ލޯބީގެ ވާހަކައެއް: ނަބިއްޔާގެ ގެކޮޅުން

ރޯދައާއި އަޅުކަން: އެހެން މަސްމަހާ ހިލާފަށް ރަމަޟާން މަހު އަޅުކަމުގައި ހޭދަ ކުރާ މީހުންގެ އަދަދު ގިނަކަން ވަނީ ފާހަގަ ކުރެވިފަ، އަދި އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުވެ، ނަމާދު ގަޑިތަކުގައި މިސްކިތްތައް ފުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަމަނާގެ މައްޗަށް މާތް الله ރުއްސުންލެއްވި ޒައިނަބު ބިންތި މުޙައްމަދުގެ ފާނުން، އެކަމަނާގެ ބޮޑު ދައިތަގެ ދަރިކަލުން، އަބުލްޢާޞް ބިން އަލްރަބީޢު އާއި، އެކަމަނާގެ މަންމާފުޅު ޚަދީޖަތުގެފާނުންގެ ޙަޔާތްޕުޅުގައި ކައިވެނި ކުރެއްވިއެވެ. އެއް ދުވަހަކު އަބުލްޢާޞް ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. އަހަރެން ޒައިނަބުގެފާނާއި ކައިވެނިކުރަން އެދެމެވެ. އެހިނދު ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. އެކަމަނާގެ އިޛުނައާއި ނުލައި، ތިޔަ ކައިވެނި ނުކުރާނަމަވެ. ދެން ރަސޫލާ ﷺ ޒައިނަބުގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ކަނބުލޭގެ ބޮޑުދައިތަގެ ދަރިކަލުން އަބުލްޢާޞް ކަނބުލޭގެއާއި ކައިވެނި ކުރައްވަން އެދިގެން އަތުވެއްޖެއެވެ. ކަނބުލޭގެ ފިރިއެއްގެ ގޮތުގައި އެކަލޭގެފާނު ޤަބޫލު ކުރައްވާނަންތޯއެވެ؟ އެހިނދު އެކަމަނާ ލަދުވެތިކަމާއެކު ހިނިތުންވެ، މޫނު ރަތްވެފައި ހުރުމުން ރަސޫލާއަށް އެކަމާނާ ރުހޭކަން ވިސްނިވަޑައިގެން އެ ކައިވެނި ކޮށްދެއްވިއެވެ. މި ކައިވެންޏަށް އުމާމާއާއި، ޢަލީ ލިބިވަޑައިގެންނެވިއެވެ.

މިކައިވެނި ކުރެއްވިއިރު ރަސޫލާ ﷺ ރަސޫލުކަމާއިގެން ނުފޮނުއްވަވައެވެ. ނަމަވެސް ޤުރައިޝުން ބޭނުންވީ އަބުލްޢާޞް، ޒައިނަބުގެފާނު ވަރިކުރުމަށެވެ. އެއީ ޤުރައިޝުންގެ އަންހެން ދަރިންގެ ތެރެއިން އެކަލޭގެފާނުން ބޭނުންފުޅުވާ މީހަކާ ކައިވެނި ކުރައްވައި، އެކަމަނާގެ ބައްޕާފުޅަށް ގެއްލުން ދެއްވުމަށްޓަކައެވެ. ގުރައިޝުންގެ ޙަސަދަ ވެރިކަން ރަސޫލާގެ މައްޗަށް ބޮޑުވެ އެކަލޭގެފާނުންގެ ދެ ދަރިކަބަލުން ކަމުގައިވާ އުއްމު ކުލްޘޫމް ގެ ފިރިކަލުން ޢުތުބާ އަދި ރުޤައްޔަތުގެ ފާނުންގެ ފިރިކަލުން ޢުތައިބާ، މި ދެ ކަބަލުން ވަރިކުރެއްވީއެވެ.

