މިއަހަރު ތެރޭ އަދިވެސް ތަކެތީގެ އަގުތައް އުފުލޭނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ބާޒާރުގައި މިހާރު ވެސް ތަކެތީގެ އަގު އުފުލެމުންދާތީ ރާއްޖޭގައި ވެސް މިއަހަރު ތެރޭ ތަކެތީގެ އަގަށް އިތުރު ބަދަލުތައް އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ މިއަހަަރުގެ ފުރަތަމަ ހަތަރު މަހު ތަކެތީގެ އަގުތައް އުފުލުނު މިންވަރު އިތުރުވި ކަމަށެވެ. އެގޮތުން އަގުތައް އެންމެ މަތިވީ ކާބޯތަކެތީގެކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރާއްޖޭގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ގިނަ ބާވަތްތަކަކީ ރާއްޖެއަށް އެތެރޭކުރާ ތަކެއްޗަށް ވާތީ ބައިނަލްއަގުވާމީ އަގުތަކަށް އަންނަ ބަދަލުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

"2022 ވަނަ އަހަރުގެ ކުރިއަށް އޮތް ތާނގަ އަގުތަކަށް ބަދަލު އަންނާނެ ކަމަށް އަޅުގަނޑުމެންނަށް އަދިވެސް ލަފާ ކުރެވޭ. މިހާރު ކޮމޮޑީޓީސްގެ ޕްރައިސް ދުނިޔޭގެ ބާޒާރުގަވެސް އަގުތައް އިތުރު ވަމުންދާތީ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިއަހަރު ކާބޯތަކެތީގެ އަގު އުފުލުނު ނަމަވެސް ޖުމްލަ އިންފްލޭޝަން އިތުރުނުވަނީ މުވާސަލާތީ ހިދުމަތުގެ އަގުތައް މިދިޔަ އަހަރުގެ ފަހުކޮޅު ހެޔޮކުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ތަކެތީގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ލަފާ ކުރެވޭ ސަބަބުތަކުގެ ތެރޭގައި، މުވާސަލާތީ ހިދުމަތުގެ އަގުތައް ހެޔޮކުރުމުގެ ބޭސް އިފެކްޓް ނުވަތަ ކުރު މުއްދަތުގެ އަސަރު ފިލައިގެން ދިޔުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ރަޝިއާ އާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލާއި އެހެނިހެން ތަކެތީގެ އަގު އަދިވެސް އުފުލެމުންދާ ކަމާއި ކޮވިޑްގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް އެރި ލޮޅުންތަކުން އަދިވެސް އަރައިނުގަނެވޭކަން އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ފަހުގެ ތާރީހުގައި ހީނަރުވެގެން ނުދާ މިންވަރަކަށް ހީނަރުވި ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޖެހިގެން އައި އަހަރު ގައުމުގެ އިގުތިސާދު ކުރިއެރި ކަމަށެވެ. އަދި މިއަހަރުވެސް ގައުމުގެ އިގުތިސާދު 13 ޕަސެންޓާއި 16 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ ކޮވިޑް-19އާ ގުޅިގެން އޭރު ސަރުކާރުން އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ސަބަބުންނޭ މިއަދު އަޅުގަނޑުމެންގެ ރާއްޖޭގެ އިގުތިސާދު ދުނިޔޭގެ އެހެން އިގުތިސާދުތަކާ އަޅާ ބަލާއިރު އެންމެ އަވަހަށް ކުރިއަރާ އެއް އިގުތިސާދަކަށް ވެގެން ދަނީ،" އަމީރު ވިދާޅުވިއެވެ.

އެއާއެކު އަމީރު ވަނީ، ދުނިޔޭގެ އިގުތިސާދުތަކަށް ބަލާއިރު އެންމެ އަވަހަށް ކުރިއަރަމުންދާ ފަސް ގައުމުގެ ތެރޭގައާއި އޭޝިއާއިން އެންމެ ކުރިއަރާ ދެ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް