އެއްޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން ފުލުހަކު ސަސްޕެންޑުކޮށްފި

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މަައްސަލައެއްގައި ތުހުމަތު ކުރެވޭ ފުލުހަކު ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

މިހާރު ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ހައި ޕްރޮފައިލް ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އަލަމްގިރިއާ އެކު ބަދުއަޚުލާގީ އަމަލު ހިންގަނިކޮށެވެ.

ފުލުހުން މިއަދު ބުނީ ފުލުސް މީހާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފެންނަ އެ ވީޑިއޯއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

އެގޮތުން އެ މައްސަަލައިގެ ޖީނާއީ ތަހުގީގުގެ އިތުރުން އަޚުލާގީ މައްސަލަވެސް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާއިރު މިހާރު އެ މައްސަލާގައި ތުހުމަތުކުރެވޭ ފުލުސް މީހާ ހުރީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ގިނަ ވީޑިއޯތަކެއް ލީކުކޮށްލާފައިވާއިރު އެންމެ ފުރަތަމަ މިދިޔަ މަހުގެ 24 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ. އޭގެ ތެރެއިން އެކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް ނާޒިމް އެ ތުހުމަތުތައް ދޮގުކުރެއެވެ.

އެކަމާ ގުޅިގެން ފުލުހުން ވަނީ އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށް ބުނެ ނާޒިމްގެ ޕާސްޕޯޓުވެސް ހިފަހައްޓާފައެވެ. އަދި ފުލުސް އޮފީހަށް ގެންގޮސް އޭނާއަށް ސުވާލުވެސް ކުރިއެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ތުހުމަތު ކުރެވޭ ވީޑިއޯގެ އިތުރުން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރު ފެންނަ ފޮޓޯއެއްވެސް ދައުރުވާން ފަށާފައެވެ.

އޭގެ ފަހުން ދައުރުވާން ފަށާފައިވަނީ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެކެވެ.

އެންމެ ފަހުން ދައުރުވާން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ވީޑިއޯއެކެވެ.

ކާނަލް ވަނީ ދައުރުވަމުންދާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަ ކޮޓަރިއަށް ދިޔަކަމަށް އެއްބަސްވެފައެވެ. އޭނާ ވިދާޅުވީ އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ބަޔަކު ދައުވަތު ދިނުމުންކަމަށެވެ. އަދި ބަދުއަހުލާގީ އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމަށް ވެސް ކާނަލް ވިދާޅުވިއެވެ.

ފުލުހުން ވަނީ އޭގެ ތެރެއިން ކޮންމެ މައްސަލައެއް ވެސް މިހާރު ބަލަމުންދާ ކަމަށާއި އެކަމުގައި ހައްޔަރުކުރަން ޖެހޭ ފަރާތަތްތައް ހައްޔަރުކުރާނެކަމަށް އެކި ފަހަރުމަތިން ބުނެފައެވެ.

comment ކޮމެންޓް