ރަސޫލާ ﷺ ރަސޫލުކަމައިގެން ފޮނުއްވުމުން ޒައިނަބުގެ ފާނުން އިސްލާމްވެ ވަޑައިގެންފިއެވެ. އެއިރު އަބުލްޢާޞް ހުންނެވީ ވިޔަފާރި ޤާފިލާ އަކާއެކު ޝާމު ކަރައަށް ވަޑައިގެންނެވެ. އެކަލޭގެފާނުން އެނބުރި ވަޑައިގެންނެވުމުން، އެ ޚަބަރު ދެންނެވުމުން ކޯފާވެ ވަޑައިގެން ވިދާޅުވިއެވެ. "ކަމަނާގެ ބައްޕާފުޅަށާއި، އެކަލޭގެފާނުންގެ ރިސާލަތަށް އީމާން ނުވަމެވެ." އަދި އަނބިކަނބަލުން ރުއްސުމަށްޓަކައި ކާބަފައިންގެ ދީން ދޫކޮށްލީ ކަމަށް ބުނެ މީހުންގެ ކުރިމަތީގައި އޭނާގެ ޤަދަރު ކުޑަވެދާނެތީވެ އަބުލްޢާޞް ވެސް ބިރުގަތެވެ. ނަމަވެސް އޭނާގެ ދީނާ މެދު އޮޅުން ބޮޅުން ވެފައިހުރެ، ދުނިޔަވީ ޙަޔާތާ ބެހޭގޮތުން ޤުރައިޝުންގެ ވެރިންގެ ކުރިމަތީގައި ސާފުކޮށް އިޢުލާން ކުރެއްވިއެވެ. " ނޫނެކެވެ! މާތްރަސްކަލާނގެ ޙަޟްރަތުން އަހަރެންގެ އަނބިމީހާ ދޫކޮށްނުލަމެވެ." އެނބުރި ގެއަށް ވަޑައިގަތުމުން އޭނާގެ ދަރިކަލުން ޢަލީ އާއި އޭނާގެ ދަރިކަނބަލުން އުމާމާ ސަލާމް ކުރައްވައި އެ ދެކުދިން ކޮނޑުގައި އަޅުއްވައިގެން އޭނާގެ ލޯބިވާ އަނބިމީހާ ޒައިނަބުގެ ފާނާއި ކައިރިވެ ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. " ކަނބުލޭގެ ދީން މަތީގައި ކަނބުލޭގެ ހުރުމުންނާއި، އަހަރެން އަހަރެންގެ ދީން މަތީގައި ޘާބިތުވެ ހުރުމަކުން އަހަރުމެންގެ ދެމެދުގައިވާ ކަންކަމަށް އަސަރެއް ނުކުރާނެއެވެ." އެހިނދު، ޒައިނަބުގެ ފާނަށްޓަކައި އިސްލާމް ދީން ޤަބޫލުކުރުމަށާއި، އެނޫންނަމަ، ދެމީހުން ވަކިވާން ޖެހިދާނެކަން ޒައިނަބުގެ ފާނުން ހަދާން ކޮށްދެއްވިއެވެ.

