އަމީނީ މަގު ނެގީ ޕީޕީއެމް ކައުންސިލަކުން އެ މަގު ނަހަދާނެކަން އެނގޭތީ: މިނިސްޓްރީ

ޕްލޭނިން މިނިސްޓްރީން ބޭއްވި ޕްރެސްގައި ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވާހަކަ ދައްކަވަނީ -- ފޮޓޯ/ މިނިސްޓްރީ

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ނެގީ ޕީޕީއެމްގެ ކައުންސިލެއް އޮތްހާހިނދަކު, އެ މަގު ރަނގަޅު ފެންވަރަކަށް ނަހަދާނެކަން އެނގޭތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި ވަނީ 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ މާލޭ ސްޓްރީޓް ސްކޭޕިން ޕްރިޖެކްޓަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވައިގެން 2019 ވަނަ އަހަރު އިފުތިތާހުކުރި ޕްރޮޖެކްޓެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓަށް ކޮންސެޕްޓް ޕްލޭނެއް ހެދުމަށްފަހު، އެ ޕްލޭން ފައިނަލް ކުރީ އޭރު އޮތް މާލޭ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ލަފައާއި މަޝްވަރާ ވެސް ހޯދައިގެން ކަމަށެވެ. އަދި ވިދާޅުވީ ފައިނަލް ކުރުމަށްފަހު 2020 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި އާރުޑީސީން ސިޓީ ކައުންސިލުގައި ބުނެގެން އެ މަސައްކަތް ފެއްޓީ ކަމަށެވެ.

އަކުރަމް ވިދާޅުވީ އޭގެ ފަހުން އަލަށް އައި ކައުންސިލުން ވެސް އެ މަސައްކަތް ވަކި ހިސާބަކަށް ކުރިއަށް ގެންދިޔުމަށްފަހު ކުރިން ރާވާފައި އޮތް ސްކޯޕުގެ ތެރެއިން އިތުރު ބަދަލުތަކެއް ގެނައި ކަމަށެވެ.

"ބަދަލުތައް ގެނައުމަށްފަހު، އެ މަސައްކަތް ވަކި ހިސާބަކަށް ގެންގޮސްފައި އަނެއްކާ އިތުރު ބަދަލުތަކެއް ގެންނަން އުޅުނީ. ދެން މިނިސްޓްރީން ދެންނެވީ މިހާރު އެ ސްކޯޕް ތެރޭގަ ބަޖެޓުގައި ހިމެނިފައިވާ އަދަދުގެ ތެރެއިން ކުރާނަމަ މައްސަލައެއް ނެތޭ. ދެން އަނެއްކާ ވެސް އެއަށް މަޑުޖެހުމެއް އައިސް އޮއްވާ ރައީސް ބޭނުންފުޅުވީ މިހާރު ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވަނީ އަމީނީ މަގު ކަމަށް ވާތީ އެ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށް،" އަކުރަމް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ވާހަކަފުޅު، މޭޔަރު ޑރ. މުޙައްމަދު މުޢިއްޒަށް ދެންނެވުމުން އެކަން ބައްލަވާނެ ކަމަށް ވިދާޅުވުމަށްފަހު ޖަވާބެއް ދެއްވުން ލަސްކުރެއްވި ކަމަށް އަކުރަމް ވިދާޅުވިއެވެ. އަދި ޑރ. މުޢިއްޒު ފަހުން ވިދާޅުވީ، ޕީޕީއެމް ކައުންސިލެއްގައި އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުން ނުވާ ކަމަށް ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.

"ރައީސް ވިދާޅުވި ވާހަކަފުޅު ދެތިން ފަހަރަކު މުޢިއްޒަށް ދެންނެވުމުން ވިދާޅުވީ މިއީ ޕީޕީއެމް ކައުންސިލެކޭ، އަމީނީ މަގު އެހާ ރަނގަޅު ފެންވަރަކަށް ހަދާކަށް ބޭނުމެއް ނުވެއޭ. އެހެން ވިދާޅުވީމަ އަޅުގަނޑުމެންނަށް އެނގިއްޖެ ދެން މި މަގެއް ނަހަދާނެކަން. އެނގުނީމަ ސަރުކާރުން މި ނިންމީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން އެ މަސައްކަތް މިނިސްޓްރީއަށް ނަގައިގެން ކުރިއަށް ގެންދަން،" އަކުރަމް ވިދާޅުވިއެވެ.

އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިނިސްޓްރީއަށް ނެގި މައްސަލައިގައި ޑރ. މުޢިއްޒު ވިދާޅުވީ "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"އަށް ސަރުކާރާ ވާހަކަދައްކައިގެން ބައެއް ބަދަލުތައް ގެނެސް އެއްބަސްވުން އަލުން ހަދާފައި އޮއްވައި ކައުންސިލަށް އެ މަސައްކަތް ނުވީ ކަމަށް ނިންމައި އެ މަޝްރޫއު ސިޓީ ކައުންސިލުން ނަގާފައިވަނީ ލާމަރުކަޒީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

މާލޭގެ މަގު ހެދުމުގެ މަޝްރޫއުގައި ހިމެނޭ އަމީނީ މަގު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އާރުޑީސީއާއެކު މީގެ ކުރިން އެއްބަސްވެފައިވަނީ 39 މިލިއަން ރުފިޔާއަށެވެ.

މިކަން ފާހަގަ ކުރައްވައި ޑރ. މުޢިއްޒު ވަނީ ޕްލޭނިން މިނިސްޓްރީން އެއާ ޚިލާފަށް 84 މިލިއަން ރުފިޔާއަށް އަމީނީ މަގު ހަދަން އާރުޑީސީއާ ހަވާލު ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.

މަރާމާތު ނުކޮށް ދިގު މުއްދަތެއް ފާއިތުވުމުން އަމީނީ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެގޮތުން މަގުގައި އަޑިގުޑަންތައް ގިނަވުމުގެ ސަބަބުން ފައިމަގުގައި އުޅޭ މީހުންނަށް ކުރިމަތިވާ ދަތިތަކުގެ އިތުރުން ކާނުތައް ގަވާއިދުން ސާފު ނުކުރެވޭތީ، މަގުގައި ފެން ބޮޑުވާ މައްސަލައަކީ ވެސް އެއްވެސް ސަރުކާރަކަށް ހައްލު ހޯދައިދެވިފައި ނުވާ ވަރަށް ބޮޑު މައްސަލައެކެވެ.

comment ކޮމެންޓް