ގޮތަބަޔަ ހައްޔަރުކުރަން ގޮވާލައި، ސިންގަޕޫރުގެ އެޓާނީ ޖެނެރަލްގެ އޮފީހަށް މައްސަލައެއް

ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ -- ފޮޓޯ / އޭޕީ

ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ޖަރީމާތައް ހިންގުމުގައި އެ ގައުމުގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސް ދައުރެއް އަދާކުރެއްވި ކަމަށް ބުނެ، އެމަނިކުފާނު ހައްޔަރުކުރުމަށް އެދި ސިންގަޕޫރުގެ އެޓާނީ ޖެނެރަލަށް ޖިނާއީ މައްސަލައެއް ހުށަހަޅައިފިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ޓްރުތް އެންޑް ޖަސްޓިސް ޕްރޮޖެކްޓް (އައިޓީޖޭޕީ)އިން ހޮނިހިރު ދުވަހު ހުށަހެޅި މައްސަލައިގައި ވަނީ ރާޖަޕަކްސަ ލަންކާގެ ދިފާއީ ވުޒާރާގައި އިސްކޮށް ހުންނެވިއިރު، ދާހިލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި އިންސާނީ ހައްގުތަކާ ޚިލާފު ކަންތައްތައް ކުރައްވާފައިވާ ކަމަށެވެ.

އދ.އިން އަންދާޒާކޮށްފައިވާ ގޮތުގައި ލަންކާގެ ދާޚިލީ ހަނގުރާމައިގައި ލައްކައެއްހާ މީހުން މަރުވެފައިވެއެވެ.

މީގެ އިތުރުން އދގެ ޕެނަލަކުން ނެރުނު ރިޕޯޓެއްގައިވަނީ، ހަނގުރާމައިގެ އެންމެ ފަހު މަސްތަކުގައި އެކަނިވެސް 40،000 އެއްހާ ތަމަޅަ ރައްޔިތުން މަރާފައިވާ ކަމަށެވެ.

ލަންކާގައި 25 އަހަރުވަންދެން ތަމަޅަ ހަނގުރާމަވެރިންނާއި ސަރުކާރުގެ ފައުޖުތަކާ ދެމެދު ހިނގި ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސްފައިވަނީ 2009 ވަނަ އަހަރެވެ. އޭރު ރައީސް ކަމުގައި ހުންނެވީ މަހިންދަ ރާޖަޕަކްސައެވެ. އަދި ގޮތަބަޔަ ހުންނެވީ ޑިފެންސް ސެކްރެޓަރީގެ މަގާމުގައެވެ.

ސްރީލަންކާގެ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން އެގައުމުގެ 22 މިލިއަން މީހުންނަށް ބޭނުންވާ ބޭހާއި ތެލާއި ކާބޯތަކެތި ފަދަ ޒަރޫރީ ތަކެތި ނުލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން އެގައުމުގެ މީހުން މުޒާހަރާ ކުރާތާ އެތައް މަހެއްވެއްޖެއެވެ.

އެ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުން އުފެދުމުން ގޮތަބަޔަ ލަންކާއިން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވިއެވެ. އެއަށް ފަހު ސިންގަޕޫރަށް ވަޑައިގެން ރައީސް ކަމުން އިސްތިއުފާ ދެއްވިއެވެ.

comment ކޮމެންޓް