ރަސޫލާ ޙިޖްރައަށް ވަޑައިގެންނެވި އިރު ޒައިނަބުގެ ފާނުން ހިޖްރައަށް ވަޑައިނުގެން ފިރިކަލުން އަބުލްޢާޞް އަރިހުގައި މިދެންނެވި ޙާލަތުގައި ހުންނެވީ، މުސްލިމަކާއި، ޣައިރު މުސްލިމެއްގެ ތަފާތު ކައިވެންޏާބެހޭގޮތުން އެ ދުވަސްވަރު ބާވައިލެއްވިފައި ނުވުމުންނެވެ. އަދި ޒައިނަބުގެ ފާނުން މައްކާގައި ހުންނެވީ އެކަމަނާގެ ލޯބިވާ ފިރިކަލުންނަށް އިސްލާމް ދީނުގެ މަގަށް މަގު ދައްކަވާނެ ކަމުގެ އުންމީދުގައެވެ. މިގޮތުން ފިރިކަލުންގެ އަރިހުގައި ހުރުމަށް އެދި ރަސޫލާގެ އަރިހުން ޒައިނަބުގެ ފާނުން އެދިވަޑައި ގެންނެވުމުން، އެކަމަނާގެ ކުދިންނާއެކު ފިރިކަލުންގެ އަރިހުގައި ހުންނެވުމަށް އިޛުނަ ދެއްވިއެވެ. ނަމަވެސް ފަހުން އަލްޙުދައިބިއްޔާގައި މިކަމާބެހޭ ޙުކުމް ސޫރަތުލް މުމްތަޙިނާގެ 10 ވަނަ އާޔަތުގައި ބާވައިލެއްވުނެވެ. (لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ) މާނައީ: "އެކަނބަލުން އެއުރެންނަށް حلال ވެގެނެއް ނުވެތެވެ. އަދި އެއުރެންވެސް އެކަނބަލުންނަކަށް حلال ވެގެނެއް ނުމެވޭމެއެވެ."

މިގޮތުގައި އެކަމަނާ މައްކާގައި އުޅުއްވަނިކޮށް، ހަނގުރާމައިގެ ބެރުތައް ޖެހުމުން، ޤުރައިޝުން ނުކުތީ ބިރުވެރި ލަޝްކަރެއްގެ ގޮތުގައެވެ. އިބްނުލްޢާޞްގެ ކުރިމަތީގައި އޭނާގެ އަންހެން ދަރިފުޅު އުމާމާ އާއި، އޭނާގެ ފިރިހެން ދަރިފުޅު ޢަލީ އާއި އަލްވަދާޢު ކިޔުމުން ހިތާމައިގެ ވޭން އިޙްސާސް ކުރިއެވެ. އެކަލޭގެފާނުން އެންމެ ދެރަވި ކަމަކީ ލޯބިވާ ޒައިނަބާއި ވާދަވެރިވެ ކުރެވޭ ހަނގުރާމައަކަށް މި ހަނގުރާމަ ވުމެވެ. ހިތާމައިގެ ނޭވާއެއް ދޫކޮށްލުމަށްފަހު، އަސްމަތީގައި އަރައި ޤުރައިޝުންގެ ލަޝްކަރާއި ގުޅިވަޑައިގެންނެވިއެވެ. ޒައިނަބު، އެކަމަނާގެ އަންހެން ދަރިފުޅުގެ ގައިގައި ބައްދާލަމުން، މައްކާގައި ހުންނަ ގޭގެ ކުރިމަތީގައި ހުއްޓިވަޑައިގެންހުރެ، އެކަނބުލޭގެ ފިރިކަލުން، އެކަނބުލޭގެ ބައްޕަ ނަބިއްޔާއާ ހަނގުރާމަ ކުރަން މިސްރާބު ޖަހަމުންދާތަން ބަލަން ހުއްޓެވެ. އަންހެން ދަރިފުޅުގެ ގައިގައި ބައްދާލަމުން "އަހަރެމެންގެ ތެރެއިން އެކަކީ ޔަތީމެއް ކަމުގައި ވުމުން މެނުވީ، މި ދުވަހު އަހަރެމެންނަށް އިރު ނުއަރާނެ" ކަމަށް ބުނެވުނެވެ.

ބަދުރު ހަނގުރާމައިގައި ބައްޕާފުޅަށް ލިބުނު ކާމިޔާބީގެ ވާހަކަ ކިޔައިދެމުން ބޮޑުދައިތަ ޢާތިކާ ވަޑައިގަތުމުން، މާތް الله އަށް ޝުކުރުވެރިވެ ސަޖިދަ ޖަހާފައި، ދެން ދައްތަ ގާތު ސުވާލު ކުރިއެވެ. "އަހަރެންގެ ފިރިމީހާ ކީއްކުރީހެއްޔެވެ؟" ޢާތިކާ ހިތާމަވެރިކަމާއެކު ދެންނެވިއެވެ. "ކަނބުލޭގެ ފިރިމީހާ މަރާނުލެއްވި ނަމަވެސް، އެއީ އަސީރެކެވެ." އަބުލްޢާޞް ޢާއިލާއަށް އަސީރަކަށްވި ދަރިފުޅުގެ ފިދުޔަ އަދާކުރުމަށް ފައިސާ ނެތުމުން ޒައިނަބު އިޚްތިޔާރު ކުރީ ފިރިކަލުން އަޅުވެތިކަމުން ސަލާމަތްކުރުމަށް އޭނާގެ އަމިއްލަ ފައިސާ ޚަދަރު ކުރުމަށެވެ.

އަބުލްޢާޞްގެ ބޭބެ މާތްރަސްކަލާނގެ ރަސޫލާ ﷺ ގެ އަރިހުގައި އިށީނދެ ވަޑައިގެން ދެންނެވިއެވެ. "ޒައިނަބު އެކަމަނާގެ ފިރިކަލުންގެ ފިދުޔައެއްގެ ގޮތުގައި ފޮނުއްވި އެތި މިއޮތީއެވެ." ދެން އެ ނަންގަވައި ރަސޫލާގެ އަތްޕުޅަށް ލެއްވެވިއެވެ. އެ ނެންގެވިއިރު އެއީ ކަރުގައި އަޅާ ހާރެކެވެ. އެއީ ރަސޫލާއާއި ޚަދީޖާތުގެ ފާނާއި ދެމެދު އޮތް ލޯތްބެއް ހަނދާންކޮށްދިން ކަމެކެވެ. އެހެނީ މިފަށަކީ ޒައިނަބުގެ ފާނުންގެ ކައިވެނީގެ ރޭ ޚަދީޖަތުގެ ފާނުން ޒައިނަބުގެ ފާނަށް ދެއްވި ހާރެކެވެ. މިގޮތުން އަބުލްޢާޞް އަކީ ޒައިނަބުގެ ފާނުންގެ ފިރިކަލެއް، ލޯބިވެރިއެއް، އަދި ބޮޑުދައިތަގެ ދަރިއެއްކަން ހަނދާން ކުރުވިއެވެ. މި ޙާލަތުގެ ސަބަބުން ރަސޫލާ ﷺ އާއި، ޞަޙާބީންނަށް އަސަރު ކުރުވައިފިއެވެ. ރަސޫލާ ﷺ އެކަލޭގެފާނުގެ ޞަޙާބީންނަށް ބަސްފުޅު ވިދާޅުވުމުގެ ކުރިން ހިމޭންވެ ވަޑައިގެންނެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން އެކަމަނާއަށްޓަކައި އެކަލޭގެފާނުންގެ އަޅުވެތިކަން ދޫކޮށްލައި، އެކަމަނާގެ ފައިސާ އެކަމަނާއަށް އަނބުރާ ދެއްވާން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެކަން ކުރައްވާށެވެ." މިހިނދު ޞަޙާބީން އެފަދައިން ޢަމަލުކުރައްވިއެވެ. ރަސޫލާ ﷺ އެ ފަށް ދެއްވައި، އެކަލޭގެފާނު އެއްފަރާތަކަށް ޖެހިވަޑައިގެން އަބުލްޢާޞް އަށް ވިދާޅުވިއެވެ. "އޭ އަބުލްޢާސް އެވެ. މުސްލިމަކާއި، ކާފަރެއް ތަފާތު ކުރުމަށް މާތް الله ތިމަން ކަލޭގެގާނަށް އަންގަވާފައިވާތީ، ތިމަންކަލޭގެފާނުގެ ދަރިކަނބަލުން އަނބުރާ ދެއްވާނަންތޯއެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. އާދޭހެވެ! ދެން މައްކާއަށް އެނބުރިދިޔައީ، އޭނާގެ ހިތް ހިތާމަތަކުން ފުރިގެންދާނެ ގޮތެއް ނޭނގިފައެވެ. ޒައިނަބުގެ ފާނުން އަބުލްޢާޞް އާއި އިސްތިޤްބާލް ކުރަން ނުކުތީ، ފިރިމީހާއަށް އާ ދިރިއުޅުމެއް ލިޔެވިފައިވާ ލޯތްބަކީ ހަމަ އެއަގުކަން ނޭނގިފައި ހުރެއެވެ. އެހެނީ އަބުލްޢާޞް ދެންނެވިއެވެ. "ތިބާގެ ބައްޕަ ގާތަށް އެނބުރި ދާށެވެ." އެ ވާހަކަ ޒައިނަބުފެފާނުންގެ ނޭވާ ހާސްކޮށްލިއެވެ. އެއިރު ޒައިދު ބިން ހާރިޘާ އާއި އަންޞާރުންގެ ބޭކަލަކު މައްކާގެ ބޭރުގައި އެކަމަނާގެ އިންތިޒާރުގައި ތިއްބެވެ. އޭނާގެ ބޭބެ ކިނާނާ ބިން އަލްރަބީޢު އަށް ދެންނެވިއެވެ. އޭ އަޚާއެވެ. އަހަރެންގެ އަމިއްލަ ނަފްސުގައި އެކަމަނާއަށް ދެވިފައިވާ މަޤާމު ތިބާއަށް އެނގޭނެއެވެ. އެކަމަނާ ފިޔަވައި އެހެން އަންހެނަކު އަހަރެންގެ އަތްބެއްގެ ގޮތުގައި ވުމަށް އަހަރެން ނޭދެމެވެ. އަހަރެންގެ ކިބައިގައި އެކަނބުލޭގެ ހިފެހެއްޓުމުގެ ބާރެއް ނެތެވެ. އެކަނބުލޭގެއަށް ޙުރުމަތްތެރިކޮށް ހިތާށެވެ.

ޒައިނަބުގެ ފާނުން މަދީނާގައި އަބުލްޢާޞް އާއި ވަކިން އުޅުއްވި 6 އަހަރުގެ ތެރޭގައި އެހެން މީހަކާއި ކައިވެނި ކުރެއްވުމަށް ދެކޮޅު ހެއްދެވީ ފިރިމީހާ، ލޯބިވެރިޔާ، ދެ ދަރިންގެ ބައްޕަ އޭނާގެ ގާތަށް އެނބުރި އަންނާނެ ކަމުގެ އުންމީދުގައެވެ. އެއްރެއަކު ފަތިސް ނަމާދުގެ ކުރިން ދޮރުގައި މީހަކު ޓަކި ޖަހިއެވެ. އަބުލްޢާޞް ފެނުމުން ޒައިނަބުގެ ފާނުން ކެތްތެރިކަމާއެކު އެކަލޭގެފާނާއި ސުވާލުކުރިއެވެ."ތިޔަ އައީ މުސްލިމެއްގެ ގޮތުގައި ހެއްޔެވެ؟" ދެންނެވިއެވެ. "އަހަރެން މިއައީ ފިލައިގެންނެވެ." އުޑުމަތިން އުއްމީދުގެ ކުލަވަރެއް ފެންނާތީވެ، ސުވާލުކުރިއެވެ. "އިސްލާމް ވާން ނުވޭހެއްޔެވެ." އިސްލާމް ވުމަށް ދެކޮޅު ހެދުމުންވެސް ހިތާމައާއިއެކު އެކަލޭގެފާނަށް ޒައިނަބުގެ ފާނުން މަރުޙަބާ ދަންނަވައިފިއެވެ. ކަންހިނގައިދިޔަ ގޮތުގެ ވާހަކަ އެކަލޭގެފާނުން ޒައިނަބުގެ ފާނަށް ކިޔައި ދެއްވިއެވެ. މިގޮތުން އަބުލްޢާޞް ޤުރައިޝުންގެ ވިޔަފާރީ ޤާފިލާއެއްގެ އިސްމީހަކަށް ހުރެ ޝާމު ކަރައިން ވިޔަފާރިކޮށްގެން ވިޔަފާރި ޤާފިލާ އެނބުރި އައި މަގުމަތީގައި، މުސްލިމުންގެ ޖަމާޢަތަކާ ބައްދަލުވެ، އެމީހުން ހުރިހާ އެއްޗެއް އަތުލިއެވެ. އެމީހުންގެ ކިބައިން ފިލައިގެން ގޮސް އެކަމަނާއާ ހަމައަށް ދިޔައީއެވެ.

