ލުގާނޯ (5 ޖުލައި 2022): ޔޫކްރޭން އާ ދެކޮޅަށް ރަޝިއާ ކުރަމުންގެންދާ ހަނގުރާމައިގައި ޔުކްރެއިން އަށް ލިބިފައިވާ މާއްދީ ގެއްލުންތަކުން އަރައިގަތުމަށް 750 ބިލިޔަން އެމެރިކާ ޑޮލަރު ޔުކްރެއިންއަށް ބޭނުންވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ޔުކްރެއިން އިން މިހެން ބުނެފައިވަނީ އެގައުމަށް އިގްތިސާދީ ގޮތުން އެހީވުމަށްޓަކައި ފައިސާ ހޯދުމަށް ސްވިޓްޒަލެންޑުގެ ލުގާނޯގައި ކުރިއަށްދާ ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫކްރޭންގެ ބޮޑުވަޒީރު ޑީންސް ޝިމިހާލް ވިދާޅުވީ ރަޝިޔާގެ ބާރުގަދަ ހަމަލާތަކުގައި ޔޫކްރޭންގެ ބޮޑެތި ސިޓީތަކުގެ އިންފްރާސްޓްރަކްޗާ ވަރަށް ބޮޑަށް ހަލާކުކޮށްލާފައިވާ ކަމަށާއި ޔުކްރޭން އަލުން ބިނާކޮށް އާރާސްތު ކުރުމަށް 750 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމުގައެވެ.
ޔޫކްރޭން ރިކަވަރީ ކޮންފަރެންސްގެ ނަމުގައި ބައްވާ މި ބައްދަލުވުން އިންތިޒާމުކުރީ އިނގިރޭސިވލާތް އިސްކޮށް ހަރަކާތްތެރިވެގެންނެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިނގިރޭސި ޚާރިޖީ ވަޒީރު ލިޒް ޓްރަސް ވިދާޅުވީ ޔުކްރޭނަށް ބޭނުންވާ އިގްތިސާދީ އެހީތައް ހޯދުމަށް ޚާއްސަކޮށްގެން ލަންޑަނުގައި އޮފީހެއް ދާދިއަވަހަށް ހުޅުވާނެކަމަށާ އަންނަ އަހަރު ވެސް މިފަދަ އިތުރު ބައްދަލުވުމެއް އިންތިޒާމު ކުރާނެކަމަށެވެ.
އިނގިރޭސިވިލާތަކީ ފަލަސްތީނުގެ ބިން އިނގިރޭސީންގެ އަތްދަށުގައި އޮތްދުވަސްވަރު އެބިންތައް ގަވައިދާ ޚިލާފަށް ޔަހޫދީ ޒަޔަނިސްޓުންނަށް ދީ ފަލަސްތީނުގެ ހައްގުތައް ނަގާލުމުގައި އެންމެ އިސް ދައުރު އަދާކުރި އިސްތިއުމާރީ ބާރެވެ.
ފަލަސްތީނު އަޅުވެތި ކުރުމަށްޓަކައި ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޒަޔަނިސްޓް ޔަހޫދީ ޣައިރު ގާނޫނީ ގައުމެއް އުފެއްދުމުގައި އެމެރިކާއާ ގުޅިގެން އެންމެ ބޮޑު ދައުރެއް އަދާކުރީ އިނގިރޭސިވިލާތުންނެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދައި މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ މިނިވަންކަމުގެ ޖިހާދަށް އެންމެ ބޮޑަށް ހުރަސްއަޅައި އެޖިހާދަކީ ޓެރަރިޒަމްކަމަށް ސިފަކޮށް އިސްރާއީލުގެ އަނިޔާވެރިކަމަށް އެންމެ ބޮޑަށް ވާގިވެރިވާ އެއްގައުމަކީވެސް އިނގިރޭސިވިލާތެވެ.
ނަމަވެސް ޔުކްރެއިން އަށް ރަޝިއާ އަރައިގަތުމުން ޔޫކްރޭންގެމިނިވަންކަމާއި ހައްގުތަކުގެ ވާހަކައާއި ރަޝިއާގެ އަޅުވެތިކަމާއި އަނިޔާވެރި ކަމުގެ ވާހަކަ އެންމެ ބޮޑަށް ދައްކައި ޔުކްރެއިން ގެ ހައްގުގައި އެންމެ ބޮޑަށް ވާކާލާތުކުރާ ގައުމަކީވެސް އިނގިރޭސިވިލާތެވެ. އަދި ޔޫކްރޭންގެމިނިވަންކަމާއި ހައްގުތަކަށްޓަކައި ރަޝިއާއާ ދެކޮޅަށް "ޖިހާދު" ކުރަންޖެހޭ ވާހަކަ ދައްކައި އެކަމަށް އެންމެ ބޮޑަށް ވާގިވެރިވާ އެއްގައުމަކީވެސް އިނގިރޭސިވިލާތެވެ.
ޔޫކްރޭން ރިވަކަރީ ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން އިނގިރޭސި ޚާރިޖީ ވަޒީރު ލިޒް ޓްރަސް ވިދާޅުވީ މިއީ ރަޝިއާގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށާ އަދި ޔުކްރެއިން ރައްޔިތުން ރަޝިއާއާ ދެކޮޅަށް ކުރާ "ޖިހާދަށް" ވާގިވެރި ވުމަށާ އަދި ޔުކްރެއިން އަލުން އާރާސްތުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބާއްވާ ބައްދަލުވުމެއް ކަމުގައެވެ.
ޔޫކްރޭން އާރާސްތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައާއި ރަޝިއާއާ ދެކޮޅަށް "ޖިހާދު" ކުރުމަށް ޔުކްރެއިން ހިއްވަރު ޔުކްރެއިން އަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އިނގިރޭސި ވިލާތް ދެމި އޮންނާނެ ކަމަށްވެސް އިނގިރޭސި ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އިނގިރޭސި ވިލާތާއި ޔޫކްރެއިނުގެ އިސް މަސްއޫލުވެރިންގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ އިސްވެރިންނާއި، އިންސާނީ އެހީދޭ ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކާއި ޖަމާޢަތްތަކުގެ އިސްވެރިން ބައިވެރިވެއެވެ.