ފިލިޕީންސްގެ ކުރީގެ ރައީސް އުމުރުން 94 އަހަރުގައި އަވަހާރަވެއްޖެ

ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް -- ފޮޓޯ / ޓުވިޓާ

ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އުމުރުން 94 އަހަރުގައި އަވަހާރަވެއްޖެއެވެ.

ރާމޯސް އަވަހާރަވެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިޑޭލް ރާމޯސް 1992 ވަނަ އަހަރުގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 66 ޕަސެންޓްގެ ތާއީދަކާއިއެކު ކާމިޔާބުކުރައްވާފައިވެއެވެ. އަދި އެ އަހަރު ފިލިޕީންސްގެ 12 ވަނަ ރައީސްކަމަށް އިންތިހާބުވެ ވަޑައިގަތެވެ. ރައީސްގެ މަގާމުގައި އެމަނިކުފާނު ހުންނެވީ 1992 އިން 1998ގެ ނިޔަލަށްށެވެ.

އެމަނިކުފާނުގެ ވެރިކަން ކުރެއްވި ދުވަސްވަރަކީ ސުލްހަވެރި، އިގުތިސޯދީ ގޮތުން ފިލިޕީންސް ކުރިއަރައިގެން ދިޔަ ދުވަސްވަރެކެވެ. އަދި އެގައުމުގައި ފަގީރު މީހުންގެ އަދަދު 39 އިންސައްތައިން 31 އިންސައްތައަށް ވެއްޓުނެވެ.

އެފްވީއާރްގެ ނަމުން މަޝްހޫރުވެފައިވާ ރާމޯސް ވަނީ ވެސްޓް ޕޮއިންޓްގައި ހުންނަ އެމެރިކާގެ މިލިޓަރީ އެކަޑަމީއަށް ހާޒިރުވެ، ޕްލެޓޫންގެ ލީޑަރެއްގެ ގޮތުގައި 1950 ގެ އަހަރުތަކުގައި ކޮރެއާގައި ހަނގުރާމަކޮށްފައެވެ. އަދި 1960ގެ ފަހުކޮޅު ވިއެޓްނާމްގައި ފިލިޕީންސްގެ ސިވިލް އެކްޝަން ގްރޫޕްގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

comment ކޮމެންޓް