ރާއްޖޭގެ ފެތުންތެރިން ގައުމީ ހަތް ރިކޯޑެއް ހަދައިފި

ކޮމަންވެލްތު ގޭމްސަގައި ބައިވެރިވި ރާއްޖޭގެ ފެތުންތެރިން--- ފޮޓޯ/ އެމްއޯސީ

މިހާރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން ގައުމީ ހަތް ރިކޯޑެއް ހަދައިފިއެވެ.

ކޮމަންވެލްތު ގޭމްސްއަށް ރާއްޖެއިންދިޔަ ފެތުންތެރިންގެ ޓީމުގެ ފެތުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ފެތުންތެރިއެއްގެ ގޮތަށް ފާހަގަކުރެވިފައިވަނީ ޒުވާން ފެތުންތެރިޔާ މުހައްމަދު އާން ހުސައިންއެވެ.

އާން ވަނީ ތިން ރިކޯޑެއް ހަދައިފައެވެ. އެއީ 50 މީޓަރާއި، 100 މީޓަރު ފްރީ ސްޓައިލްގެ ގައުމީ ރެކޯޑާއި، 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑެވެ.

އާން މުގުރާލައިފައިވާ 50 މީޓަރު ފްރީސްޓައިލް ރިކޯޑަކީ މީގެ ހަތް އަހަރުކުރިން ހަދާފައިވާ ރިކޯޑެކެވެ. 2015 ވަނަ އަހަރުގެ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި 26.27 ސިކުންތުން ރޭސް ނިންމައި އެ ރިކޯޑު ހަދައިފައިވަނީ ނިޝްވާން އިބްރާހީމްއެވެ. ނަމަވެސް އާން އެ ރިކޯޑު ހަދައިފައިވަނީ 24.82 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސަތޭކަ މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑު ފުރަތަމަ ކޮމަންވެލްތު ގޭމްސްގައި މިއަހަރު އާކުރީ މުހައްމަދު ރީހާން ޝިހާމްއެވެ. އޭނާ އެއް މިނެޓު 5.12 ސިކުންތުން ހެދި ރެކޯޑު އާން މުގުރާލީ އެއް މިނެޓު 03.35 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެއިތުރުން އާން ވަނީ އޭނާގެ އަމިއްލަ 100 މީޓަރު ފްރީ ސްޓައިލް ރެކޯޑު ވެސް މުގުރާލައިފައެވެ. މިއަހަރުގެ ޖޫން މަހު ބޭއްވި ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ފަތައިގެން 55.59 ސިކުންތުން އާން ހެދި ރެކޯޑު މިފަހަރު އާ ކުރީ 55.49 ސިކުންތުން ނިންމައިގެންނެވެ.

ރާއްޖޭގެ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު ވަނީ 50 މީޓަރު ބްރެސްޓް ސްޓްރޯކްގެ ގައުމީ ރެކޯޑު މުގުރާލައިފައެވެ. 34.53 ސިކުންތުން ރޭސް ނިންމުގެ ރިކޯޑު ހަމްނާ އާކުރީ 34:51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ދުއިސައްތަ މީޓަރު މެޑްލޭ ރިލޭގައި ވާދަކޮށް މުބާލް އައްޒާމް އިބްރާހީމް ވެސް ވަނީ ގައުމީ ރިކޯޑެއް އާކޮށްފައެވެ. އެ ރިކޯޑަކީ ދެ މިނެޓު 32.87 ސިކުންތުން ރޭސް ނިންމައިގެން 2018 ވަނަ އަހަރު ހަދައިފައިވާ ރިކޯޑެކެވެ. އެ ރިކޯޑު އޭނާ މުގުރާލައިފައިވަނީ ދެ މިނެޓު 23.69 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއަހަރުގެ ވޯލްޑު ޗެމްޕިއަންޝިޕުގައި 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގައި ގައުމީ ފެތުމުގެ ރިލޭ ޓީމުން ހެދި ރިކޯޑު ވެސް ވަނީ އާކޮށްފައެވެ. ކުރިން ރިލޭ ޓީމުން ހަތަރު މިނެޓު 18.44 ސިކުންތުން ނިންމި ރޭސް މިފަހަރު ރިލޭ ޓީމުން ނިންމީ ހަތަރު މިނެޓާއި 14.91 ސިކުންތުންނެވެ.

comment ކޮމެންޓް