ރަސޫލާ ފަތިސް ނަމާދުގައި މުސްލިމުންނާއި އިމާމުވެ ނަމާދު ކުރަށްވަން ހުންނަވަނިކޮށް ނަމާދު ނިމުމުގެ ކުރިން، "އޭ މީސްތަކުންނޭވެ! އަހަރެން އަބުލްޢާޞް ރައްކައުތެރިކަމުގެ ދަށުގައިވާ މީހެއްގެ ގޮތުގައި ޤަބޫލުކޮށްފީމެވެ." އެއީ ޒައިނަބުގެ އަޑުކަން ރަސޫލާއަށް އެނގިވަޑައިގަންނަވާތީ، ނަމާދު ކުރައްވަން ތިއްބެވި މީހުންނާއި މުޚާޠަބުކޮށް ވިދާޅުވިއެވެ. "ﷲ ގަންދީ ވިދާޅުވަމެވެ. އެކަނބުލޭގެ ކިބައިން ތިޔަބައިމީހުންނަށް އަޑުއިވުނު އެއްޗެއް އަޑުއިވުމުގެ ކުރިން އެކަމުގެ އެއްވެސް ކަމެއް ތިމަން ކަލޭގެ ފާނަށް އެނގިވަޑައި ނުގަންންނަައެވެ." ދެން ޒައިނަބުގެ ފާނުން ވިދާޅުވިއެވެ. "އޭ މާތްރަސްކަލާނގެ ރަސޫލާ އެވެ. އަބުލްޢާޞް ދުރު މީހެއްނަމަ އެއީ ބޮޑުދައިތަގެ ދަރިކަލުންނެވެ. އަދި ކައިރި މީހެއްނަމަ، އެއީ އަހުރެންގެ ކުދިންގެ ބައްޕައެވެ. ފަހެ ހަމަކަށަވަރުން އަހަރެންގެ ރައްކައުތެރިކަމުގެ ދަށުގައިވާ މީހެއްގެ ގޮތުގައި އެކަލޭގެފާނުން ބަލައިގަނެފީމެވެ." އެހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ! މިމީހާ ތިމަން ރަސޫލާއަށް ކިޔައިދިނުމުން، އަހަރެން އެކަން ގަބޫލުކޮށް، ތިމަން ރަސޫލާއަށް ވަޢުދުވެ، އެ ވަޢުދު ފުރިހަމަ ކުރެއްވިއެވެ. އޭނާގެ ފައިސާ އޭނާއަށް އަނބުރާ ގެންދިއުން ގަބޫލުކޮށް، އޭނާގެ ރަށަށް އެނބުރި ދިއުމަށް ދޫކޮށްލަންޏާ، މިއީ ތިމަންކަލޭގެ ފާނަށް މާ ލޮބުވެތި ކަމެކެވެ. އަދި ތިޔަބައިމީހުން އެކަމާ ދެކޮޅު ހަދައިފިނަމަ، މައްސަލަ އޮތީ ތިޔަބައިމީހުންގެ މައްޗަށް ކަމަށާއި، ޙައްޤަކީ ތިޔަބައިމީހުންގެ ޙައްޤެއް ކަމުގައިވާތީ، އެކަމުގެ ކުށް ތިމަންކަލޭގެފާނުން ތިޔަބައިމީހުންގެ މައްޗަށް ކުށްވެރިއެއް ނުކުރަމެވެ. މީސްތަކުން ބުންޏެވެ. އޭނަގެ މުދާތައް އަހުރެމެން ދޭނީއެވެ. އެކަމަނާގެ ގެއަށް ރަސޫލާ ވަޑައިގެން އެކަމަނާ ގާތު ވިދާޅުވިއެވެ. "އޭ ޒައިނަބު އެވެ. އެކަލޭގެފާނަށް ގެކޮޅު ހައްދަވައި، ހެޔޮކޮށް ހިތާށެވެ. އެއީ ކަނބުލޭގެ ބޮޑުދައިތަގެ ދަރިކަލުންވިޔަސް އަދި ދަރިންގެ ބައްޕަ ކަމުގައި ވިޔަސް، އެކަލޭގެފާނާ ގާތް ނުވާށެވެ. އެކަމަނާ ވިދާޅުވިއެވެ. "މާތްރަސްކަލާނގެ ރަސޫލާއެވެ. އާދޭހެވެ!"

ޒައިނަބުގެ ފާނުން އަބުލްޢާޞް އަށް ބަލާލަމުން ދެންނެވިއެވެ. "މިއީ ކޮން އަޛާބެއްތޯއެވެ. އަހަރުމެން ވަކިވުމުން ފުރައްސާރަވެ އިހާނަތް ވެވިއްޖެއެވެ. އިސްލާމް ދީން ޤަބޫލުކޮށް، އަހަރުމެން އެކުގައި އުޅެންވީ ނޫންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. "އަހަރުމެންނާމެދު ﷲ ހެޔޮގޮތެއް އިރާދަ ކުރައްވާންދެނެވެ." ޒައިނަބުގެ ފާނުން ވިދާޅުވިއެވެ. "ﷲ އަހަރުމެންނަށް ރަޙްމަތް ލައްވާނދޭވެ!"

ދެން އަބުލްޢާޞް މަދީނާއިން މައްކާއަށް އެނބުރި ވަޑައިގެން ކަޢުބާގެ ކުރިމަތީގައި އަބުލްޢާޞް ހުއްޓިވަޑައިގެން ހުންނެވީ ވިޔަފާރި ވެރިންނަށް ވިޔަފާރީގެ ފައިދާގެ ފައިސާ ބެއްސެވުމަށެވެ. އެކަން ނިންމާލުމަށްފަހު ވިދާޅުވިއެވެ. "އޭ ޤުރައިޝުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފައިސާއެއް ބާކީ އަހަރެންގެ އަތުގައި އެބަހުރިތޯއެވެ؟” އެމީހުން ބުންޏެވެ. "ނޫނެކެވެ. މާތްރަސްކަލާނގެ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި!" އެހެންކަމުން އެކަލޭގެފާނު އެބައިމީހުންނަށް ބައްލަވާ ލައްވައި އަޑު އުފުއްލަވައި ވިދާޅުވިއެވެ. "ފަހެ، މާތް ﷲ ފިޔަވައި އެހެން އެއްވެސް އިލާހެއް ނުވާކަމަށާއި، އަދި ހަމަކަށަވަރުން މުޙައްމަދުގެ ފާނީ މާތްރަސްކަލާނގެ ރަސޫލާ ކަމަށް އަހަރެން ހެކިވަމެވެ."

