އެމެރިކާގެ ޝިކާގޯގެ އާންމުން ބޭއްވި ހަރަކާތަކަށް ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލައިފި

ޝިކާގޯ (5 ޖުލައި 2022) : އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޝިކާގޯގެ އަވަށެއްކަމަށްވާ ހައިލޭންޑް ޕާކްގައި އިއްޔެ ކުރިއަށް ދިޔަ އެމެރިކާ މިނިވަން ދުވަހުގެ ހަރަކާތެއްގެ ތެރެއަށް ބަޑިޖަހައި ހަ މީހުން މަރާލައިފިއެވެ.

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މި ހަރަކާތް އިންތިޒާމުކުރީ ހައިލޭންޑް ޕާކްގެ ރައްޔިތުންނެވެ. މިހަރަކާތުގެ ބޮޑުބަޔަކީ ޕެރޭޑެކެވެ. ބަޑިޖެހީވެސް ޕެރޭޑްގެ ތެރެއަށެވެ. ބަޑިޖަހަން ފެށުމާއެކު ޕެރޭޑް ބަލަންތިބި މީހުން ބިރުގަނެ ހާސްވެ ކޮޅުކޮޅަށް ދުއްވައިގަތެވެ. ކުޑަކުދިންނާ އެމީހުންގެ މައިންބަފައިންނެވެ. މުސްކުޅިންނާއި ނުކުޅެދޭ މީހުންވެސް އެމީހުންނަށް ވީވަރަކުން ފިލަން މަސައްކަތްކުރިއެވެ.

ބަޑިޖެހުމުގެ މި ހާދިސާގައި ހަ މީހުން މަރުވެ 36 އަށްވުރެ ގިނަ މީހުން ޒަޚަމްވިކަން ޝިކާގޯގެ ފުލުހުން ކަށަވަރުކޮށްދެއެވެ. ޝިކާގޯގެ ފުލުހުން ބުނާގޮތުން ބަޑިޖެހުމުގެ ޖަރީމާ ހިންގީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. ނަމަކީ ރޮބަޓް ކްރީމޯއެވެ. ފުލުހުންގެ އޮޕަރޭޝަންގައި އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ޝިކާގޯގެ މި ހާދިސާއަކީ އެމެރިކާގައި އިތުރުވަމުންދާ އާއްމުންގެ ތެރެއަށް ބަޑިޖަހައި މީހުން މެރުމުގެ ހާދިސާތަކުގެ ތެރެއިން ހާދިސާއެކެވެ. އެމެރިކާގައި އާއްމުންގެ ތެރެއަށް ބަޑިޖަހައި މީހުން މެރުމުގެ ޖަރީމާތައް ދަނީ އާދަޔާ ޚިލާފަށް ގިނަވަމުންނެވެ. ބަޑިގެންގުޅުން މަނާކުރަން އެމެރިކާގެ އެއްބަޔަކު ބޭނުންވިޔަސް އަނެއްބަޔަކު އެކަމާދެކޮޅެވެ. ޚާއްސަކޮށް މުއްސަނދިންނާއި ނުފޫޒުގަދަ ފަރާތްތަކުންނެވެ.

ތަފާސްހިސާބުތައް ބުނާގޮތުން އެމެރިކާގައި ހިންގާ ބަޑިޖެހުމުގެ ޙާދިސާތަކުގައި އަހަރަކު ގާތްގަނޑަކަށް 40 ހާސް މީހުން މަރުވެއެވެ. އެމެރިކާގައި އާންމުން ބަޑިގެންގުޅުން މަނާކުރުމަށް ގާނޫނެއް ފާސްކުރަން ކޮންގްރެސްގެ މެންބަރުންގެ އަޣްލަބިއްޔަތެއް ނެތެވެ. ކޮންގްރެސްގެ މަދު މެންބަރަކު ނޫނީ އާންމުން ބަޑިގެންގުޅުން މަނާކުރުމަށް ތާއީދެއް ނުކުރެއެވެ.

އެމެރިކާގެ މިނިވަން ދުވަހަކީ 1776 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހެވެ. އެއީ އިނގިރސީންގެ އަތްދަށުން އެމެރިކާއަށް މިނިވަންކަން ލިބި މިނިވަންކަމުގެ ޑޮކިއުމެޓް ނެރުނު ދުވަހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް