މަކުނުވިދުރީގެ ކޭސްތައް ގިނަވެ، ޑަބްލިޔުއެޗްއޯއިން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފި

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް -- ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ އެކި ގައުމުތަކުގައި މަކުނުވިދުރި ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔަސަސް ވިދާޅުވީ މަކުނުވިދުރީގެ ކޭސްތައް އިތުރުވުމާ ބެހޭ ގޮތުން އެ ޖަމިއްޔާގެ އެމާޖެންސީ ކޮމިޓީން މިއަދު މަޝްވަރާ ކުރި ކަމަށެވެ. އަދި އެ ބަލި ފެތުރެމުންދާ މިންވަރަކީ ސިއްހީ ކުއްލި ހާލަތު އިއުލާން ކުރަން ޖެހޭ މިންވަރެއް ކަމާ މެދު ކޮމިޓީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މަކުނުވިދުރި ހަލުވި ކަމާއެކު އެކި ގައުމުތަކުން ފެނި، ބަލި ފެތުރޭ އާ ގޮތްތަކާ ބެހޭ ގޮތުން މިހާރު އެކަށީގެންވާ ވަރަށް މައުލޫމާތު ނެތުމުން މިއީ ކުއްލި ނުރައްކާ އިއުލާން ކުރަން ޖެހޭ ހާލަތެއް ކަމަށް އަމިއްލަފުޅަށް ނިންމެވީ ކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.

"ޑަބްލިޔުއެޗްއޯގެ ހޯދުންތަކުން ބެލެވެނީ ޔޫރަޕް ފިޔަވާ ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި މަކުނުވިދުރި ފެތުރުމުގެ ނުރައްކާ އޮތީ މެދު މިނެއްގައި ކަމަށް. ޔޫރަޕުގައި ނުރައްކާ ބޮޑު ކަމަށް އަޅުގަނޑުމެންނަށް ބެލެވޭ،" ޓެޑްރޮސް ވިދާޅުވިއެވެ.

ޓެޑްރޮސް އިތުރަށް ވިދާޅުވީ ދުނިޔޭގެ 75 ގައުމަކުން މަކުނުވިދުރީގެ 16،000އަށް ވުރެ ގިނަ ކޭސް މިހާރު ފެނިފައިވާ ކަމަށެވެ. އަދި ޑަބްލިޔުއެޗްއޯއިން ކުއްލި ހާލަތު އިއުލާން ކުރުމުން ބައްޔަށް ވެކްސިން އުފެއްދުމުގެ މަސައްކަތް އަވަސްވެ، ވައިރަސް ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އަޅާ މިންވަރު އިތުރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މަކުނުވިދުރީގެ ކޭސްތައް މިހާރު އެންމެ ގިނައީ އެއް ޖިންސުން ގުޅުން ހިންގާ އަދި އެކަކަށް ވުރެ ގިނަ މީހުންނާ ގުޅުން ހިންގާ ފިރިހެނުންގެ މެދުގައިކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ.

މަކުނުވިދުރިއަކީ ކޮބާ؟

މަކުނުވިދުރި ޖައްސާ ވައިރަހާ ބެހޭ ދިރާސާތައް މިހާރުވެސް ކުރަމުންދާއިރު މިއީ ކަށިވިދުރި ޖައްސާ ވައިރަހާ އެއް އާއިލާއެއްގެ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖަހާ ވެކްސިނުން މަކުނުވިދުރިއިން ވެސް ރައްކާތެރިކޮށްދެއެވެ.

މި ބަލީގެ އަލާމާތްތަކަކީ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލީގައި ނުވަތަ އުކުޅުގައި ގޮށްލުމެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގައެވެ.

މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށްފަހު ފެން ފޮޅަށްވެ، އޭގެ ފަހުން ފޮޅުތަކުގައި ދޮސްލައެވެ. ދެން ފޮޅުތައް ފަޅައިގެންގޮސް ކުރަލައެވެ. އަދި ކުރައިގެ ދަށުން އާ ހަން އުފެދި، ކުރަ ވެއްޓެންދެން ބަލި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެއެވެ.

މިބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު ފާނަބަސަންދު ޖެހުމުން ނަގާ ބިހިތަކާ އެއްގޮތްވެދާނެއެވެ. މިބައްޔަށް ސިދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމަތްތަކަށް ދޭ ފަރުވާއަށްފަހު ގިނަ މީހުން ބަލިން ރަނގަޅުވެއެވެ.

މި ބައްޔަކީ އާންމުކޮށް މި ވައިރަސް ހުންނަ ޖަނަވާރުގެ ފަރާތުން ފެތުރޭ އެއްޗެކެވެ. ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ އެހެން ގިނަ ބަލިތަކާ ތަފާތުކޮށް، އިންސާނުންގެ ތެރޭގައި މަކުނުވިދުރި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންނެވެ.

އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް މިބަލީގެ ވައިރަސް ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލާ ނިޒާމަށް ގޮސްގެންނާއި، ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުންމުންނެވެ. އަދި ބަލިމީހާގެ ހެދުމާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ.

comment ކޮމެންޓް