ގުޅީފަޅު ހިއްކައިގެން ގޯތި ދޫކޮށްފި ނަމަ 30،000 މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ: މޭޔަރު މުއިއްޒު

މިރޭ ލޮނުޒިޔާރަތް ޕާކުގައި ކުރިއަށްދާ މާލޭ ސިޓީ ރައްޔިތުންގެ ބައްދަލުވުމުގަ މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ގުޅީފަޅު އިތުރަށް ހިއްކާފައި ގޯތި ދޫކޮށްފިނަމަ 30،000 އެއްހާ މީހުންނަށް އެތަނުން ބޯހިޔާވަހިކަން ހަމަޖެއްސޭނެ ކަމަށް މާލޭސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މާލޭސިޓީ ރައްޔިތުންގެ ދެ ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭ ރައްޔިތުންނަށް ހައްގު މިންވަރަށް ގޯތި ހޯދައިދޭން ސަރުކާރަށް ދަންނަވާފައިވާނެ ކަމަށެވެ.

އަދި ގުޅީފަޅުގައި ޕޯޓެއް ތަރައްގީކުރުމުގެ ބަދަލުގައި އެތަނުން ބިން ހިއްކަން ޚިޔާލު ދީފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ އެއްވެސް މަޝްވަރާއެއްގައި ސިޓީ ކައުންސިލް ބައިވެރި ނުކުރާ ކަމަށާއި ސިޓީ ކައުންސިލަށް އެނގެނީ ނޫސްތަކުން ފެންނަ އެއްޗެއްކަމަށް މޭޔަރު ވިދާޅުވިއެވެ.

އެހެންކަމުން ނޫސްތަކުން ގުޅީފަޅު ހިއްކާފަ ގޯތިދޫކުރާ ވާހަކަ އަޑުއިވިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ ޕޯޓް ހެދުމަށް ފަހު ވެސް 200އަށް ވުރެން ބޮޑު ހެކްޓަރެއްގެ ބިން ހިއްކެން ގުޅީފަޅުގައި އެބައޮތް ކަމަށެވެ.

އެއީ ހުޅުމާލެ ފުރަތަމަ ފިޔަވަހި ވަރުގެ ޖާގައެއް ކަމަށާއި އެ ބިން ހިއްކައިފި ނަމަ 30،000 މީހުންނަށް ބޯހިޔާވަހިކަން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ވެސް ގޯތި ދޫކުރާ މީހުންނަށް ފޯމު ފުރުމުގައި ސިޓީ ކައުންސިލުން އެހީތެރިވެދޭން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ބީރު ކަންފަތެއް ސަރުކާރުން ދިނުމުން ކައުންސިލުން އިސްނަގައިގެން ހެލްޕް ޑެސްކްތަކެއް ގާއިމްކުރަން ނިންމާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

"3 އޮގަސްޓުން ފެށިގެން ހަފުތާ ބަންދު ނޫން ކޮންމެ ދުވަހަކު ފަހުން އިއުލާނު ކުރެވޭ ގަޑިތަކެއްގަ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައި ގާއިމުކުރާ ހެލްޕް ޑެސްކަކާ އަޅުގަނޑުމެންގެ ބެލެނިވެރިކަމުގައި ހުރި ސްކޫލުތަކުގެ ތެރެއިން މާފަންނު މަދަރުސާގައި ބަހައްޓާ ޑެސްކަކާ ފޯމު ފުރުމަށް ދަތިތައް ހުރި ފަރާތްތަކަށް އެހީވާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް