ފާއިތުވި ތިން އަހަރު ތެރޭ ކަޝްމީރުގެ ހާލަތު ވަރަށް ގޯސްވެއްޖެ: ޕާކިސްތާނުގެ ސަފީރު

ޑޭ އޮފް އެކްސްޕްލޮއިޓޭޝަން ފާހަގަކުރުމުގެ ގޮތުން ހައިކޮމިޝަންގައި ޚާއްސަ އިވެންޓެއް ވަނީ ބާއްވާފައި--- ފޮޓޯ/ ހައި ކޮމިޝަން

ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގެ ހާލަތު ފާއިތުވި ތިން އަހަރު ތެރޭ ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚްތާރު ވިދާޅުވެއްޖެއެވެ.

ކަޝްމީރަށް މީގެ ކުރިން އިންޑިއާއިން ދީފައި އޮތް ހާއްސަ އިމްތިޔާޒުތައް އުވާލި ތާރިހަށް މިއަދު ތިން އަހަރު ފުރުމާ ގުޅިގެން، ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަންގައި ވަނީ ހަފުލާއެއް ބާއްވާފައެވެ.

އެ ހަފުލާގައި ހައި ކޮމިޝަނަރު ވިދާޅުވީ އިންޑިއާ ސަރުކާރުން ދަނީ ހިންދޫ ވަތަނީ އެޖެންޑާ ފަތުރައި، ކަޝްމީރުގެ އާބާދީ އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނަން މަސައްކަތް ކުރަމުން ކަމަށެވެ. އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމާއެކު އެ ސަރަހައްދު އަސްކަރީ ގޮތުން ހިސާރުކޮށްފައި އޮންނަތާ ވެސް މިހާރު ތިން އަހަރު ވެފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަނަރުގެ ވައިސް އެޑްމިރަލް އާތާ މުޚްތާރު--- ފޮޓޯ/ ހައި ކޮމިޝަން

މީގެ އިތުރުން ކަޝްމީރުގެ އިސް ލީޑަރުން އަދިވެސް ތިއްބެވީ ޖަލުގައި ކަމަށާއި އިންޑިއާގެ ސިފައިންގެ އަމާޒަކީ މިހާރު ކަޝްމީރުގެ ޒުވާނުން ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ ކަޝްމީރުގެ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން އަދިވެސް ނިގުޅައިގަންނަމުންދާ ކަމަށެވެ. އަދި ދެކުނު އޭޝިއާގައި ދާއިމީ ސުލްހައާއި ހަމަޖެހުން ގާއިމުކުރެވޭނީ، އދ.ގެ ގަރާރުތަކާއި، ކަޝްމީރުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް، ކަޝްމީރުގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރެވިގެންކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާނާއި ރާއްޖޭގެ އިސް އޮފިޝަލުން ބައިވެރިވި އެ ހަފުލާގައި ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤުރުނައިން އަޙްމަދް ވަނީ، އެ ހަފުލާގެ ބައިވެރިން ކަޝްމީރުގެ ރައްޔިތުންނާއެކު ތިބިކަން ދައްކުވައިދޭތީ އެކަމުގެ އަގުވަޒަން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޒުލްޤުރުނައިން ވިދާޅުވީ ކަޝްމީރުގެ ރައްޔިތުންނަށް ހާއްސަ އިމްތިޔާޒުތައް ލިއްބައިދިން މާއްދާތައް އިންޑިއާއިން އުވާލުމުގެ މަގްސަދަކީ، ކަޝްމީރުގެ މުސްލިމުންނަކީ އެމީހުންގެ ބިމުގައި އަގުލަބިއްޔަތެއް ނެތް ބަޔަކަށް ހެދުން ކަމަށެވެ. އެ ފިޔަވަޅަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޖެނީވާ މުއާހަދާއަކާ ޚިލާފު އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިޝަންގެ ޑެޕިއުޓީ ހެޑް ޒުލްޤުރުނައިން އަޙްމަދް--- ފޮޓޯ/ ހައި ކޮމިޝަން

ޒުލްޤުރުނައިން ވަނީ ޕާކިސްތާނުގެ މަގްސަދަކީ، އދ ގެ ސަލާމަތީ މަޖިލީހުގެ ކަމާބެހޭ ގަރާރުތަކާއި ކަޝްމީރުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް، ކަޝްމީރުގެ މައްސަލަ ޞުލްހަވެރިކަމާއެކު ހައްލުކުރުންކަން ފާހަގަކުރައްވާފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު އިންޑިއާއިން ވަނީ އެގައުމުގެ ގާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލާ، އެ ސްޓޭޓު މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލާފައެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަދާކް ވަކި ޓެރިޓަރީއަކަށެވެ. އޭގެ ސަބަބުން، ކަޝްމީރުގެ ކަންތައްތަކާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރާއި އަމިއްލަ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ބާރު އެ ސަރަހައްދުގެ މީހުންނަށް ވަނީ ގެއްލިފައެވެ.

މީގެ އިތުރުން، 2020 ވަނަ އަހަރު އިންޑިއާއިން ވަނީ އެގައުމުގެ ކޮންމެ މީހަކަށްވެސް ކަޝްމީރުން ބިން ގަތުމަށް ހުއްދަދޭ ގާނޫނަކަށް އަމަލު ކުރަން ފަށާފައެވެ. އޭގެ ކުރިން އެގައުމުގެ ގާނޫނުތަކުގައި އޮތީ ކަޝްމީރުން ބިން ގަނެވޭނީ އެ ސަރަހައްދުގެ ދާއިމީ ރަށްވެހިންނަށް އެކަނި ކަމަށެވެ.

ކަޝްމީރުގެ މުސްލިމުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާއިން އެ ބަދަލު ގެނައީ އެ ސަރަހައްދުގެ އާބާދީގައި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންގެ ނިސްބަތަށް ބަދަލު ގެނައުމަށްޓަކައެވެ.

comment ކޮމެންޓް