އަބުލްޢާޞް ފަތިސް ވަގުތު މަދީނާއަށް ވަދެވަޑައިގެން، ރަސޫލާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އޭ މާތްރަސްކަލާނގެ ރަސޫލާ އެވެ. އިއްޔެ އަހަރެން ރައްކައުތެރިކަމުގެ ދަށުގައިވާ މީހެއްގެ ގޮތުގައި ޤަބޫލުކުރި ކަމަށާއި، މިއަދު އަހަރެން އައީ މާތް ﷲ ފިޔަވައި އެހެން އެއްވެސް އިލާހެއް ނެތް ކަމަށާއި، އަދި ކަލޭގެފާނީ މާތް ﷲ ގެ ރަސޫލާ ކަމަށް އަހަރެން ހެކިވާ ކަމަށް ބުނުމަށެވެ." ދެން މަޑުމަޑުން އިތުރަށް ވިދާޅުވިއެވެ. "އޭ މާތް ﷲ ގެ ރަސޫލާއެވެ. ޒައިނަބުގެ އަރިހަށް އަނބުރާ ދިއުމަށް ހުއްދަ ދެއްވާނަން ހެއްޔެވެ؟ ފަހެ، ރަސޫލާ ޒައިނަބުގެ ފާނުންގެ ގެއަށް ވަޑައިގެން ދޮރުގައި ޓަކިޖަހާލަމުން ޙަދީޘް ކުރެއްވިއެވެ. "އޭ ޒައިނަބެވެ. ކަނބުލޭގެ ބޮޑުދައިތަގެ ދަރިފުޅު މިއަދު ތިމަން ކަލޭގެފާނުންގެ ގާތަށް އައީ ހުއްދައަށް އެދިގެން ކައިވެނި ރުޖޫޢަ ކުރެއްވުމަށެވެ. ބަލައި ގަންނާނަންތޯއެވެ؟ "އެކަމަނާގެ މޫނު ރަތްވެ، ހިނިތުންވެ ލެއްވިއެވެ. ދެން އަބުލްޢާޞް ޒައިނަބުގެ އަރިހުގައި އަހަރެއްހާ ދުވަހު ދިރިއުޅުއްވީ ރަސޫލާ ﷺ އަލުން އެކަމަނާއާއި ކައިވެނި ކުރެއްވުމަށް ފަހުގައެވެ. ނުވަތަ ރުޖޫޢަ ކުރެއްވުމަށްފަހު ގައެވެ. ދެން މާގިނަ ދުވަސްތަކެއް ނުވެ، ޒައިނަބުގެ ފާނުން އަވަހާރަ ވެއްޖެއެވެ. އަބުލްޢާޞް ހިތާމަކޮށް ރޮއި ހެއްދެވިލެއް ބޮޑުކަމުން ރަސޫލާ ﷺ އެކަލޭގެފާނުންގެ ގައިގައި ފިރުމާލައްވާ ހެއްދެވިތަން ޞަހާބީންނަށް ފެނިވަޑައިގަތެވެ. އެކަލޭގެފާނު ރަސޫލާ ﷺ އަށް ދެންނެވިއެވެ. "އޭ މާތް ﷲ ގެ ރަސޫލާއެވެ. ޒައިނަބާ ނުލައި އަހަރެންނަށް މިދުނިޔެއަށް ދެން ކެތެއް ނުކުރެވޭނެއެވެ." އަބުލްޢާޞް އަވަހާރަވީ ޒައިނަބުގެ ފާނުން އަވަހާރަވިތާ އަހަރެއްހާ ދުވަސް ފަހުންކަމަށް ރިވާ ވެގެންވެއެވެ. އާދެ! މި ދެބޭފުޅުން ދުނިޔެއަށް ދޫކުރެއްވި ދެމަފިރިންގެ ލޯބީގެ މިސާލަކީ އިސްލާމް ދީނުގައި ލޯބި ވުމުގެ ގިނަ ހަމަތައް ދަސްކޮށްދޭ ޢިބްރަތުން ފުރިގެންވާ ރިވެތި ނަމޫނާ ލޯބީގެ މިސާލެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް