޯ އިން ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

އޭގެ ފަހުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ޑަބްލިޔުއެޗްއޯއިން ވަނީ މަކުނުވިދުރިއަށް ޓެސްޓުކުރުމަށް 250 ޓެސްޓު ކިޓް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖެއިން އަންނަނީ މަކުނުވިދުރިއަށް ޝައްކުކުރެވޭ ކޭސްތައް ބަލަމުން ކަމަށެވެ. އަދި ރާއްޖެއަކީ އެ ކޭސްތައް ބަލައި، ކޮންޓެކްޓް ޓްރޭސިންނާއި ޓެސްޓިން އަދި ރިސްކް ކޮމިއުނިކޭޝަންސް ހެދުމުގެ ގާބިލުކަން ލިބިފައިވާ ގައުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އިތުރު ޓެސްޓް ކިޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް