ތައިރޮޑަށް ބޭނުންކުރާ ބޭހެއްގެ ފޭކް ބޭސްތަކެއް އިންޑިއާއިން ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
އެކަމާ ގުޅިގެން އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ އެމްކޭ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ Thyronorm 100 mcg ބޭހުގެ ކައުންޓާފީޓް ޕްރޮޑަކްޓެއް ނުވަތަ ފޭކް ބޭހެއް ފެނިފައިވާކަމަށް އެ ގައުމުގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން އަންގާފައިވާކަމަށެވެ.
އެ ބޭހުގެ ކައުންޓާފީޓް ޕްރޮޑަކްޓްތަކާބެހޭ މައުލޫމާތު ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ހިއްސާކޮށްފައެވެ. އަދި އެ ބޭސް ރާއްޖެ އެތެރެކުރުމަކީ މަނާކަމެކެވެ.
އެއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ މާކެޓުން ބޭހުގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތާއި، ޕޯސްޓް އޮފް އެންޓްރީގައި އެ ބާވަތުގެ ބޭސް އެތެރެކުރޭތޯ ބަލާކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.