ސްޓެލްކޯއިން ވިލިމާލޭގައި ފަށަން އުޅޭ އާ ހައުސިން ޕްރޮޖެކްޓު ހުއްޓުވައިފި

ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފްއާ އިސްވެރިން --- ފޮޓޯ/ ސްޓެލްކޯ

ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ޕޮލިސީއަކަށް ނުވާތީ ކަމަށް ބުނެ ސްޓެލްކޯއިން ވިލިމާލޭގައި ފަށަން އުޅޭ އާ ހައުސިން ޕްރޮޖެކްޓުވެސް ކުރިއަށް ނުގެންދެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެންމެ ފަހުން ސްޓެލްކޯގެ އާ ޗެއާމަން އެ ކުންފުނީގެ މުވައްޒިފުންނަށް ތައާރަފުކޮށްދިނުމަށް ބޭއްވި ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވަނީ ވިލިމާލޭގައި ސްޓެލްކޯގެ އާ ހައުސިން ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފަށާނެކަން އިއުލާނުކުރައްވާފައެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޝަރީފް ދެއްވާފައިނުވާއިރު، އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ސްޓެލްކޯގެ ބޯޑުގެ ހުއްދަ އެ މަޝްރޫއަށް ހޯދުމުގެ މަސައްކަތްކަމަށެވެ.

ސްޓެލްކޯއިން ވިލިމާލޭގައި ފަށަން އުޅޭ އެ ހައުސިން ޕްރޮޖެކްޓާއި ގުޅިގެން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލައްމާން ވަހީދު މިއަދު "ސަން"އަށް ވިދާޅުވީ ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ޕޮލިސީއެއް ނޫންކަމަށެވެ.

އެގޮތުން ސްޓެލްކޯއަށްވެސް އެފަދަ އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޕޮލިސީ ލެވެލްގައި ނިންމާފައި ވަނީ ސޯޝަލް ހައުސިން މަޝްރޫއުތައް ފަހިދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހިންގަން. އަދި އެސްއޯއީތަކުން ހައުސިން ޕްރޮޖެކްޓްތައް ހިންގުމަކީ ސަރުކާރުގެ ޕޮލިސީެއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއިން ވިލިމާލޭގައި ފަށަން އުޅޭ ހައުސިން ޕްރޮޖެކްޓަކީ 500 ހައުސިން ޔުނިޓްގެ ޕްރޮޖެކްޓެކެވެ. އެކަމާ ގުޅިގެން ސިޓީ ކައުންސިލުގެ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވަނީ ވިލިމާލޭގައި އަޅާ ފުލެޓުތަކުގެ ބޮޑު ބައެއް ވިލިމާލޭ ރައްޔިތުންނަށް ހާއްސަވާނެކަމަށް ވިދާޅުވެފައެވެ.

ސްޓްލެކޯއިން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު އިމާރާތްކޮށްފައިވާ އެކުންފުނީގެ ފުލެޓުތައް ލިބިފައިވާ މުވައްޒިފުންނަށް އަންނަ ހޮނިހިރު ދުވަހު ޔަގީނުންވެސް ވަދެވޭނެކަމަށް ބުނެފައެވެ.

ސްޓެލްކޯގެ ފުލެޓުތައް ހުންނަނީ ދެ ޓަވަރަކަށް ބަހާފައެވެ. އެ ދެ ޓަވަރުގައި އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓު ހިމެނެއެވެ.

އެ ފުލެޓުތަކުގެ އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 5،622 ރުފިޔާއަށް ކަމަށް ވާއިރު، މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 10،356ރުފިޔާ އާއި 10،652ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.

comment ކޮމެންޓް